Roadha Mihaaru
އައްޔަގެ ހެޓްރިކުން އޭދަފުއްޓަށް ފަސް ލަނޑުގެ މޮޅެއް

އައްޔަގެ ހެޓްރިކުން ތުޅާދުއާ ދެކޮޅަށް އޭދަފުއްޓަށް ފަސް ލަނޑުގެ މޮޅެއް

22 ނޮވެމްބަރ 2024

އަލީ ނަސީމް (އައްޔަ) ގެ ހެޓްރިކާ އެކު 5-1 ގެ ނަތީޖާ އަކުން ތުޅާދޫގެ މައްޗަށް އޭދަފުށިން ބޮޑު މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަލީ ނަސީމް (އައްޔަ) ގެ ހެޓްރިކާ އެކު 5-1 ގެ ނަތީޖާ އަކުން ތުޅާދޫގެ މައްޗަށް އޭދަފުށިން ބޮޑު މޮޅެއް ހޯދައިފި އެވެ.

އޭދަފުށިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން މުހައްމަދު އަޖުފާން އެވެ. އެއަށް ފަހު ލީޑު ފުޅާ ކުރީ މިއަހަރު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އޮޑި ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ޖައުޝަން އަބްދުﷲ (ޖައު) އެވެ. އަދި ހާފު ނިމެނިކޮށް ތިންވަނަ ލަނޑު ޖަހައިދިނީ އަލީ ނަސީމް އެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ ފަސް މިނިޓު ތެރޭ އޭދަފުށިން ވަނީ ގޯލު ޖަހަން ރަނގަޅު ތިން ފުރުސަތެއް ހޯދައިފަ އެވެ. ނަމަވެސް ކާމިޔާބު ވާގޮތެއް ނުވި އެވެ.

އޭގެ ފައިދާ ނަގައި ތުޅާދޫ އިން ވަނީ ހޯދި ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން މެޗުގެ ތެރެއަށް ވަދެވޭތޯ މަސައްކަތް ކޮށްފަ އެވެ.

އެކަމަކު އަލީ ނަސީމް ވަނީ އިތުރު ދެ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ހެޓްރިކް ފުރިހަމަ ކުރި އޭރިއާ ބޭރުން ލިބުނު ބޯޅައެއް ބާރު އުންޑައެއް ހެން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

އަޖުފާން އާއެކު އޭފަދުށީ ޓީމު ލިސްޓުގައި ދިވެހި ޕްރިމިއާ ލީގު ކުޅޭ އެ ރަށުގެ ހަތަރު ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. ނަމަވެސް މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން (ބިޑި) އަދި އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ވަނީ ހިމަނައިފަ އެވެ. ނަމަވެސް މާޒިޔާ އާއި އީގަލްސް އިން ހުއްދަ ނުދޭތީ މި ތިން ކުޅުންތެރިން މެޗުގައި ނުކުޅުވަ އެވެ.

މީގެ އިތުރުން އިޝާން އިބްރާހިމް (ސައްޓު) އާއި މުހައްމަދު ފާސިރު (ފާއްޓޭ) ވެސް އޭދަފުށީ ޓީމުގައި ހިމެނެ އެވެ. ޓީމުގެ ކެޕްޓަނަކީ ސައްޓު އެވެ.

މިއީ، ގަލޮޅި ދަނޑުގައި 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ތ. ތިމަރަފުށި 1-0 އިން ބަލިކުރި ފަހުން އޭދަފުށިން ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ މުބާރާތް ކާމިޔާބު ކޮށްގެން އެ ޕްރެޒިޑެންޓްސް ކަޕުން ޖާގަ ލިބޭ ގޮތަށް އޭރު އޮތް ނަމަވެސް ފަހުން ގަވާއިދު ބަދަލު ކުރުމާ ގުޅިގެން އޭދަފުއްޓަށް އެ ފުރުސަތެއް ނުލިބުނެވެ.