Roadha Mihaaru
ސިޓީގައި އިތުރު އެއް އަހަރަށް ގާޑިއޯލާ މަޑުކުރާނެ

ސިޓީގައި އިތުރު އެއް އަހަރަށް މަޑުކުރަން ގާޑިއޯލާ އެއްބަސްވެއްޖެ

20 ނޮވެމްބަރ 2024

މެންޗެސްޓާ (ނޮވެމްބަރު 20) – މެންޗެސްޓާ ސިޓީގައި އިތުރު އެއް އަހަރަށް މަޑުކުރަން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (ނޮވެމްބަރު 20) – މެންޗެސްޓާ ސިޓީގައި އިތުރު އެއް އަހަރަށް މަޑުކުރަން، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އެއްބަސްވެއްޖެ އެވެ.

ސިޓީއާ އެކު ގާޑިއޯލާ ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވާނެ އެވެ. ކޮންޓްރެކްޓް އާ ކުރުމާ މެދު އެ ކްލަބުން އޭނާއާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދިޔަ ކަމަށް މިޑީއާތަކުން ބުންޏެވެ.

އެ މަޝްވަރާތަކުގައި ގާޑިއޯލާ އެއްބަސްވީ، އިތުރު އެއް އަހަރު އެ ޓީމުގައި މަޑު ކުރުމަށެވެ. އޭރުން ސިޓީގައި 10 ސީޒަން އޭނާ ހޭދަކުރާނެ އެވެ.

ބާސެލޯނާ އާއި ބެޔާން މިޔުނިކްގެ ކުރިގެ ކޯޗަކީ، ސިޓީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ އެ ކްލަބަށް 15 ތަށި ހޯދައި ދީފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަ ތަށި ވެސް ހިމެނެ އެވެ.

އީއެސްޕީން އިން ބުނީ ކޮންޓްރެކްޓް އާ ކުރުމަށް ގާޑިއޯލާ އެއްބަސްވީ މިހާރު ކުރިއަށްދާ ފީފާ ވިންޑޯ އަށް ކްލަބްގެ ހަރަކާތްތައް މެދުކެނަޑލި ފަހުން ލިބުނު ބްރޭކްގައި ކުރި މަޝްވަރާތަކަށް ފަހު އެވެ.

މީގެ ކުރިން އޭނާގެ ކޮންޓްރެކްޓް އާ ކުރި ދެ ފަހަރު ވެސް އެއްބަސްވުން އާ ކުރީ ނޮވެމްބަރުގަ އެވެ. އެއީ 2020 އާއި 2022 ގަ އެވެ. ކުރިއަށް އޮތް ކޮންޓްރެކްޓްގައި ވެސް މި މަސް ނިމުމުގެ ކުރިން އޭނާ ސޮއި ކުރާނެ ކަމަށް ބެލެވެ އެވެ.

ކުރިއަށް އޮތް ސީޒަން ގާޑިއޯލާ ހޭދަ ކުރާނީ އޭނާގެ އެންމެ ބޮޑު އެހީތެރިޔާ ސްޕޯޓިން ޑައިރެކްޓަރު ޓިކިސިކީ ބެގްރިސްޓައިން ނުލަ އެވެ. އުމުރުން 60 އަހަރުގެ ބެގްރިސްޓައިން ވަނީ މި ސީޒަނަށް ފަހު ރިޓަޔާ ކުރާނެކަން އިއުލާން ކޮށްފަ އެވެ. ގާޑިއޯލާ ބުނެފައި ވަނީ އޭނާގެ ކާމިޔާބުގެ އެއް ބަޔަކީ ބެގްރިސްޓައިންގެ މަސައްކަތް ކަމަށެވެ.