Roadha Mihaaru
ރަށުން ބޭރަށްދާނަމަ ޖޭއެސްސީއަށް އަންގަން ޖެހިއްޖެ

އުއްތަމަ ފަނޑިޔާރާއި އިސް ފަނޑިޔާރުން ހަފުތާ ބަންދުގައި ރަށުން ބޭރަށް ދާނަމަ ޖޭއެސްސީއަށް އަންގަން ޖެހޭ ގޮތަށް ހަދައިފި

17 ނޮވެމްބަރ 2024

އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އެކަން އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަން (ޖޭއެސްސީ) އަށް އެކަން އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ.

ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ނެރުނު ސާކިއުލާގައި ބުނީ ކޮންމެ ފަނޑިޔާރަކު ވެސް އޭނާގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަންވާނެ ކަމަށް ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންވެ، ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު/ދާއިރާ ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ގާޒިން އަދި އިސް މެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އަންގަން ޖެހެނީ ޖޭއެސްސީއަށެވެ. އަދި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އަންގަން ޖެހޭއިރު، ހައި ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެ ކޯޓުގެ އިސް ފަނޑިޔާރަށް އަންގަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އެ ކޯޓެއްގެ އިސް ގާޒީއަކަށް އަންގަން ޖެހޭއިރު ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓުން ރަށުން ބޭރަށް ދާނަމަ އެކަން އެ ޖުޑީޝަލް ދާއިރާއެއްގެ އިސް މެޖިސްޓްރޭޓަށް އަންގަން ޖެހެ އެވެ.

ޖޭއެސްސީން މިދިޔަ މަހު ވަނީ ފަނޑިޔާރުން އައްޔަން ކޮށްފައިވާ ދާއިރާއިން ބޭރަށް ކުރާ ދަތުރުތަކަށް އެ ކޮމިޝަންގެ ހުއްދަ ނަގަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.