Roadha Mihaaru
ސިފަ ބަދަލުވިޔަސް މަންމައަށް އޮޅުވައެއް ނުލެވުނު

ސިފަ ބަދަލުވިޔަސް މަންމައަށް އޮޅުވައެއް ނުލެވުނު

07 މާޗް 2017

އިންޑޮނީޝިއާގެ ޒުވާން ފިރިހެނަކު ލަންޑަނުގައި ތިން އަހަރު ވަންދެން ކިޔަވަން އުޅެފައި އެނބުރި ގައުމަށް ދާންވި އިރު ހުރީ ވަރަށް ބޮޑަށް ހިކި ސިފަޔަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އޭނާ ގަސްދުކުރީ މި ބޮޑު ބަދަލުގެ ބޭނުންކޮށްގެން މައިންބަފައިންނާ ސަމާސާއެއް ކޮށްލާށެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑޮނީޝިއާގެ ޒުވާން ފިރިހެނަކު ލަންޑަނުގައި ތިން އަހަރު ވަންދެން ކިޔަވަން އުޅެފައި އެނބުރި ގައުމަށް ދާންވި އިރު ހުރީ ވަރަށް ބޮޑަށް ހިކި ސިފަޔަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އޭނާ ގަސްދުކުރީ މި ބޮޑު ބަދަލުގެ ބޭނުންކޮށްގެން މައިންބަފައިންނާ ސަމާސާއެއް ކޮށްލާށެވެ.

ހާދީ ވިބާވާ ލަންޑަނުގައި ތިން އަހަރު ހޭދަކުރި އިރު އެންމެ ފަހަރަކު ވެސް ގައުމަކަށް ނުދެ އެވެ. އޭނާ ހުންނަ ގޮތް މައިންބަފައިންނަކަށް ނުވެސް ފެނެ އެވެ. ހާދީގެ ހަށިގަނޑު މި ތިން އަހަރު ތެރޭ 20.4 ކިލޯގްރާމް ލުއިވެފައިވެ އެވެ.

ހާދީ އޭނާގެ ބޭބެއަށް ގުޅައި މި ރޭވުމުގައި ބޭބެ ބައިވެރިކުރި އެވެ. މައިންބަފައިންނަށް ނޭނގި އެނބުރި ގައުމަށް ދިޔަ އެވެ. އެ ދުވަހު ހާދީގެ ބޭބެ މަންމަ އާއި ބައްޕައަށް ކެއުމަކަށް ދައުވަތު ދީގެން ރެސްޓޯރަންޓަކަށް ގެންދިޔަ އެވެ. މަންމަ އާއި ބައްޕަ އައުމުގެ ކުރިން ހާދީ އިނީ އެމީހުންނަށް ތައްޔާރުކޮށްފައިވާ މޭޒާ ޖެހިގެން އިން މޭޒެއްގައި ނޭނގޭ ކަމަށް ހަދައިގެންނެވެ.

ހާދީގެ މަންމަ އާއި ބައްޕަ ގޮސް، އެމީހުންނަށް ތައްޔާރުކޮށްފައިވާ ތަނުގައި އިށީނެވެ. ޖެހިގެން އިން މޭޒުގައި، ހުދު ޓީޝާޓެއް ލައިގެން އިނީ ކާކު ކަމެއް މި މީހުންނަކަށް ފާހަގައެއް ނުވި އެވެ.

އެކަމަކު ހާދީގެ މަންމައަށް ހާދީ ފެނުމާއެކު ޝައްކުވި އެވެ. އަދި އެންމެފަހުން މަންމައަށް އެއީ އޭނާގެ ދަރިފުޅުކަން ޔަގީންވި އެވެ. އެކަމަކު ބައްޕައަށް އޭނާގެ ދަރިފުޅު ވަކިކުރާކަށް ނޭނގުނެވެ.