Roadha Mihaaru
މަސައްކަތް ލަސްވީ ބިމާއި ފެނުގެ މައްސަލާގައި: އެންސީސީ

މަސައްކަތް ލަސްވީ ބިމާއި ފެނުގެ މައްސަލާގައި: ނޯތު ކޯސްޓް ކޮންސްޓްރަކްޝަން

12 ނޮވެމްބަރ 2024

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް، އާސަންދަ އިމާރާތް އަޅަން ހަވާލުކުރި މަސައްކަތް ލަސްވީ ބިމާއި އެތަނުގައި ހުރި ޕައިޕް ލައިނުތަކެއްގެ މައްސަލާގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް، އާސަންދަ އިމާރާތް އަޅަން ހަވާލުކުރި މަސައްކަތް ލަސްވީ ބިމާއި އެތަނުގައި ހުރި ޕައިޕް ލައިނުތަކެއްގެ މައްސަލާގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބަލަމުން އަންނަ އެ މައްސަލާގައި މިއަދު ވަނީ އެ ކުންފުންޏާއި އާސަންދަ އަދި އެޗްޑީސީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން އަލީ ހަމީދު ވިދާޅުވީ އެ ކުންފުންޏަށް އެތަނުގެ ބިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު 16 ގައި ކަމަށާއި އެތަނުގެ ޕަވާ އޮފް އެޓާނީ ލިބުނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

އޭރު އެތަނުގެ ފެންސިން މަސައްކަތް ފުރަތަމަ ފެށީ ފެންސިން ޕާމިޓް ނުނަގައި ކަމަށާއި އަލުން އެ ހުއްދައަށް ލައިގެން އެ މަސައްކަތް ވެސް އަލުން ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އެ މަސައްކަތް ކުރަމުން އަންނައިރު އިރުއިރުކޮޅާ އާސަންދައިގެ ކޮންސަލްޓަންޓު ބަދަލުވާ ކަމަށާއި އެހާ އަވަހަށް ކޮންސަލްޓަންޓު ބަދަލުކުރަނީ ކޮން އުނދަގުލަކާ ހުރެ ކަމަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހަމީދު ވިދާޅުވި ގޮތުގައި އެ ބަދަލުގެ ސަބަބުން ކޮންމެ ފަހަރަކު ބައްދަލުވުންތައް ފަށައި، އެޕޮއިންޓްމަންޓަށް ވެސް މަޑުކުރަން ޖެހެ އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ލަސްވި ގޮތުގެ ޝެޑިއުލް އެ ކޮމިޓީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

މާލިއްޔަތު ކޮމިޓީއަށް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާއި އާސަންދަ އާއި އެޗްޑީސީގެ ބޭފުޅުން ހާޒިރުކޮށްފައި.

މާލިއްޔަތު ކޮމިޓީއަށް ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާއި އާސަންދަ އާއި އެޗްޑީސީގެ ބޭފުޅުން ހާޒިރުކޮށްފައި.

ހަމީދު ވިދާޅުވީ އެތަނުގެ އިންޖީނިއަރިން ޑޮކިއުމަންޓްތައް އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެއަށް ބަލައި، އެތަނުގެ ބިލްޑިން ރިކުއަމަންޓަށް ބަލާފައި ޕްލޮޓް ހަމަޖައްސައިދޭ ކަމަށެވެ.

އެކަމަކު ޕްލޮޓް ހަމަޖެހުމުން މަސައްކަތް ފެށުމަށް ޝީޓް ޕައިލިންގެ މަސައްކަތް ކުރިއިރު ދީފައި އޮތް ބިމަށް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އަޅާފައި އޮތް ހުރިހާ ޔުޓިލިޓީ ހޮޅިތައް އަރާ ކަމަށާއި އެކަން އެޗްޑީސީއަށް އެންގުމުން ބުނެފައި ވަނީ އެ ކުންފުނިތަކަށް އަންގައިގެން އެކަން ކުރިއަށް ގެންދިއުމަށް ކަމަށް އޭޭނާ ވިދާޅުވި އެވެ.

"އެޗްޑީސީގައި ދެންނެވީމަ ބުނީ ތިމަންނާމެންނާ ބެހޭ ކަމެއް ނޫނޭ ޔުޓިލިޓީ ކުންފުނިތަކާ މަޝްވަރާކުރާށޭ. ސްޓެލްކޯ އިން އީމެއިލް ކޮށްގެން ބައްދަލުވުން ތިން ހަތަރު ފަހަރު ބޭއްވިން. އެ މީހުން ބުނީ އެއީ ހިޔާގެ މެއިން ލައިންތަކޭ. އެ ރިލޮކޭޓް ކުރުމަކީ ވަރަށް އުނދަގޫ އަދި އަގު ބޮޑު ކަމެކޭ. އަދި 48 ގަޑިއިރު ކަރަންޓު ކަނޑައިގެން އެ މަސައްކަތް ކުރުމަކީ ސޮލިއުޝަނެއް ނޫނޭ. އެޗްޑީސީއާ ވާހަކަ ދައްކާށޭ،" ކޮމިޓީގައި އޭނާ ވިދާޅުވި އެވެ.

އެ މަޝްވަރާތަކަށް ފަހު ބިން އެތެރެއަށް ޖައްސައިގެން ރިލޮކޭޓް ކުރީ މިއަހަރުގެ މެއި 15 ގަ އެވެ.

އެ ބިން ލިބުމާ އެކު ފެނާއި ކަރަންޓުގެ މަސައްކަތަށް އެދެން މަސައްކަތް ކުރި ނަމަވެސް އެ ބިމަކީ ކުރިން އެހެން ބަޔަކަށް ދީފައި އޮތް ބިމެއް ކަމަށާއި އެ ބިމުގައި ހުރި މީޓަރު އިނީ އެ މީހުންގެ ނަންމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، އާ ކަނެކްޝަނަކަށް އެދުމުގެ ފުރުސަތެއް ނެތް ކަމަށް އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ އިން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އެކަން އާސަންދައަށް އެންގިން އެހެންވެ. އެ މީހުން އާސަންދަ ނަމަށް ބަދަލުކުރަން ނިންމި. އެ މީޓަރަށް ނުދައްކާ އޮތް ވަރަށް ގިނަ ފައިސާ، އެހެންވެ އެ ނުދައްކަނީސް އެމްޑަބްލިއުއެސްސީން ބޭނުމެއް ނުވި އެކަން ކޮށްދޭން ފެނުގެ ކަންކަން ހައްލުކުރަން ވެސް ދުވަސް ނެގި،" އޭނާ ވިދާޅުވި އެވެ.

އެކަންކަމަށް އެކަނި ވެސް 269 ވަރަކަށް ދުވަސް ހޭދަވި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ލަސްވުމަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ވިދާޅުވީ އެ މައްސަލަތައް ދިމާވި ކަމަށެވެ.

"ޕްލޮޓް އެތެރެއަށް ޖައްސައިގެން އެކަން ހައްލުކުރީ. އެ ދެންނެވި ކަންކަމަށް ވަގުތު ހިނގާފައި އެބަ ހުރި. އަޅުގަނޑުމެންގެ ރެކޯޑުން ވެސް އެކަން އެބަ ދައްކާ،" ފަޒުލް ވިދާޅުވި އެވެ.

އެ މައްސަލާގައި މެމްބަރަކު ސުވާލުކުރުމުން ތަފްސީލު ދެއްވަމުން ފަޒުލް ވިދާޅުވީ، ބިން ހަވާލުކޮށްފައި އޮތީ ރަނގަޅު ތަނުން ކަމަށެވެ. ދިމާވި މައްސަލައަކީ ޝީޓް ޕައިލްކުރުމުގައި އެއް މީޓަރު، ބޭރަށް ކުރެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް ޝީޓް ޕައިލް ކުރާނީ ބައުންޑަރީ ލައިންގެ ތެރޭގައި. އޭގެ ސަބަބުން ދިމާވި ކަމަކީ ސްޓެލްކޯގެ ޕަވާ ކޭބަލްތަކާއި އެމްޑަބްލިއުއެސްސީގެ ވޯޓާ ނެޓްވޯކުގެ މައްސަލަ ދިމާވީ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު އެގޮތަށް އެކަން ކުރަން މުހިއްމު ކަމަށް ކޮންޓްރެކްޓަރު އެންގުމުން، ޕްލޮޓް އެތެރެއަށް ޖެއްސީ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދޭން ކަމަށް ފަޒުލް ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލަ ދިފާއުކުރައްވަމުން ހަމީދު ވިދާޅުވީ އެއީ މިނުގެ މައްސަލައެއް ކަމަށެވެ.

މި މައްސަލާގައި މާލިއްޔަތު ކޮމިޓީއަށް އާސަންދައިން ފޮނުވި ސިޓީގައި ވަނީ އެ ކުންފުންޏަކީ މަސައްކަތްކުރުމުގެ ގާބިލު ކުންފުންޏެއް ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު މަސައްކަތް ލަސްވި ސަބަބު އެގޮތަށް އޮތްއިރު އެހެން އެންގީ ކީއްވެތޯ ސުވާލުކުރުމުން އާސަންދައިން ބުނީ ކޮންޓްރެކްޓަރުގެ ސަބަބުން ނޫން ގޮތަކަށް އެ މަސައްކަތް ލަސްވާ ނަމަ، އެކަން އިތުރުކޮށްދޭން ރަސްމީކޮށް އަންގަން ޖެހޭ ކަމަށެވެ.

އެކަމަކު ލިޔެކިޔުންތަކާ އެކު ވަގުތު އިތުރުކޮށްދޭން އެދިފައިނުވާ ކަމަށް އާސަންދައިން ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 3 ގައި އެ ކުންފުންޏާ ވެސް ބައްދަލުކޮށްފައިވާ ކަމަށާއި އެކަމަކު ސައިޓުގައި އެކަށީގެންވާ ގޮތަށް މަސައްކަތްތައް ކުރިއަށް ނުދާއިރު، މަސައްކަތް ލަސް ކަމަށް ވެސް ބުންޏެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ނަޒަރުގައި މަސައްކަތުގައި ޑިލޭ އެއް އެބަ އޮތް. އެ މީހުންގެ އެ ގާބިލުކަން އޮތް ކަމުގެ ޔަގީންކަން ދެވޭކަށް ނެތޭ."

ސެޕްޓެމްބަރު، 2016 ގައި އާސަންދައިން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަޝްރޫއު ހަވާލުކުރީ 61 މިލިއަން ރުފިޔާއަށެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު ވަނީ އަންދާޒާކޮށްފަ އެވެ.

ފަނަރަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި، 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާސަންދައިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގީ ބަޖެޓް މައްސަލަތަކަކާ ހުރެ އެވެ. އެހެންވެ، މަޝްރޫއު ހުއްޓާލުމުން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށް ބުނެ ސަރުކާރާ އެކު ހެދި އިތުރު ސެޓްލްމަންޓް އެގްރީމެންޓެއްގެ ދަށުން އެހެން މަޝްރޫއުއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ އެ ކުންފުންޏަށް މިދިޔަ އަހަރު ދޫކޮށްފައިވެ އެވެ.