Roadha Mihaaru
ގާނޫނުއަސާސީއާ ކުޅުން ސިޔާސީ ވެރިންގެ އާދަޔަކަށް

ގާނޫނުއަސާސީއާ ކުޅުން ސިޔާސީ ވެރިންގެ އާދަޔަކަށް

24 ނޮވެމްބަރ 2024

ތާރީހީ ކަންކަން ދިރާސާ ކުރައްވާ ކުރީގެ ނޫސްވެރިއަކު ވިދާޅުވި އެވެ؛ ގާނޫނުއަސާސީއާ ކުޅެގަނެގެން މި އުޅެނީ މިއަދަކު އަލަކަށް ނޫނެވެ. މި ފަހަކާ ޖެހެންދެން ވެސް އެއީ އަބަދުވެސް އެ އިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވާ ގޮތަށް މުށުތެރޭ ބާއްވަން ބޭނުން ކުރާ އެއްޗެކެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ތާރީހީ ކަންކަން ދިރާސާ ކުރައްވާ ކުރީގެ ނޫސްވެރިއަކު ވިދާޅުވި އެވެ؛ ގާނޫނުއަސާސީއާ ކުޅެގަނެގެން މި އުޅެނީ މިއަދަކު އަލަކަށް ނޫނެވެ. މި ފަހަކާ ޖެހެންދެން ވެސް އެއީ އަބަދުވެސް އެ އިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވާ ގޮތަށް މުށުތެރޭ ބާއްވަން ބޭނުން ކުރާ އެއްޗެކެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަން ނިމުމުން ރައީސް މައުމޫން އަބްދުލްގައްޔޫމް ހަވާލުވެވަޑައިގެން ވެސް އެންމެ ފުރަތަމަ ފެއްޓެވި ބޮޑު މަސައްކަތަކީ "އެމަނިކުފާނު ބޭނުންވާ ގޮތަށް" ގާނޫނުއަސާސީ އެކުލަވައިލުމެވެ. ނަމަވެސް އޭރު އެ މަސައްކަތް ނިންމާލަން 17 އަހަރު ނެގި އެވެ. ބޮޑު ރެކޯޑެކެވެ.

ގިނަ އަހަރުތަކެއް ނުވެ، 2003 ގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި، މައުމޫނަށް އެތެރެ އާއި ބޭރުން އައި ފިއްތުންތަކާ އެކު އެ ގާނޫނުއަސާސީ އިސްލާހުކޮށް ނިންމުމުގެ މަސައްކަތް އާ ބާރަކާ އެކު 2004 ގައި ފެއްޓެވި އެވެ.

އޮގަސްޓު 7، 2008 ގައި ތަސްދީގު ކުރެއްވި ފެހި ގާނޫނުއަސާސީ ވެގެން ދިޔައީ އެ މަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަން ނިމުމުގެ ވެސް ފެށުމަކަށެވެ.

އޭގެ ފަހުން މައުމޫންގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން މިއަދާ ހަމައަށް އައި ކޮންމެ ވެރިކަމެއްގައި ގާނޫނުއަސާސީ އިސްލާހު ކުރި އެވެ. އެ އިސްލާހުތައް ގެނައި ގޮތާއި ވަގުތާއި ނިޔަތާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް ހުއްޓެވެ.

ވަކި ބޭފުޅަކަށް ނައިބު ރައީސްގެ މަގާމު ދިނުމާއި ވަކި ބަޔަކަށް ވެރިކަމަށް ނާދެވޭ ގޮތަށް ހެދުމަށް ގާނޫނުއަސާސީ ބަދަލު ކުރި އެވެ. ބޭރު މީހުންނަށް 99 އަހަރަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމުން ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުން އެ ގޮތް ގޯސް ކަމަށް ބުނެ އެ މާއްދާ އުވައިލަން އަލުން ގާނޫނުއަސާސީ އިސްލާހު ކުރި އެވެ. ހަމަ އެ މަޖިލީހުން މެންދަމު 2:00 ގައި މަޖިލިސް ބާއްވައި ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ ބަދަލުކުރި އެވެ.

މި ހުންނަނީ ރާއްޖޭގައި ގާނޫނުއަސާސީ އިސްލާހު ކުރާ ގޮތެވެ. މިއީ މިހާރު ވަކި ބަޔަކު ވެރިކަމުގައި ތިއްބެވީމާ ކުރާ ކަމެކޭ ވިދާޅުވެ، ކުރީގެ އެއްވެސް ވެރިއަކަށް ވެސް ވާހަކަފުޅު ދެއްކެވޭކަށް ނެތެވެ. ކޮންމެ ވެރިކަމެއްގައި ވެސް ކަން ކޮށްފައި އޮތީ އެއްގޮތަކަށެވެ. މާޒީ ހަނދާން ނައްތާލާފައި އޮޅުވާލައްވަނީ ސީދާ ރައްޔިތުންނަށެވެ. ހަގީގަތް ގަބޫލުކުރަން ބޭނުންވާ މީހާ ވާހަކަ ދައްކަން ޖެހެނީ މާޒީގެ ސަފުހާތައް ހުޅުވައިގެންނެވެ.

މިހާރު ދިމާވެގެން މި އުޅެނީ ވެސް ހަމަ އެކަހަލަ ކަމެކެވެ. މާ ބޮޑު ތަފާތެއް ނެތެ. މައުމޫން ވިދާޅުވާހެން ހަމައެކަނި ސުޕަ މެޖޯރިޓީ އޮތް ޕީއެންސީން ދުނިޔޭގެ ރެކޯޑެއް ހެދުމެއް ނޫނެވެ. އަދި އެއީ އަތް ޖަހަން ޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ.

ސިޔާސީ ގޮތުން ކޮންމެ ކަމެއް ފަހަތުގައި އޮތް ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އެއްވެސް މަޝްވަރާއެއް ލަފައެއް ނެތި ރައްޔިތުން ނުވަތަ ތަޖުރިބާކާރުންގެ ހިޔާލެއް ހޯދުމެއް ނެތި ގާނޫނުއަސާސީ ބަދަލުކޮށްލައިފި ކަމެވެ. ކުޑަމިނުން ގާނޫނުއަސާސީ ދިރާސާކުރި ހާއްސަ މަޖިލީހުގައި އެ މާއްދާތަކާ ބެހޭ ގޮތުން ކޮށްފައި އޮތް ބަހުސެއް ބަލައި ވެސް ނުލަ އެވެ.

ރައްޔިތުން ތަމްސީލް ކުރަން 93 ދާއިރާއެއްގެ މެންބަރުން ތިބި އިރު 15 މެންބަރެއް ފިޔަވައި އެހެން އެއްވެސް މެންބަރަކު އަނގައިން ވެސް ނުބުނެ އެވެ. ވިޕް އައި ގޮތަށް ސްކްރީނަށް ފިތާލައި ވޯޓެއް ދިނުން ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާ އެއްގައި އިބްރާ ވާހަކަ ދައްކަވަނީ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާ އެއްގައި އިބްރާ ވާހަކަ ދައްކަވަނީ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު މަޖިލީހުގައި ކަންކަން ހިނގި ގޮތާއި ގެނައި އިސްލާހުތަކާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އެކަން ސިފަ ކުރެއްވީ ގާނޫނުއަސާސީ ނެތިގެން ދިޔުން ފަދަ ކަމެއް ގޮތުގަ އެވެ.

އިބްރާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ބަދަލުކުރުމުގެ ޒިންމާ އާއި ބާރު މަޖިލިސް މެންބަރުންނަށް ދީފައި ވަނީ އެއީ އަލުން ކުޑަ އިސްލާހެއް ގެންނަން ވިޔަސް އާ ހާއްސަ މަޖިލީހެއް އިންތިހާބު ކޮށްގެން ނޫނީ އެކަން ނުކުރެވޭ ގޮތަށް އޮވެއްޖެ ނަމަ އޭގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހޭނެތީ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށް އޭރު ލިޔުނު އިރު، ޑިމޮކްރަސީއެއްގައި އެއް ޕާޓީއަކަށް ނުވަތަ އެއް ފިކުރެއްގެ ބަޔަކަށް މިހާ ބޮޑު އަޣުލަބިއްޔަތެއް ލިބިދާނެ ކަމަކަށް ހީނުކުރާ ކަމަށް އިބްރާ ވިދާޅުވި އެވެ. ބޮޑު އަޣުލަބިއްޔަތެއް ބޭނުންވާ ކަމަށް ލިޔެފައި އޮންނާނީ ގިނަ ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ނޫނީ އެފަދަ އިސްލާހެއް ނުގެނައުމަށް ބާރު އަޅައިގެން ކަމަށް އިބްރާ ވިދާޅުވި އެވެ.

"އެ ވަރުގެ ބޮޑު އަޣުލަބިއްޔަތެއް އެއް ޕާޓީއަކަށް އެއްވެސް ވިސްނުމެއްގެ ބަޔަކަށް ލިބުމަކީ ނާދިރު ކަމެއް ކަމަށް އޭރު އަޅުގަނޑުމެންނަށް ވިސްނުނީ. ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ ސިޔާސީ ހުރިހާ ދާއިރާއެއްގެ މީހުންނަށް ވެސް އަދި ބޮޑު އަޣުލަބިއްޔަތެއް އެއްބަސްވާ ބައެއް ގޮތުގައި." އިބްރާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އަށް އެއްވެސް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އޭގެ ސަބަބުތައް ރައްޔިތުންނަށް ކިޔައިދީ، ސީދާ ރައްޔިތުން ކައިރިއަށް ގޮސް މަޝްވަރާކޮށް، އެ މައްސަލަތަކާ ބެހޭ ގޮތުން ބަހުސްތައް ކުރުމާއި މައުލޫމާތު ބަދަލު ކުރުމާއި މަދަނީ ޖަމިއްޔާތަކާއި އިންޓްރަސްޓަޑް ގްރޫޕްތަކާ އެކީ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް އިބްރާ ވިދާޅުވި އެވެ.

ގިނަ ވަގުތު ނަގައިގެން އެ މަސައްކަތް ކުރުމެއް ނެތި މަޖިލީހުގެ ފްލޯއާ ހަމައަށް އެ މައްސަލަ ގެންގޮސްގެން ވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"[އެ މަރުހަލާތައް ފުރިހަމަ ކޮށްގެން] މަޖިލީހުގައި ތާވަލު ކޮށް، ވޯޓު ނަގާ ހަދަން ޖެހޭނީ. އެ ހުރިހާ ވާހަކައެއް ގާނޫނުއަސާސީގައި އަކުރުން އަކުރަށް ލިޔެފައި ނެތަސް އޭރުގެ ވެސް ވިސްނުމަކީ އެއީ،" އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވި ގޮތުގައި ސަރަހައްދާ ގުޅޭ މާއްދާތައް ބަދަލު ކޮށްލާއިރު، ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ފަދަ ބޭފުޅުންނާ އެ ދާއިރާގެ އެކްސްޕާޓުންނާ ވާހަކަ ދައްކަން ޖެހެ އެވެ. އަސްކަރީ ކަންކަމާ ގުޅޭ މާއްދާތައް ބަދަލުކުރެއްވި އިރު ސަލާމަތީ ހިދުމަތްތަކާއި ރިޓަޔަޑް ވަރުގަދަ ބޭފުޅުން މަޖިލިހަށް ގެންގޮސްގެން މަޝްވަރާ ހޯދަން ޖެހެ އެވެ. މެންބަރުންގެ ގޮނޑި ގެއްލޭ ފަދަ ވާހަކަތައް ގާނޫނުއަސާސީގައި އިތުރަށް ލިޔާއިރު ކުޑަމިނުން ރައްޔިތުންގެ ކައިރީ އަހާލަން ޖެހެ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި ޕީއެންސީގެ ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތަށް މީގެ އިރުކޮޅެއް ކުރިން ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި ޕީއެންސީގެ ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތަށް މީގެ އިރުކޮޅެއް ކުރިން ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ނަމަވެސް މިދިޔަ ހަފުތާގައި ގާނޫނުއަސާސީ ބަދަލުކޮށްލި އިރު އެއްގޮތަކަށް ވެސް އެ ވިސްނުމެއް ނެތް ކަން މާ ކުރިން އެނގިއްޖެ އެވެ. މިދިޔަ އަންގާރަ ދުވަހު އެ އިސްލާހު ގެންނަން އުޅޭ ވާހަކަ ފެތުރުމާ އެކު، ޕީއެންސީ މެންބަރުންގެ ތެރޭގައި ވެސް ޝަކުވާ އާއި މައްސަލަ ވަރަށް ބޮޑުވި އެވެ. ގިނަ މެންބަރުންގެ އަތަކަށް އޭރު ވެސް ބިލް ނާރަ އެވެ. އަދި އަމުދުން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް އޭގެ ހިލަމެއް ނުވެ އެވެ.

ޖެހިގެން އައި ދުވަހު ފުރަތަމަ ކިޔުން އިއްވުމާއި ބަހުސް ފެށުން އޮތީ އެޖެންޑާގައި ހިމަނައިފަ އެވެ. ޕީއެންސީގެ ތެރޭގައި ރާވާފައި އޮތީ މައްސަލަ ކޮމިޓީ އަށް ފޮނުވުމާއި ކޮމިޓީ ނިންމައި ދުވަހުން ދުވަހަށް ފާސް ވެސް ކުރުމަށެވެ.

އެކަމަކު، އެގޮތަށް އަވަސް އަރުވާލައިގެން އެ މަސައްކަތް ނިންމާލުމުން ގާނޫނުއަސާސީއާ ފުށުއަރާ ބައެއް ބައިތައް ހުރި ކަމަށް މިއަދު ބައެއް މެންބަރުންނާއި ކުރީގެ މަޖިލިސް މެންބަރުން ތުހުމަތު ކުރެއްވި އެވެ. ބައެއް އިސްލާހުތައް ތަންފީޒު ނުކުރެވޭނެ ކަމަށް ކުރީގެ ފަނޑިޔާރުން އެބަ ވިދާޅުވެ އެވެ. އަދި ސަރަހައްދާ ގުޅޭ ގޮތުން ވެސް ގާނޫނުއަސާސީއެއްގައި ނުލިޔެވޭނެ ފަދަ އިބާރާތްތަކެއް ހުރި ކަމަށް ބައެއް ތަޖުރިބާކާރުން އެބަ ވިދާޅުވެ އެވެ.

ދެން ކިހިނެތްތޯ މި ގޯސް ރަނގަޅު ކުރާނީ. ހާއްސަ މަޖިލީހުން ހަތަރު އަހަރުވަންދެން މި މަޝްވަރާތައް ކޮށްގެން މި މަސައްކަތް ކޮށްފަ މި އޮތީ އެއް މާއްދާ އަނެއް މާއްދާ އާ ވަރަށް ބޮޑަށް ގުޅިފަ އޮންނަ ގޮތަށް. މިހާރު ތައާރަޒްވާ ގޮތަށް މި އޮތް އޮތުން ކިހިނެތްތޯ ރަނގަޅު ކުރާނީ

އިބްރާ ވިދާޅުވި ގޮތުގައި މިފަދަ ކިތަންމެ ގިނަ މައްސަލަތަކެއް ދެން ފެނުނަސް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ އެވެ.

މަޖިލީހުން ހަދާ ގާނޫނަކާ ގުޅޭ މައްސަލަތަކެއް ފާހަގަ ވެއްޖެ ނަމަ އެ ގާނޫނެއް ބާތިލް ކުރަން ނުވަތަ އިސްލާހު ކުރަން ސުޕްރީމް ކޯޓަށް ދެވިދާނެ އެވެ. އަދި އެގޮތަށް އަމުރު ކުރުމުގެ ބާރު ގާނޫނުއަސާސީން އެ ކޯޓަށް ދީފައިވެ އެވެ. ނަމަވެސް "ރައްޔިތުންގެ" މަޖިލީހުގެ އެހާ ބޮޑު މެޖޯރިޓީއަކުން ގާނޫނުއަސާސީ ބަދަލު ކުރުމުން އެކަމެއް ސުޕްރީމް ކޯޓަކަށް ވެސް ބަދަލެއް ނުކުރެވޭނެ އެވެ.

"ދެން ކިހިނެތްތޯ މި ގޯސް ރަނގަޅު ކުރާނީ. ހާއްސަ މަޖިލީހުން ހަތަރު އަހަރު ވަންދެން މި މަޝްވަރާތައް ކޮށްގެން މި މަސައްކަތް ކޮށްފައި މި އޮތީ އެއް މާއްދާ އަނެއް މާއްދާއާ ވަރަށް ބޮޑަށް ގުޅިފަ އޮންނަ ގޮތަށް. މިހާރު ތައާރަޒްވާ ގޮތަށް މި އޮތް އޮތުން ކިހިނެތްތޯ ރަނގަޅު ކުރާނީ،" އިބްރާ ވިދާޅުވި އެވެ.

އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ގާނޫނީ ބޭފުޅުން މިފަދަ ކަންބޮޑުވުންތައް ފާޅު ކުރިޔަސް ޕީއެންސީގެ މެންބަރުންނަށް މިއަދު ދެއްކޭނެ މަ ގިނަ ޖަވާބުތަކެއް ނެތެވެ. ނަމަވެސް ނަން ނުޖަހާ ވާހަކަ ދައްކަވަން އެއްބަސްވި މަދު މެންބަރުންތައް ވެސް މިހާރު ދައްކަނީ މުޅިން އެހެން ވާހަކަ އެކެވެ. އެއީ އެ ދުވަހު އެކަން ނުކޮށްފި ނަމަ ސަރުކާރަށް ވާނެ ގޮތުގެ ވާހަކަ އެވެ.

މެންބަރުން މަޖިލީހުގެ ތަޅުމުގައި--ފޮޓޯ: މަޖިލިސް

މެންބަރުން މަޖިލީހުގެ ތަޅުމުގައި--ފޮޓޯ: މަޖިލިސް

"ގައުމު މިއޮތީކީ އާދައިގެ ހާލަތެއްގައެއް ނޫން. ހަނގުރާމަ ފަށާފައި އޮތީ އާދައިގެ ބަޔަކާ ނޫން. ރައީސް އެ ފިޔަވަޅު ނޭޅުއްވި ނަމަ [އާ ދައުރު ފެށޭ] ފެބްރުއަރީ [2025] ގައި އަނެއްކާވެސް ބަޣާވާތެއް އައުން ގާތް،" ޕީއެންސީގެ ވަރަށް ސީނިއާ މެންބަރަކު ވިދާޅުވި އެވެ.

އެހެންވެ އެ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި ކިތަންމެ އަވަސް ވުމަކީ މައްސަލައެއް ނޫނެވެ. އެއީ ގައުމުގެ މިވަގުތު އޮތް ހާލަތަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރުމުގެ މައްސަލައަކީ ވެސް ހުއްޓުވަން ޖެހިފައި އޮތް މައްސަލައެކެވެ.

ވެރިކަން ވެސް ހިފެހެއްޓިއްޖެ. ގާނޫނުއަސާސީ އަށް މި ހުރިހާ ދުވަހު ނުގެނެވި އޮތް މުހިންމު ބަދަލުތަކެއް ވެސް ގެނެވިއްޖެ --ޕީއެންސީގެ މެންބަރެއް

ހަމަ އެ ގޮތަށް ބޭރުގެ ސިފައިން ތިބުމުގެ މާއްދާ އާއި ސަރަހައްދު މާނަ ކުރާ މާއްދާތައް އިތުރަށް ފުރިހަމަ ކުރެވުމަކީ މި ސަރުކާރާއި އަދި 20 ވަނަ މަޖިލީހަށް ކުރެވުނު މޮޅު ކަމެއް ގޮތުގައި އެ މެންބަރުން ސިފަ ކުރެއްވި އެވެ.

"ވެރިކަން ވެސް ހިފެހެއްޓިއްޖެ. ގާނޫނުއަސާސީ އަށް މި ހުރިހާ ދުވަހު ނުގެނެވި އޮތް މުހިންމު ބަދަލުތަކެއް ވެސް ގެނެވިއްޖެ. ހާސްވާންވީ ކޮން ކަމަކާ،" އޭނާ ވިދާޅުވި އެވެ.

ޕާޓީން ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ކަންކަން ފެށިގެން އައީ އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އޮތް ދުވަސްވަރު ނުވަތަ މި އަހަރުގެ އޭޕްރީލް މަހު އެ ޕާޓީގެ ފުރިހަމަ ބާރާ އެކު، ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނުގެ މައްސަލަ ސަރުކާރުގެ ވިސްނުމާ ދެކޮޅު ބަޔަކު ހައި ކޯޓަށް ވެއްދުން ކަމަށް ޕީއެންސީގެ ބައެއް އިސް މެމްބަރުން ވިދާޅުވި އެވެ. އެ ގާނޫނުގެ މާއްދާތައް ހުރީ ވަރަށް "ބަލިކޮށި" ކަމަށް ވުމާ އެކު، ގިނަ މާއްދާތައް ބާތިލްވެ، ޕީއެންސީގެ އެތެރެ "ގުޑުވާލެވިދާނެ" ކަަމަށް ކުރިއަށް ވިސްނުނީ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.

"ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ އިޝޫ އެބައޮތް ކުރިމަތީގައި. އެއާ އެކު ހިލުންގަނޑެއް އައިސް ބައެއް ވިޔަފާރިވެރިންގެ ނުފޫޒު އަތުވެދާނެ ކަމުގެ ބިރު ކުރިމަތީގައި އޮތީ. މުޅި ގައުމުގެ ކަންކަން ބޮއްސުންލައިގެން ގޮސް އިގުތިސާދީ އަނދަވަޅަކަށް ވެއްޓިދާނެ ކަމުގެ ބިރު އޮތީމާ ގާނޫނުއަސާސީއާ ދިމާލަށް ދާން ޖެހުނީ،" އެހެން މެމްބަރަކު ވިދާޅުވި އެވެ.

ނަމަވެސް ހުރިހާ މެންބަރުން ތިބީ މިކަމުގައި އަތް ޖަހާ ގޮތަކަށް ނޫން ކަން ވެސް މިދިޔަ ބުދަ ދުވަހުގެ ޖަލްސާ އިން ފެނިގެން ދިޔަ އެވެ. އެއް ދަންފަޅީގައި ގިނަ މެންބަރުން ދެއްކީ އިޒްރޭލް ޕާސްޕޯޓު މައްސަލާގައި ދިރާސާތައް ކޮށްގެން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރަން ޖެހޭތީ ގިނަ ދުވަސް ނަގާ ވާހަކަ އެވެ. އަނެއް ދަންފަޅީ ހަމަ އެ މެންބަރުން ތިބީ މަޝްވަރާއަކާ ނުލައި ގާނޫނުއަސާސީ ބަދަލުކޮށްލަން ތައްޔާރަށެވެ.

އަނެއްބައި މެންބަރުން ތިއްބެވީ ހިމޭނުންނެވެ. އަދި ކުރިން ގޮނޑި ގެއްލުމުގެ ހިތި ބޭސް ބޯން ޖެހުނު ބައެއް މެންބަރުން ކޮމިޓީ މަރުހަލާގައި އެ ވާހަކަ ކުޑަކޮށް ދައްކާލި އެވެ.

"އަޅުގަނޑު ހިތާއި ރޫހުން ގަބޫލު ކުރާ އިސްލާހެއް މިއީ. އެހެން ނަމަވެސް އިސްލާހުގައި ޕާޓީން ބޭނުން ވީމަ، ޕާޓީން ބޭނުން ވަގުތަކު، މެންބަރު ވަކިކުރެވޭނެ އުސޫލެއް އޮތުން އެއީ އަޅުގަނޑު ވެސް އެހާ ހިތްހަމަޖެހޭ ކަމެއް ނޫން،" ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީއާ ދެކޮޅަށް އެ ދުވަހު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ޖަލްސާ ނިންމާލީ ޕީއެންސީގެ މެންބަރުން އަތް ޖެހުމުގެ އަޑުންނެވެ. އެއީ މިހާރު އެ މެންބަރުން ވިދާޅުވާ ގޮތަށް ވިޔަފާރިވެރިންނާ ދެކޮޅަށް ފެށި ބޮޑު ހަނގުރާމަ ކާމިޔާބުވީ ކަމަށް ހީވެދާނެ އެވެ.

ނަމަވެސް ތާރީހުގައި ލިޔެވިގެން މިދިޔައީ ވަކި ވެރިއަކު ބޭނުންފުޅުވާ ގޮތަށް ކުރިއަށް ވަޑައިގަންނަވަން ގާނޫނުއަސާސީ ބަދަލު ކުރި ކުރުމެއް ގޮތުގަ އެވެ.