21 ނޮވެމްބަރ 2024
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުން މަޖިލިސް ބައިބައި ކުރުމުގެ ބާރު އިދިކޮޅަށް ނުލިބޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުން މަޖިލިސް ބައިބައި ކުރުމުގެ ބާރު އިދިކޮޅަށް ނުލިބޭނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީއަށް ގެންނަން ހުށަހެޅުއްވި އެ އިސްލާހު ވަނީ 78 މެމްބަރުންގެ ވޯޓާ އެކު އިއްޔެ ފާސްކޮށްފަ އެވެ. އެމްޑީޕީގެ 13 މެމްބަރަކު އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދިނެވެ.
މަޖިލިހުގައި މިހާރު ތިއްބަވާ 83 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓުން ގާނޫނުއަސާސީއަށް އިސްލާހު ގެނެވެ އެވެ. އަދި، މަޖިލީހުން ބިލު ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމު ހަމަމަގަށް އެޅުވުމަށް ގާނޫނުތަކާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕާޓީ ބަދަލުކޮށްފި ނަމަ، މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އިސްލާހު ގެނެސްފައިވަނީ ވެސް އެ މަގުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް 99 ޕަސެންޓް މެމްބަރުން ހޮވެނީ ޕާޓީއެއް ފަރާތުންނެވެ. އަދި މެމްބަރުންނަށް ރައްޔިތުން ދޭ ވޯޓަކީ ޕާޓީއަށް ދޭ ވޯޓެއް ކަމަށާއި އެހެންވެ އަމިއްލަ ފައިދާއަށް އެހެން ޕާޓީއަކަށް ދާނަމަ، ރައްޔިތުންގެ ހައްގު ނިގުޅައިގަނެވޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ވަކި ޕާޓީއެއްގެ ލޯގޯ ޖަހައިގެން ނިކުންނަނީ. ވޯޓު ކަރުދާސްކޮޅުގައި އޮންނަނީ އެ ޕާޓީގެ ލޯގޯ ޖަހާފައި. ވިއްކަނީ އެ ޕާޓީގެ ސިޔާސަތު އަނެއްކޮޅުން ސަރުކާރު ޕާޓީއަށް އޮތިއްޔާ އެ އެންމެންގެ މަސައްކަތުން މި އަންނަނީ. އެ ބޭފުޅުން [އިދިކޮޅުން] ވެސް ހިތުގެ އަޑިން ގަބޫލުކުރޭ މިކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޝްވަރާއެއް ނެތި އެ އިސްލާހު ގެނައި ކަމަށް ބުނެ ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ގާނޫނު އަސާސީގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހޭ ކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޝްވަރާ ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ކުރީގެ ދައުރު ނިމެން ގާތްވެފައި އޮއްވާ އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެންޓި ޑިފެކްޝަން ގާނޫނު ހަދާފައި ވަނީ ވެސް ސަރުކާރަށް މެމްބަރުން ބަދަލުވެދާނެތީ ބިރަށެވެ.
"އެބޭފުޅުން ދައުރު ނިމި ނިމި އޮއްވައި ގާނޫނު [އެންޓި ޑިފެކްޝަން] ހެދީ. އެ ބޭފުޅުން ހީފުޅު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަކަށް ނުލިބޭނެއޭ. ދެން އެކަމަކު ސަރުކާރު އޮންނަ ޕާޓީއަކަށް މެމްބަރުން ހިނގާދާނެތީ، ގަތް ބިރަށް ގާނޫނު ހެދީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ތަންފީޒު ކުރެވޭނެ މަގެއް ހޯދައިދޭން. ބެލިއިރު އެ މަގަކީ ސުޕަ މެޖޯރިޓީ ރައީސް މުއިއްޒުގެ ޕާޓީއަށް ދިނުން... އަމުދުން ގާނޫނުއަސާސީން މިއަށް ބާރު ދިނީމަ އެމީހުންނަކަށް ނެތް ރައްޔިތުންގެ މަޖިލީސް ބައިބައިކޮށްލުމުގެ ފުރުސަތެއް. އެހެންވީމަ އެެއީ ދެކޮޅު ހައްދަވާ ކަމަކީ،"
ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައިވާ ގޮތުގައި ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
އެ އިސްލާހު ގެނައުމުގެ މަސައްކަތް އިއްޔެ މަޖިލިސް ތެރޭގައި އަވަސް އަރުވާލައިގެން ކުރި މައްސަލާގައި ސުވާލުކުރެއްވުމުން އަބްދުއްރަހީމް ވިދާޅުވީ އެއީ މަޖިލީހުގެ ގަވައިދުގައި މަނާ ކަމެއް ނޫން ކަމަށެވެ. މީގެ ކުރީ ދައުރުތަކުގައި ވެސް އެއް ދުވަސް ތެރޭގައި އިސްލާހުތައް ގެންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުން ސުޕަ މެޖޯރިޓީ ޕީއެންސީއަށް ދިނީ ބާރު ސްޕީޑުގައި ކުރިއަށް ދިއުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ. އެކަމަކު އެއާ ގުޅިގެން ދިރާސާކޮށް މައުލޫމާތު ކުރަންޖެހޭ ހާލަތްތަކުގައި އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގައި އޮތް ހުރިހާ އިޖުރާއަތެއް ފާސްވެގެން މި ބިލު ފާސްވެގެން ދިޔައީ. ދެން މި ޒަމާނަކު ނުޖެހޭ ދެއްތޯ 17 އަހަރު ވަންދެން ގާނޫނުތައް އިސްލާހު ކުރުމަށް ތިބި ގޮތަށް ގާނޫނުތައް އިސްލާހުކުރަން ތިބޭކަށް. އެއަށް ވުރެ މާބާރު ސްޕީޑުގައި ރައްޔިތުން އެބަ ބޭނުންވޭ ކަންކަމުގައި ކުރިއަށް ދާން."
ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގައި ބަޔަކު ޕޯސްޓަރުތަކެއް ހިފައިގެން ޝުއޫރު ފަޅުކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މެންބަރުން ގޮނޑި ގެއްލޭ ހާލަތްތައް ބަޔާން ކުރާ އެންޓި ޑިފެކްޝަން ގާނޫނެއް 19 ވަނަ މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ގާނޫނުގައި ބުނާގޮތުން މެންބަރަކު ޕާޓީ ބަދަލުކޮށްފިނަމަ ޖެހޭނީ މެންބަރުކަމުން އަމިއްލަ އަށް އިސްތިއުފާ ދޭށެވެ.
ނަމަވެސް އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް އެ ގާނޫނުގައި ބަޔާން ކޮށްފައި ނެތެވެ. އަދި އެ ގާނޫނު ބާތިލް ކުރަން އަމިއްލަ ފަރާތަކުން ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
އެ ބިލުގެ މަސައްކަތް އިއްޔެ ފަށައި އިއްޔެ ނިންމަން މަސައްކަތް ކުރުމުން އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ވަނީ މަޖިލިސް ކައިރީގައި އިހުތިޖާޖުކޮށްފަ އެވެ.
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު
"ގޮނޑި ގެއްލޭ އިސްލާހުގައި ހިޔާލަށް ފުރުސަތުދީ"
ގޮނޑިގެއްލޭ ބިލް ރޯލްކޯލް ވޯޓަކުން ކޮމެޓީން ފާސްކޮށްފި
އެމްޑީޕީ އާއި ސަރުކާރު ސަޕޯޓަރުން މަޖިލިސް ދޮށަށް
ޕާޓީ ބަދަލުކުރިޔަސް، ކަނޑާލިޔަސް ގޮނޑި ގެއްލޭނެ
ޕާޓީއާއެކު ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރަނީ
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
"މަޖިލިސް ހިނގާނީ އިންގިލާބީ ބަދަލުތަކާ އެއްގޮތަށް"
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް