Roadha Mihaaru

ގޮނޑި ގެއްލޭ ބިލް ރޯލް ކޯލް ވޯޓަކުން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ގޮނޑިގެއްލޭ ބިލް ރޯލްކޯލް ވޯޓަކުން ކޮމެޓީން ފާސްކޮށްފި
މޫސާ ރަޝީދު
މޫސާ ރަޝީދު

20 ނޮވެމްބަރ 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ ޕާޓީއަކުން ވަކިކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައި ވަނިކޮށް، އެ އިސްލާހުތަކަށް ވޯޓަށް އެހީ ރޯލް ކޯލް ވޯޓަކުން، ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެންނެވެ. އެގޮތަށް ހަމަޖެއްސީ ވޯޓިން ސިސްޓަމްގައި މައްސަލަ ޖެހުމާ ގުޅިގެންނެވެ.

ރޯލް ކޯލް ވޯޓުގައި ބައިވެރިވި 75 މެންބަރުން ވިދާޅުވީ ބިލް ފާސް ކުރަން ފެންނަ ކަމަށެވެ. އަދި ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވިދާޅުވީ 13 މެންބަރުންނެވެ.

އެހެންކަމުން އެ ބިލް މުޅި މަޖިލީހުގެ ކޮމިޓީން ފާސްވެއްޖެ ކަމަށް ވަނީ ނިންމައިފަ އެވެ. އަދި އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މިއަދު ހަވީރު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހުގައި ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.

އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި އެ މާއްދާތައް އިސްލާހު ކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެވެ. ނަމަވެސް އެ އިސްލާހުތައް ފާހެއް ނުވެ އެވެ. ގޮނޑި ގެއްލޭ އެއްވެސް މާއްދާއަކަށް ޕީއެންސީގެ މެންބަރަކު އިސްލާހެއް ހުށަނޭޅި ނަމަވެސް ކޮމިޓީ މަރުހަލާގައި ގެންނަން ޖެހޭ ބައެއް ބަދަލުތަކުގެ ވާހަކަ ބައެއް މެންބަރުން ވިދާޅުވި އެވެ.