Roadha Mihaaru
ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުރަނީ

ރާއްޖެއަށް ޑިިޖިޓަލް ކަރަންސީ ތައާރަފްކުރަނީ

31 އޮކްޓޯބަރ 2024

ރާއްޖެއަށް ޑިޖިޓަލް ކަރެންސީ ކަރަންސީ ތައާރަފް ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް ޑިޖިޓަލް ކަރެންސީ ކަރަންސީ ތައާރަފް ކުރުމުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ޖީޑީޕީގެ 15 ޕަސެންޓް ޑިޖިޓަލް އިކޮނޮމީގެ ހިއްސާއަށް ހަދައިދޭން ބޭނުންވާ ކަމަށް، އދ. ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި އިއުލާންކުރައްވާފައި ވާނެ ކަމަށެވެ.

އެ އަމާޒު ހާސިލްކުރަން ގާނޫނުތައް ހަދައި، ކްރިޕްޓޯ ކަރަންސީ ތައާރަފްކުރަން ރައީސް ވަނީ ގަވަރުނަރު އަހުމަދު މުނައްވަރަށް އަންގަވައިފަ އެވެ.

"އަޅުގަނޑު މިހާރު އެމްއެމްއޭ ގަވަރުނަރަށް ދަންނަވާފައި ވާނެ ޑިޖިޓަލް ކަރަންސީ ރާއްޖެއަށް ތައާރަފްކުރުމަށް، ކްރިޕްޓޯ ކަރެންސީ ރާއްޖެއަށް ތައާރަފްކުރުމަށްޓަކައި މަސައްކަތްތައް ފަށަން. އެ މަސައްކަތާ ގުޅޭ އަމަލީ މަސައްކަތްތަކުގައި އެމްއެމްއޭ ގަވަރުނަރު މިހާރު މަސައްކަތް ފަށައިފި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ޑިޖިޓަލް ކަރަންސީ ގެނައުމަށް ހުރިހާ ކަމަކަށް ފަރުވާ ލިބޭނެ ގޮތަށް ގާނޫނު ހަދައި އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑަށް ޑިޖިޓަލް ކަރަންސީ ފުޅާކުރުމަކީ ޕްލޭނެއް ކަމަށެވެ.

އެ ކަންކަމަކީ ކިޔަވައިގެން ނުކުންނަ ދަރިވަރުން، އެކި ފަންނުވެރިންނާއި އިގުތިސާދުގައި ހަރަކާތްތެރިވުމުގައި ހުރި ފުރުސަތުތައް ކަމަށް ވެސް ވިދާޅުވި އެވެ.

ޑިޖިޓަލައިޒޭޝަންގެ ތެރެއިން އާޓިފިޝަލް އިންޓެލިޖެންސްގައި ރާއްޖެ ވާނީ، ރައީސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ މައިދާނުގައި އެންމެ ކުރީސަފުގައި ލީޑްކުރާ ގައުމަކަށް ކަމަށެވެ.

އެމްއެމްއޭ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް މީގެ ކުރިން ވަނީ އަމިއްލަ ޑިޖިޓަލް ފައިސާއެއް އުފެއްދުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭ އިން ޑިޖިޓަލް ކަރެންސީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ ސްޓޭބަލް އަދި ރައްކާތެރި ފައިސާއަކަށް ހެދުމަށް ކަމަށެވެ.