26 އޮކްޓޯބަރ 2024
ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދޭން ކުރީގެ ސަރުކާރުން އެއްބަސްވުން ހަދައި 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި އެހެންވެ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.
ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދޭން ކުރީގެ ސަރުކާރުން އެއްބަސްވުން ހަދައި 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި އެހެންވެ، އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައި، ބަދަލުގެ މިންވަރު ކަނޑައަޅަން ދަށު ކޯޓަށް ފޮނުވާފައި ވަނިކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ދީބާޖާއާ އެކު އެއްބަސްވުމެއް ހެދުމަށް ފަހު 64 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޭން އެއްބަސްވެފަ އެވެ.
އޭގެ ތެރެއިން 12 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކުންފުންޏަށް އެ ސަރުކާރުން ދިނެވެ.
އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ރިޕޯޓްގައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ސަރުކާރުން އެއްބަސްވި 64 މިލިއަން ރުފިޔާގެ ތެރެއިން 11 މިލިއަން ރުފިޔާއަކީ ފެރީ ބަނުމަށް ދީބާޖާ އިން ހެދި ކޮންޓްރެކްޓްތަކުގެ އަގު ކަމަށް ބުނެފައި ވިޔަސް، އެކަމަށް ދީބާޖާއިން ހަރަދު ކުރިކަން ރައީސް އޮފީހުން ބަލާފައިނުވާ ކަމަށެވެ.
ފެރީ ބަނުމަށް ރާއްޖެއިން ބޭރުން އެތެރެކުރި މުދަލަށް ދެ މިލިއަން ރުފިޔާގެ ބަދަލެއް ދޭން އެއްބަސްވިއިރު، އެ މުދަލާ މެދު އެ ކުންފުނިން އަމަލުކުރި ގޮތެއް ވެސް ބަލާފައި ނެތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން އެ ރިޕޯޓުގައިވާ ގޮތުން ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން އެންމެ ގިނަވެގެން ވެސް ދީބާޖާ އަށް ލިބޭނީ 48 މިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށް ބެލެވެ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ދީބާޖާ އަށް ދޫކުރި ރ. ކުޑަކުރަތު ސަބްލީޒް އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން 65 މިލިއަން ރުފިޔާ އަށަ އެހެން ކުންފުންޏަކަށް ވިއްކާލާފައިވާތީ، އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ވުރެ ލިބުނު ފައިދާ ބޮޑުވާނެ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ ރިޕޯޓުގައިވަނީ ދީބާޖާ އަށް 64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން މިދިޔަ އަހަރު ސަރުކާރުން އެއްބަސްވެ އޭގެ ތެރެއިން ބައެއް ފައިސާ ދޫކުރީ ދީބާޖާއިން ކުރި ހަރަދުތަކަށް ބެލުމެއް ނެތި އަދި ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި ރ. ކުޑަކުރަތުގެ ލީސް ވިއްކާލުމުގެ ސަބަބުން ދީބާޖާއަށް ފައިސާ ލިބިފައިވާތީ އެ ކުންފުންޏަށް ސަރުކާރުން އިތުރު ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
އޮޑިޓާ ޖެނެރަލް އަންގަވާފައިވަނީ ދީބާޖާއަށް ދޫކުރި ފައިސާތައް އަނބުރާ ހޯދުމަށާއި އަދި ދޭން ނުޖެހޭ ފައިސާތަކެއް ދޫކުރަން އެއްބަސްވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށެވެ.
ދީބާޖާގެ މައްސަލާގައި އެންމެ ފުރަތަމަ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު އެންގީ 348 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެ ހުކުމާ ގުޅިގެން އޭރު ސަރުކާރުން ފުރަތަމަ ނިންމީ 174 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށް ކޯޓުން ބޭރުގައި އެއްބަސްވުމެއް ހެދުމަށެވެ.
އެކަމަކު ފަހުން ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރަން ހުށަހެޅުމަށެވެ. އެގޮތަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން 2022 ވަނަ އަހަރު ނިންމީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ބަދަލުގެ މިންވަރު ކަނޑައަޅަން ދަށު ކޯޓުން ކަނޑައަޅަން ޖެހޭނެ ކަމަށް އޭރު ސުޕްރީމް ކޯޓުން ނިންމި އެވެ. ނަމަވެސް ސަރުކާރުން 64 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ކޯޓުން ބޭރުގައި އެއްބަސްވީ ބަދަލުގެ މިންވަރު ކަނޑައެޅުމުގެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.
ބަދަލު ދިނުމާ ގުޅޭ އުސޫލެއް އޮޑިޓް އޮފީހުން ހަދަނީ
ދީބާޖާގެ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
"ދީބާޖާ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅިތޯ ބަލަންޖެހޭ"
ގެއްލުނު ފައިސާ ހޯދަން މުއައްސަސާތައް މަޝްވަރާއަށް
2021 އިން ފެށިގެން ފެނަކައިގެ މާލީ ބަޔާންތައް ނުދޭ
އޮޑިޓަށް ލިޔުންތައް ނުދީ އެބަހިފަހައްޓާ:އޮޑިޓާ ޖެނެރަލް
އެކަނިވެރިމައިންގެ އިނާޔަތް ދިނުމުގައި ގޯސްތަކެއް
އޮޑިޓް އޮފީހުން ހުށަހެޅީ 123 މިލިއަންގެ ބަޖެޓެއް
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
ޗާގޮސް މައްސަލައަށް އިންޑިއާގެ ނުފޫޒެއް ނެތް: ސަރުކާރު