23 ޖުލައި 2020
ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވައިލުމުން ލިބޭ ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ ގޮތުން ފާހަގަވި ކަންބޮޑުވުންތަކާ ހެދި ސަރުކާރަށް ލަފާދޭނެ އުސޫލެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާ އެއްބަސްވުންތައް އުވައިލުމުން ލިބޭ ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ ގޮތުން ފާހަގަވި ކަންބޮޑުވުންތަކާ ހެދި ސަރުކާރަށް ލަފާދޭނެ އުސޫލެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް މިގޮތަށް ވިދާޅުވީ، އުތުރުގެ އަތޮޅުތަކުގައި ފެރީގެ ޚިދުމަތް ދޭން ޓްރާންސްޕޯޓް މިނިސްޓްރީ އާއި ދީބާޖާ އިންވެސްޓްމަންޓާ އެކު ވީ އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުން އެ ކުންފުނިން އެދުނު ބަދަލު ދޭން ކޯޓުތަކާއި ރައީސް އޮފީހުން ނިންމާފައި ވަނިކޮށް، އެއީ ދޭން ޖެހޭ ބަދަލެއް ނޫން ކަަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓުގައި ފާހަގަކޮށްފައި ވަނިކޮށެވެ.
އުތުރު ޕްރޮވިންސް (ނ، ރ، ބ، ޅ)ގައި ފެރީގެ ޚިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ. މި ސަރުކާރުން ނިންމީ ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ސެޓްލްމެންޓް އެގްރީމެންޓެއްގެ ދަށުން ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެކަމަކު ގާނޫނީ ފަރާތްތަކުން އުފެއްދި ސުވާލުތަކާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުންގެ ހުރަސްއެޅުއްވުންތަކާ އެކު ސަރުކާރަށް މަޖުބޫރުވީ މި ނިންމެވުން އަނބުރާ ގެންދާށެވެ. އެހެންވެ ފައިސާ ނުދީ، ސުޕްރީމް ކޯޓުގެ ހުކުމް މުރާޖައާ ކޮށްދޭން ދައުލަތުން އެދި އެ ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ބަދަލު ދޭން ނިންމި ދީބާޖާގެ މައްސަލައިގައި ފާހަގަވި ކަންބޮޑުވުންތަކާ ގުޅިގެން، ހަސަން ވިދާޅުވީ އެއްބަސްވުން ހެދުމާއި މައްސަލައެއް ދިމާވެ އުވާލައި ބަދަލު ދޭން ޖެހޭ ހާލަތުގައި ވެސް އަމަލުކުރަން ޖެހޭނީ ދައުލަތުގެ މަސްލަހަތު އިސްވާގޮތަށް ކަމަށެވެ. ދީބާޖާ އަށް ބަދަލު ދޭން ނިންމި ގޮތް ބެލިއިރު، އޮޑިޓުން ބައެއް މައްސަލަތައް ފާހަގަވެފައިވާތީ ސަރުކާރަށް އެކަމުގައި އެ އޮފީހުން ލަފާތަކެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި އުފަން ނުވާ ވިޔަފާރިތަކަކަށް ބަދަލުދޭ އުސޫލަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫނެވެ. އެކަމަކު އެއްބަސްވުން އުވައިލުމުން، ހިނގަހިނގާ ހުރި ވިޔަފާރިއަކަށް ގެއްލުން ވެއްޖެ ނަމަ ބަދަލު ދިނުމާ މެދު ވިސްނައި ގޮތްތަކެއް ހޯދިދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޕޭޕަރެއް ތައްޔާރު ކޮށްފައި، އެ އުސޫލުގައި ހިފެހެއްޓުމަށް އެޑްވައިޒެއްގެ ގޮތުގައި އަރުވަން ގަސްތުކުރާ ވާހަކަ ދަންނަވަން،" ހަސަން ވިދާޅުވި އެވެ.
މިފަދަ އުސޫލަކަށް ތާއީދު ކުރައްވައި މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެއްބަސްވުންތަކުގައި، ބަދަލު ދެވޭނެ އެންމެ ބޮޑު މިންވަރެއް ކަނޑައެޅުން ފެނިވަޑައިގަންނަވާ ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެެވެ.
ބަދަލު ދިނުމާ ގުޅޭ އުސޫލަކަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން މި ވިސްނީ، ކުރީގެ ސަރުކާރުން އުވާލި އެއްބަސްވުންތަކުގެ ބަދަލު މި ސަރުކާރުން ދޭ ގޮތާ މެދު ހިތްހަމަނުޖެހިގެން ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށެވެ. ސެޓްލްމެންޓް ކޮމިޓީގެ ނިންމުންތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެސް ކަންބޮޑުވުމެވެ. އެ ކޮމިޓީން ބަދަލު ދިނުމުގައި ދެފުށް ފެންނަ އުސޫލެއް ނުގެންގުޅޭތީ، ބަދަލު ދެނީ ރަނގަޅަށް ތޯ ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.
ކުރީގެ ސަރުކާރުތަކުން، ގަވައިދާ ހިލާފަށް އެއްބަސްވުންތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. މީގެ ތެރެއިން ބައެއް މައްސަލަތައް ނިންމައި ބަދަލުގެ ގޮތުގައި މިހާތަނަށް މި ސަރުކާރުން ވަނީ އެކި ފަރާތްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކައިފަ އެވެ. މި ބަދަލުތައް ދެނީ ސަރުކާރުގެ މަސްލަހަތާ ގުޅިފައިވާ ކުންފުނިތަކަށް ކަމުގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. ސެޓްލްމަންޓް ކޮމިޓީން އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށާފައިވާ އިރު އެ ކޮމިޓީ އަށް ހުށަހެޅޭ މައްސަލަތަކާއި އޭގެ ހުރިހާ ލިޔުންތަކަކީ އެ އުސޫލު އޮތްގޮތުން ސިއްރު އެއްޗިއްސެވެ. އެއިިން އެއްވެސް މައުލޫމާތެއް ކޮމެޓީގެ އެއްވެސް މެމްބަރަކު ހާމަ ކޮށްގެން ނުވާނެ ކަމަށާއި މީޑިއާ އަށް މައުލޫމާތު ހާމަ ކުރާނީ ވެސް ކޮމިޓީން ގޮތެއް ނިންމުމަށް ފަހު ކަމަށް އެ އުސޫލުގައިވެ އެވެ.
ދީބާޖާގެ އޮޑިޓް އަވަސް ކުރަން އެދޭނަން: ޔައުގޫބް
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ދައުލަތަށް ގެއްލުންވާ ކަމެއް ބަލައިނުގަންނާނެ ހާމަކޮށްދީ
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ބަދަލު ދިނުމުގައި ތަފާތުކުރުން ގެންގުޅޭ: ދީބާޖާ
ދީބާޖާގެ ވަރުގަދަ އިންޒާރުތަކެއް އޮޑިޓާ ޖެނެރަލަށް
ހިދުމަތުގެ ބަދަލަށް ރަށްރަށް ނުދޭން އަންގައިފި
އެސްޓީއޯ މެދުވެރިކޮށް ހަަރަދުކުރި ގޮތް ބަލަނީ
ޓީއެމްއޭއަށް ސަރުކާރުން ހުށަހެޅި ގޮތް ރަނގަޅު: ހަސަން