Roadha Mihaaru
އެނެސްތީސިއާ ދުވަސް: މަސައްކަތްތެރިންގެ ދުޅަހެޔޮކަން

އެނެސްތީސިއާ ދުވަސް: މަސައްކަތްތެރިންގެ ދުޅަހެޔޮކަން

16 އޮކްޓޯބަރ 2024

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އެނެސްތީސިއާ ދުވަހެވެ. އޮޕަރޭޝަނެއް ކުރުމަށްޓަކައި ’ޒަމާނީ‘ އެނެސްތީސިއާ ދިން ކަމަށް ފުރަތަމަ ފަހަރަށް ރެކޯޑު ކޮށްފައި ވަނީ އޮކްޓޯބަރު 16، 1846 ގައި އެމެރިކާގެ ބޮސްޓަންގަ އެވެ. ބޭސްވެރިކަމުގެ ތާރީހު ބަދަލުކޮށްލި މި މުހިއްމު ހާދިސާ އަށް މިއަދަށް 178 އަހަރު ފުރުނީ އެވެ.

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އެނެސްތީސިއާ ދުވަހެވެ. އޮޕަރޭޝަނެއް ކުރުމަށްޓަކައި ’ޒަމާނީ‘ އެނެސްތީސިއާ ދިން ކަމަށް ފުރަތަމަ ފަހަރަށް ރެކޯޑު ކޮށްފައި ވަނީ އޮކްޓޯބަރު 16، 1846 ގައި އެމެރިކާގެ ބޮސްޓަންގަ އެވެ. ބޭސްވެރިކަމުގެ ތާރީހު ބަދަލުކޮށްލި މި މުހިއްމު ހާދިސާ އަށް މިއަދަށް 178 އަހަރު ފުރުނީ އެވެ.

މި އަހަރުގެ ދުނިޔޭގެ އެނެސްތީސިއާ ދުވަހަށް ކަޑައަޅާފައިވާ ޝިއާރަކީ ވޯކްފޯސް ވެލްބީން ނުވަތަ މަސައްކަތްތެރިންގެ ދުޅަހެޔޮކަމެވެ. މަގުސަދަކީ އެނެސްތީސިއާގެ ފަންނުގައި މަސައްކަތްކުރާ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތުގެ މުހިއްމުކަން ފާހަގަކޮށް އަގުވަޒަންކުރުމެވެ. އެކަން މުހިން މުވުމުގެ ސަބަބުންނެވެ. އެ މީހުންނަށް ފޯރުކޮށްދޭ ފަރުވާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ސީދާ އެ މުވައްޒަފުން ދުޅަހެޔޮކަންމަތީ ތިބެގެންނެވެ.

އެނެސްތީސިއާ ދާއިރާގެ ހާއްސަ ޑޮކްޓަރުންގެ ގޮތުގައި އެނެސްތީސިއޮލޮޖިސްޓުންނާއި އެނެސްތީސިއާގެ ނަރުހުން އަދި ޓެކްނީޝަނުން މަސައްކަތް ކުރެއެވެ. މަސައްކަތް ނާޒުކުވުމުން މި މީހުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ދާއިރާގެ ތަމްރީނު ލިބިފައިވާ މީހުން މަދުވުމާއި ކުރަންޖެހޭ މަސައްކަތުގެ ގިނަވުން އަދި އެދެވޭ އުޖޫރަ ނުލިބުމާއި ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރެވުމަކީ ސަބަބުތަކެވެ. އޭގެ އިތުރުން މަސައްކަތަށް ބޭނުންވާ ސާމާނު ނުލިބުމާއި މަސައްކަތުގެ މާހައުލުގައި ހުރި އެހެނިހެން ދަތިތައް ކިޔަމުން، މިހެން ދިގު ނަމަވެސް ކުރު ކުރެވިދާނެ ލިސްޓެއް ކަމުގައި ދެކެމެވެ.

އެނެސްތީސިއާގެ ދާއިރާގައި ހުރި ގިނަ މައްސަލަތަކުގެ ފަހަތުގައިވާ މުހިއްމު އެއް ސަބަބަކީ މި މަސައްކަތަކީ ފަރުދާގެ ފުރަގަހުގައި ތިބެގެން ގިނަ ފަހަރު ކުރެވޭ ކަމެއް ކަމަށް ވުން ކަމަށް ގަބޫލުކުރެވެ އެވެ. އޭގެ ސަބަބުން, ކަންވެ ނަންނުވުމާއި އެއްކޮށް މަސައްކަތްކުރާ އެހެން މީހުންނާ އަޅާބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ދާއިރާ އަށް އަލަށް މީހުން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހެ އެވެ. ނަތީޖާއަކީ ބޭނުންވާ ވަރާ އެއްވަރަށް ވެސް ދާއިރާގެ ހާއްސަ މީހުން ނެތުމެވެ. މި ވަގުތު ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އެނެސްތީސިއޮލޮޖިސްޓުންގެ އަދަދު 10 އަށް ވެސް ނާރަ އެވެ.

އެނެސްތީސިއާ އެސޯސިއޭޝަންތަކުގެ ދުނިޔޭގެ ފެޑެރޭޝަން (ވޯލްޑް ފެޑެރޭޝަން އޮފް ސޮސައިޓީސް އޮފް އެނެސްތީސިއޮލޮޖިސްޓްސް) އިން ކަނޑައަޅާފައިވާ ގޮތުން ކޮންމެ އެއް ލައްކަ މީހަކަށް މަދުވެގެން ފަސް އެނެސްތީއޮލޮޖިސްޓުން ތިބެންޖެހެ އެވެ. ރާއްޖޭގެ ސިއްހީ ނިޒާމު އެކުލެވިފައިވާ ގޮތުންނާއި ރާއްޖޭގެ ކުދި ރަށްތައް ބެހިފައިވާ ގޮތުން ރާއްޖެ އަށް ބޭނުންވާ އެނެސްތީއޮލޮޖިސްޓުންގެ އަދަދު މިއަށް ވުރެ އެތައް ގުނައެއް އިތުރެވާނެ އެވެ. ކައިރި މުސްތަގުބަލެއްގައި ވެސް ރާއްޖެ އަށް ބޭނުންވާ އަދަދަށް އެނެސްތީސިއޮލޮޖިސްޓުން ލިބިދާނެ ކަމަކަށް ނުބެލެވެ އެވެ.

މީހުން މަދުވުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތް އިތުރުވެ އެވެ. އެނެސްތީސިއާއަކީ ސިއްހީ ދާއިރާތަކުގެ ތެރޭގައި "ބާން އައުޓު" އެންމެ ގިނަ އެއް ދާއިރާ އެވެ. ނަފްސާނީ ދުޅަހެޔޮކަން ކުޑަ އަދި މަސައްކަތުގެ ހިތްހަމަޖެހުން ކުޑަކަމަށް ރިޕޯޓުކުރެވޭ އެއް ދާއިރާ އެވެ. އެނެސްތީސިއާގެ މަސައްކަތަކީ ބުރަ ކަމެކެވެ. ކުރަންޖެހޭ ކަންކަން ވަރަށް ނާޒުކެވެ. އޮޕަރޭޝަންތަކާ ގުޅިފައިވާ އެކިއެކި ދާއިރާތައް ގިނަވަމުންދާ ވަރަށް އެނެސްތީސިއާ ދޭ މީހުން އިތުރުވެ, އެނެސްތީސިއާގެ ދަށުން ހުރި ހާއްސަ ދާއިރާތައް ތަރައްގީވުމަކީ މި ނުތަވަސްކަން ކުޑަކުރުވާނެ ކަމެކެވެ. އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ބެލެންސް ހިފެއެޓޭނީ އޭރުންނެވެ. އެހެން ނޫންނަމަ އޭގެ ނޭދެވޭ އަސަރު ސިއްހީ ދާއިރާއިން ފެންނާނެ އެވެ.

މި ބަލައިލެވުނުހެން, އެނެސްތީސިއާގެ ދާއިރާގެ ހަމަޖެހުމަށާއި މަސައްކަތްތެރީންގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހެ އެވެ. އެއީ ސިއްހީ ދާއިރާގެ ކުރިއެރުމަށާއި އެނެސްތީސިއާގެ ހިދުމަތް ހޯދާ ބަލި މީހުންގެ ރައްކާތެރިމަށްޓަކައި މުހިއްމު ކަމެކެވެ. އެނެސްތީސިއާގެ ހާއްސަ ދާއިރާތައް އިތުރުކުރުމުކީ އެނެސްތީސިއާގެ މަސައްކަތްތެރީން ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. މިކަމުގައި ސަރުކާރާއި ހޮސްޕިޓަލުތަކުގެ ބޮޑު ދައުރެއް އެބައޮތެވެ. ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމާއި މަސައްކަތުގެ މާހައުލުގައި ބަސްވިކޭ ބަޔަކަށް ހެދި، ކަމާ ގުޅޭ އެހެން ދާއިރާތަކާ އެއް ހަމައެއްގެ އުޖޫރައެއް ލިބޭ ބަޔަކަށް ވުމަކީ ކުރަންވާނެ ކަމެވެ. މަސައްކަތަށް ބޭނުންވާ އެދެވޭ ޒަމާނީ އާލަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދަންޖެހެ އެވެ.

މި އަހަރުގެ އެނެސްތީސިއާ ދުވަހުގެ ޝިއާރުގައި އަލިއަޅުވާލާފައިވަނީ މުހިއްމު ކަމަކަށެވެ. އެދެނީ މީގެ ސަބަބުން އެދެވޭ ބަދަލުތަކެއް އައުމެވެ. މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ފޮނުވަމެވެ. އުފާވެރި ދުނިޔޭގެ އެނެސްތީސިއާ ދުވަކަށް އެދެމެވެ.

* އެޑިޓަރުގެ ނޯޓު: ޑރ. އަސްއަދަކީ އައިޖީއެމްއެޗްގެ އެނެސްތީސިއޮލޮޖިސްޓް އަދި ތަދުތަކަށް ހާއްސަ ޑޮކްޓަރެކެވެ. އައިޖީއެމްއެޗްގެ އެޗްއޯޑީކަން ކުރައްވާ އަސްއަދު ވަނީ ތައިލޭންޑުގެ މަހިޑޯލް ޔުނިވާސިޓީން ޕެއިން މެނޭޖްމަންޓްގެ ދާއިރާއިން ފެލޯޝިޕް ހައްދަވައިފަ އެވެ.