Roadha Mihaaru
ވެކްސިން ސިޔާސީކުރަން ދެ ނައިބުންގެ ދޮގު!

ވެކްސިން ސިޔާސީކުރަން ދެ ނައިބުންގެ ދޮގު!

30 ޖެނުއަރީ 2021

ބައެއް ވައިރަސްތަކަށް ވުރެ ސިޔާސީ ފިކުރު ނުރައްކާވަނީ ދިމާލަށް ފެންނަން ހުންނަ ހަގީގަތް ވެސް ތިމާ ގަބޫލުކުރާ ސިޔާސީ ފިކުރާ ހެދި ނުފެންނަ ހިސާބަށް ދާތީ އެވެ. ކޮވިޑް-19ގެ ނުރައްކާ މިހާ ބޮޑުވެފައި ވާއިރު އެ ބަލިން ދިފާއުކޮށްދޭ ވެކްސިނާ ދެކޮޅަށް ނުކުމެ ސިޔާސީ މީހުން ވާހަކަ ދައްކަން ފެށީމާ ކުރިމަތިވާނެ ނުރައްކާ ވަރަށް ބޮޑުވާނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ބައެއް ވައިރަސްތަކަށް ވުރެ ސިޔާސީ ފިކުރު ނުރައްކާވަނީ ދިމާލަށް ފެންނަން ހުންނަ ހަގީގަތް ވެސް ތިމާ ގަބޫލުކުރާ ސިޔާސީ ފިކުރާ ހެދި ނުފެންނަ ހިސާބަށް ދާތީ އެވެ. ކޮވިޑް-19ގެ ނުރައްކާ މިހާ ބޮޑުވެފައި ވާއިރު އެ ބަލިން ދިފާއުކޮށްދޭ ވެކްސިނާ ދެކޮޅަށް ނުކުމެ ސިޔާސީ މީހުން ވާހަކަ ދައްކަން ފެށީމާ ކުރިމަތިވާނެ ނުރައްކާ ވަރަށް ބޮޑުވާނެ އެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކެނޑިނޭޅި އެބަ ވާހަކަ ދައްކަ އެވެ. ވެކްސިން ނުޖަހަން ބާރު އަޅައި ބަޔާން ނެރެފި އެވެ.

ވެކްސިނެއް ގެނައި ފަހުން އެރި މި ފޯރީގައި ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ޕޯޑިއަމަށް އަރައި ވާހަކަ ދެއްކެވި އިރު އަޅުގަނޑަށް ސިފަވީ މެޑިކަލް ދިރާސާއެއް އެ ޕާޓީން ހާމަކުރަނީ ކަމަށެވެ.

ވެކްސިން ޖަހަން އުޅެނީ އޮޅުވާލުމެއްގެ ތެރެއިން، ރައްޔިތުންނަށް ވާނުވާ ނާންގާ ކަމަށް ވިދާޅުވެ ފަރިތަކަމާ އެކު ވިދާޅުވީ "އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން، އެ ބޭފުޅުން ހައްދަވާފައި ހުރި ދިރާސާތަކުގެ އަލީގައި" މި ސަރުކާރުން ކޮވިޑް ވެކްސިނާ ގުޅޭ ގޮތުން އޮޅުވާލުންތަކެއް ގެންގުޅޭކަން އެނގޭ ކަމަށެވެ.

ތިޔަ ވިދާޅުވި ޓެކްނިކަލް ޓީމުގެ ދިރާސާ ހާމަކުރެއްވުން އެދެމެވެ. އަދި އެއީ ވެކްސިނެއްގެ ރައްކާތެރިކަމާ މެދު އެއްޗެއް އެނގޭ ވަރުގެ ސައިންޓިފިކް ކޮން ކަހަލަ ބެކްގްރައުންޑެއްގެ ބައެއްކަން ހާމަކޮށްދެއްވުން ވެސް އެދެމެވެ.

ޝިޔާމްގެ ވާހަކަ އެއަށް ވުރެ ވެސް ދުރަށް ދިޔަ އެވެ. އެގޮތުން ރައްކާތެރިކަން ކަށަވަރުވެފައި ނެތް ވެކްސިނެއް ޖަހަން ދިވެހިންނަށް މަޖުބޫރުކުރަނީ ކަމަށް ތުހުމަތުކުރެއްވި އެވެ. އެކަމަކު ޝިޔާމަށް އެނގިވަޑައިނުގަތް ކަމަކީ ޑަބްލިޔުއެޗްއޯ އިން މިހާތަނަށް އެންޑޯޒްކުރި ހަމައެކަނި ވެކްސިނަށް ވެސް ދީފައި އޮތީ އިމަޖެންސީ އެޕްރޫވަލްއެއް ކަމެވެ. އެއީ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ކޮވިޑް ވެކްސިން ކަމަށްވާ ފައިޒާ ވެކްސިނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ވެސް އެ އުޅެނީ އެ ވެކްސިން އެ މީހުން ބޭނުންވާ ވަރަށް ނުލިބިގެންނެވެ. އެހެންކަމުން ރާއްޖެ ކަހަލަ ކުޑަ އެއްވެސް ގައުމަކަށް އެ ވެކްސިން އެހާ އަވަހަށް ލިބުން ދުރެވެ. މިއާ ވިއްދާފައި "ރައީސް ޔާމީން ހުންނެވި ނަމަ" އޭ ވިދާޅުވާނެކަމެއް ނެތެވެ. މި ދައްކަނީ މީހެއްގެ ވާހަކައެއް ނޫނެވެ. ދުނިޔޭގައި ކޮވިޑް-19ގެ ސަބަބުން އޮތް ހާލަތުގެ ވާހަކަ އާއި ގައުމުތަކުން ވެކްސިނާ މެދު އަމަލުކުރަމުން އަންނަ ގޮތުގެ ވާހަކަ އެވެ.

ޕާޓީއެއްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ސިޔާސީ މޮޅު ވާހަކައެއް ދައްކަވަން ބޭނުންވިޔަސް ގޫގުލް އިން އިނގިލިކުރިއާ ހިސާބުގައި ހުރި މައުލޫމާތާ ބެހޭ ގޮތުން ދޮގުނުހައްދަވާށެވެ.

"ކޮވިޝީލްޑް" ވެކްސިންއާ މެދު ބިރުވެރިކަން އުފައްދަނީ އިންޑިއާގެ ކާރުހާނާއެއްގައި އުފައްދާތީ ކަމަށްވާ ނަމަ މިކަމާ ސިޔާސީ ގޮތުން ވެސް ވާހަކަދައްކާލެވިދާނެ އެވެ. ޗައިނާގައި ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންތަކަކީ އަދި މިހާތަނަށް އުފެއްދި ހުރިޙާ ވެކްސިނެއްގެ ތެރެއިން ވެސް އެފިކަސީ ނުވަތަ ބަލިން ރައްކާތެރިކޮށްދިނުމުގެ ގާބިލްކަން އެންމެ ކުޑަ ވެކްސިންތަކެވެ. ޗައިނާގެ ވެކްސިންތަކުގެ ތެރެއިން އެންމެ ވެކްސިނެއްގެ ނޫނީ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. އަނެއްކޮޅުން އިންޑިއާ އިން ވެސް ކޮވެކްސިންގެ ނަމުގައި އަމިއްލަ ވެކްސިނެއް ހަދާފައި ވާއިރު އޭގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެއީ ރައްކާތެރިކަމާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ވެކްސިނެކެވެ. އިދިކޮޅުން ސިޔާސީ ބޭނުމުގައި ދައްކަނީ ރާއްޖެއަށް ގެނެސްގެން އުޅެނީ "ކޮވެކްސިން" ކަމަށް ދޭހަ ވެސް ވާ ގޮތަށެވެ.

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ދާދި ފަހުން ވާހަކަ ދެއްކެވީ ވެކްސިންގެ ތަޖުރިބާކާރުން ވެސް ނުދައްކަވާހާ "މޮޅު" ކޮށެވެ. އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް-އަސްޓްރާޒެނެކާ ވެކްސިނެއް ނޫނޭ، އެއީ އޮޅުވާލުމެކޭ ވިދާޅުވި އެވެ. އެކަމަކު ސީރަމް އިންސްޓްޓިއުޓަކީ ކިހާ ވަރެއްގެ ތަނެއްކަން ވިދާޅެއް ނުވެ އެވެ. އެއީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ވެކްސިން ކުންފުނި ކަމާއި އަހަރެމެންނާއި ދަރިންނަށް ވެސް ޖަހާ ވެކްސިންގެ ތެރޭގައި ގިނަވާނީ އެތަނުން އައި ވެކްސިން ކަމަށް ވިދާޅުނުވެ ދޫކޮށްލެއްވީ އެވެ. އިންޑިއާ އަކީ މުޅި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓް ހިއްސާވާ ގައުމެވެ. އަދި ސީރަމް އަކީ ވެކްސިން އުފެއްދުމުގައި ޗައިނާގެ ކުންފުނިތަކަށް ވުރެ މާ މަތީ ފަންތީގެ، އަދި ޓެކްނޮލޮޖީގެ ގޮތުން ވެސް އެހާމެ ކުރީގައި އުޅޭ ބައެކެވެ.

ކޮވިޝީލްޑް ވެކްސިނާ މެދު ޑަބްލިޔު.އެޗް.އޯ އިން ގޮތެއް ނުނިންމަނީސް އެ ވެކްސިން ޖަހަން ޑަބްލިޔުއެޗްއޯ ވެސް ނުރުހޭނޭ ވެކްސިން ޖަހަން ހެޔޮ ނުވާނެ ބުނާއިރު ސްރީ ލަންކާ އާއި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި އެ ވެކްސިން ދޭން ފެށުމުން އެ ގައުމުތަކުގެ ޑަބްލިޔުއެޗްއޯ އޮފީސްތަކުން މަރުހަބާ ކިޔައި މިއީ އުންމީދީ ފެށުމެއް ކަމަށް ބުނެ ކޮށްފައިވާ އެންމެ ޓްވީޓެއް ހިސާބު ވެސް މިއިން ސިޔާސީ ބޭފުޅަކަށް ފެންނަ ކަމަކަށް ވެސް ނުވޭ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރީ އޮކްސްފޯޑް-އަސްޓްރާޒެނެކާ ވެކްސިން ނޫން ކަމަށާއި އެއީ ސީރަމް އިންސްޓިއުޓާ ވެކްސިންގެ ފޯމިއުލާ ހަވާލުކުރުމުން "އިންޑިއާގައި ހެދި" ވެކްސިނެއް ކަމަށް މުންދު ވިދާޅުވީ ސީރަމް އިންސްޓިއުޓަކީ ވަރަށް އާދައިގެ، ދަށް ފެންވަރުގެ އަދި އިތުބާރު ކުރަންނުވާ ވަރުގެ ތަނެކޭ ބުނާ ކަހަލަ ގޮތަކަށެވެ. ޝައްކުމަތީ ތިބި އެތައް ބައެއްގެ ހިތުގައި އިތުރަށް ޝައްކު އުފައްދަން މިހެން ވާހަކަ ދައްކަން ހެޔޮނުވާނެ އެވެ. "ކޮވިޝީލްޑް" އޭ މި ކިޔަނީ އޮކްސްފޯޑް-އަސްޓްރާޒެނެކާގެ ވެކްސިން އިންޑިއާގައި އުފައްދައި އޭގެ ބްރޭންޑް ނަމެއްގެ ގޮތުގައިކަން މުންދު އަށް އެނގިވަޑައިނުގަތީއޭ ބުނުމަށް ވުރެ ރަނގަޅުވާނީ ގަސްތުގައި އޮޅުވާލެއްވީއޭ ހީވާ ވަރަށް ކަނޑައެޅިގެން ދޮގު ވާހަކަ ދެއްކެވި ކަމަށް ބުނުމެވެ.

އެހެން ކުންފުނިތަކުން ފޯމިއުލާ ދިނުމުން ސީރަމް އިންސްޓްޓިއުޓްގައި ހަދާ އެތައް ބައިވަރު ވެކްސިނެއް ރާއްޖެ އާއި ދުނިޔޭގެ އެތަން މިތަނުގައި އެ ޖަހަނީ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެކަހަލަ ގިނަ ވެކްސިން އުފައްދައި، ނެރޭނީ ސީރަމް އިން ކަމާ މެދު ޝައްކެއް ވެސް ނެތެވެ.

ކޮވިޝީލްޑް ވެކްސިނާ މެދު ޑަބްލިޔުއެޗްއޯ އިން ގޮތެއް ނުނިންމަނީސް އެ ވެކްސިން ޖަހަން ޑަބްލިޔުއެޗްއޯ ވެސް ނުރުހޭނޭ، ވެކްސިން ޖަހަން ހެޔޮ ނުވާނެއޭ ބުނާއިރު ސްރީ ލަންކާ އާއި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި އެ ވެކްސިން ދޭން ފެށުމުން އެ ގައުމުތަކުގެ ޑަބްލިޔުއެޗްއޯ އޮފީސްތަކުން މަރުހަބާ ކިޔައި މިއީ އުންމީދީ ފެށުމެއް ކަމަށް ބުނެ ކޮށްފައިވާ އެންމެ ޓްވީޓެއް ހިސާބު ވެސް އިދިކޮޅު ސިޔާސީ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ.

ކޮވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް ރަސްމީކޮށް ތައްގަނޑު ޖެހި ވެކްސިނެއް އަދި ނެތެވެ. ސުވާލަކީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ޝައްކު އުފައްދާ ކޮވިޝީލްޑް ވެކްސިން ރާއްޖެ ނޫން މި ސަރަހައްދުގެ ހުރިހާ ގައުމެއްގައި ޖަހަން ފެށީ އެ ގައުމުތަކުން ވެސް ރައްޔިތުންނަށް އޮޅުވާލައިގެން ހެއްޔެވެ؟ ސްރީ ލަންކާ އަށް އިންޑިއާ އާއި ޗައިނާގެ ވެކްސިން ވެސް ލިބިފައި ވާއިރު އިންޑިއާ ވެކްސިން ލިބުނުތާ އެއް ދުވަސް ތެރޭ އިއްޔެ ވަނީ ޖަހަން ފަށައިފަ އެވެ. ޔަގީންވާ ކަމަކީ، އެހާ އަވަހަށް އެ ވެކްސިން ދޭން ފެށީ އެ ވެކްސިނާ ބެހޭ މައުލޫމާތު ޗައިނާގެ ވެކްސިނަށް ވުރެ ހާމަކަން ބޮޑު ގޮތެއްގައި ލިބެން ހުރުމުން އެއާ މެދު އޮތް ޔަގީންކަން ބޮޑުވުމެވެ.

ގައުމުތަކުގައި މިހާރު ޖަހަމުން އަންނަ ކޮވިޑް ވެކްސިންތަކާ މެދު ސައިންސްވެރިންގެ އިތުބާރު ބޮޑެވެ. ވެކްސިން ޖެހުމުން ބައެއް މީހުންނަށް އުނދަގޫތައް ދިމާވިޔަސް އެއީ ނިސްބަތުން ވަރަށް މަދު ބައެކެވެ. އެހެން ވެކްސިންތަކުގައި ވެސް ހަމަ މިހެން ދިމާވެ އެވެ. ތަފާތަކީ މިފަހަރު ނޫނީ މީޑިއާގެ ސަމާލުކަން ވެކްސިނަކަށް މިހާވަރަށް ލިބިފައި ނެތުމެވެ. ދެން ބުނާނީ ވެކްސިން ޖެހި އެތައް ބަޔަކު މަރު ވެސް ވެއްޖެއޭ އެވެ. އެތައް މިލިއަން ބަޔަކަށް ވެކްސިން ޖަހަމުން ދާއިރު އޭގެ ތެރެއިން މަރުވާ ކޮންމެ މީހަކީ ވެކްސިނުގެ ސަބަބުން މަރުވާ މީހުން ކަމަށް ނުނިންމާށެވެ. ކޮވިޑް ވެކްސިންގެ ސަބަބުން މީހަކު މަރުވި ކަމުގެ ކަށަވަރު އެއްވެސް މައުލޫމާތެއް އަދި ނެތެވެ. އެހެން ކިޔާފައި ފޭކް ނިއުސްއާ އެކު ޕޯޑިއަމަށް އަރަން ދިމާކުރުމަށް ވުރެ، ބަލިމަޑުކަމުގެ މިހާ ނަޒުކު ދަނޑިވަޅެއްގައި ސިޔާސީ މީހުންނަށް ދެން ހެދޭނެ އެއަށް ވުރެ ބޮޑު ގޯހެއް ނޯންނާނެ އެވެ.

އެހެންވެ ވެކްސިނާ ދެކޮޅު "އެންޓި ވެކްސާސް" ފަދައިން ސިޔާސީ ބޭފުޅުން ވާހަކަ ނުދައްކަވައި ހިމޭނުން ތިއްބަވާށެވެ. ވެކްސިން ސިޔާސީ ނުކުރައްވާށެވެ. މީޑިއާތަކުން ވެސް ވެކްސިނާ ބެހޭ ކޮންސްޕިރަސީ ތިއަރީތައް ނުފަތުރާށެވެ. މެޑިކަލް ހުރިހާ ކަމެއްގައި ސައިންސްވެރިންނާއި ޑޮކްޓަރުންނަށް އިތުބާރުކޮށް އެ މީހުންގެ އެހީތެރިކަން ހޯދާއިރު އެ މީހުން ޔަގީންކަންދޭ ވެކްސިނެއް ނުޖަހަންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟

އަދި އެއް ވާހަކަ ބުނެލާނަމެވެ. ޑަބްލިޔުއެޗްއޯ އަކީ ވެކްސިނަށް ހުއްދަ ދީ ރެގިއުލޭޓްކުރާ ތަނެއް ނޫނެވެ. ކޮންމެ ގައުމަކަށް ވެސް އެ ގައުމެއްގެ ސިއްހީ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭހާއި ވެކްސިނަށް ހުއްދަ ދެވެ އެވެ. ގުޅުން އޮންނަ ބައިނަލްއަގުވާމީ އިދާރާތަކުގެ އެހީއާ އެކު ބޭހާއި ވެކްސިންގެ މައުލޫމާތު ހޯދައި ދިރާސާކޮށް ކަންކަން ނިންމައިގެންނެވެ. އެއީ ޝިޔާމް ވިދާޅުވި ކަހަލަ އިދިކޮޅުގައި އޮތް "ޓެކްނިކަލް" ޓީމަކުން ނިންމާ ނިންމުމެއް ނޫނެވެ.