04 މާޗް 2017
ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯގެ ދެ ލަނޑާ އެކު މާލޭ ލީގުގައި މިރޭ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، އާ ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހުވަފެނީ ފެށުމެއް ހޯދައިފި އެވެ.
ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯގެ ދެ ލަނޑާ އެކު މާލޭ ލީގުގައި މިރޭ ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، އާ ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ހުވަފެނީ ފެށުމެއް ހޯދައިފި އެވެ.
ވިކްޓަރީ ފުރަތަމަ މެޗުން ގްރީންސްޓްރީޓް އަތުން 1-0 އިން ބަލިވެފައިވާއިރު، މާލޭ ލީގުގެ ގަދަ ހަތަރެއްގެ ތެރޭ ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އެ ޓީމަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު ނިއު އާއި މާޒިޔާ އަދި ގްރީންސްޓްރީޓް ތިން ޕޮއިންޓް ހޯދާފައިވާއިރު އީގަލްސް އާއި ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ. ބައިނަލްއަގްވާމީ މެޗުތަކެއް އޮތުމުން ޓީސީ ސްޕޯޓްސް ކްލަބާއި ވެލެންސިއާ އަށް ލީގުގައި މެޗެއް ނުކުޅެ އެވެ.
މިރޭގެ މެޗަކީ ފަހަކަށް އައިސް އެންމެ ގިނަ ބަޔަކު ކުޅިބަލަން ވަން މެޗެވެ. ގޮނޑިބަރި ފުރިފައިއޮތް އިރު ނިއުގެ ސަޕޯޓަރުން ތިބޭ މަޖީދީމަގާވީ ފަޅި އަދި ވިކްޓަރީގެ ސަހަރާއާވީ ފަޅި ކޮންމެވެސް ވަރަކަށް އޮތީ ފަޅުފިލައިފަ އެވެ. ނިއުގެ ސަޕޯޓަރުން ތިބޭ ފަޅީގައި ދިދަ ދަމާފައި އޮތްއިރު ބޮޑުބެރު ވެސް ޖެހި އެވެ.
ޕޯޗުގީސް ކޯޗު ބެނާޑޯ ޓަވަރޭސްގެ އިރުޝާދުގެ ދަށުން ކުޅޭ ނިއުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ޕާސިން ކޮމްބިނޭޝަނެއް ފެނިގެންދިޔަ އެވެ. ދެ ލަނޑު ޖެހުމުގެ އިތުރުން ސްޕެއިން ފޯވާޑް ގަލާޑޯ ވަނީ މެދުތެރެއަށް ޖެހިގެން ނިއުގެ އެޓޭކްތައް އުފެދުއްމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
ވިކްޓަރީގެ އަށް ވަނީ ނިއު އިން ލަނޑު ޖެހުމުގެ ކުރިން އަދި ނިއުގެ ލީޑަށް ފަހު ވެސް ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގެ ކުރީކޮޅު އެ ޓީމުގެ ޑިފެންޑަރު އަދި މިދިޔަ ސީޒަނުގައި ނިއު އަށް ކުޅުނު ބަލްގޭރިއާގެ ވެލިޗްކޯ އަނިޔާގެ ސަބަބުން ބާލަން ޖެހުނެވެ. މިރޭގެ މެޗުގައި މުޅިން އަލަށް ކުޅުނު ވިކްޓަރީގެ ޒުވާން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވަނީ އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ވެސް ވަނީ ލ. ގަމުން އެ ޓީމާ ގުޅުނު ތޮއްޕޭ އަށް ތައުރީފްކޮށްފަ އެވެ.
ވިކްޓަރީގެ ޒުވާން ޑިފެންޑަރު ތޮއްޕޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗު ފަށައިގެން ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައި ނިއު އިން ނުރައްކާތެރި ތިން ހަމަލާ ވިކްޓަރީގެ ގޯލަށް އަމާޒުކުރި އެވެ. އެންމެ ފުރަތަމަ 10 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ބޯޅަ ވިކްޓަރީ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް މަތަކުރިއިރު އޭގެ ފަހުން ގަލާޑޯ އަދި ސެންޓޭ ފޮނުވާލި ދެ ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
ނިއު އަށް ކުރިއަށް ޖެހިގެން ކުޅެނިކޮށް ކައުންޓާ އެޓޭކެއްގައި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އަށް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ބޯޅަ ޖަހަޖަހަ އޮއްވާ ނިއުގެ ކުޅުންތެރިޔަކު އޭނާ ވައްޓާލި އެވެ. އެ ފައުލަށް ލިބުނު ހިލޭ ޖެހުން ރިލްވާން ވަހީދު (ކަކާ ރިލޭ) ޖެހުމުން އަމާޒުވީ ގޯލުގެ މަތީ ކަނުގަ އެވެ.
ދެން ފެނިގެން ދިޔައީ ކޮންމެވެސް ވަރަކަށް ވިކްޓަރީން މެޗުގެ ކޮންޓްރޯލް ނެގި ތަނެވެ. އެކަމަކު އެ ޓީމަށް ހަމަލައެއް ނުއުފެއްދި އުޅެނިކޮށް އަކްރަމް އަބްދުލްގަނީ ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނިއު އަށް ލީޑު ނަގައިދީފަ އެވެ. އޭރިއާ ބޭރުން އޭނާ އާދައިގެ ބާރު މިނެއްގައި ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ. ނިއުއާ ތިން ވަނަ ފަހަރަށް މި ސީޒަނުގައި ގުޅުނު އަކްރަމް ވަނީ އޭނާ ނިއު އަށް ކުޅުނު ފުރަތަމަ އަހަރު ކަމަށްވާ 2007 ގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ވިކްޓަރީ ކޮޅަށް ގޯލް ޖަހައިފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ވިކްޓަރީއަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ސަޑޭ އަށް އޭރިއާ ތެރެއިން ހުސްކޮށް އޮތް ގޯލަށް ފޮނުވާލަން ލިބުނު ބޯޅަ އޭނާ ޖެހުމުން، ނިއުގެ ޑިފެންޑަރަކު ވަނީ ގޯލް ރޮނގުމަތިން ސަލާމަތްކޮށްފަ އެވެ.
ނިއުގެ ކޯޗު ޓަވަރޭސް (ވ) ޗެއާމަން ޒިޔާދު ގައިގައި ބައްދާލަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭގެ ފަހުން ނިއުގެ ގަލާޑޯ އާއި ސެންޓޭ ވިކްޓަރީގެ ގޯލަށް ނުރައްކާތެރި ދެ ބޯޅަ ފޮނުވާލި އެވެ. މީގެ ތެރެއިން ސެންޓޭ ބޭރު ރޮނގުމަތިން ފޮނުވާލި ބާރު ބޯޅައިގެ ހުރަކަށްވީ ގޯލުގެ ހުރަސް ދަނޑި އެވެ. އެކަމަކު 66 ވަނަ މިނެޓުގައި ސެންޓޭ ކޯނަރަކުން ހުރަސްކުރި ބޯޅަ ގަލާޑޯ ވަނީ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މި ލަނޑަށް ފަހު ގަލާޑޯ އަށް އިތުރު ދެ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވި އެވެ.
ނިއު ހާސްކޮށްލީ 83 ވަނަ މިނެޓުގައި ވިކްޓަރީގެ ފޯވާޑް ކެރިކް އަންދްރޭ ޖެހި ލަނޑާ އެކު އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ ކެރިކް ކެރިކް ގޯލުގެ ތެރެއަށް ވައްދާލި ބޮލުންނެވެ. އެކަމަކު 88 ވަނަ މިނެޓުގައި ގަލާޑޯ ވަނީ އިތުރު ގޯލެއް ޖަހައި ނިއު އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މުހައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅަ ހޯދުމަށް ފަހު ގަލާޑޯ ގޯލަށް ވައްދާލީ އޭރިއާ ބޭރުން ޖަހަ އެވެ.
ނިއު ލީގަށް، ވިކްޓަރީ އަށް މުހިއްމު ޕޮއިންޓެއް
ނިއު އަކީ ހަތުރެއް ނޫން، ގާތް ވާދަވެރިއެއް: ސުޒޭން
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
"އެންމެ ބޮޑު ކަންބޮޑުވުމަކީ ވިކްޓަރީ ކުޅޭ ސްޓައިލް"
ގަދަފަދަ ނިއު އަތުން ވިކްޓަރީ މޮޅުވެއްޖެ
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ނިއު އެނބުރި އަންނާނީ ވަރުގަދަކޮށް: އޮސްކާ
"ދެން އޮތީ މިގޮތުގައި ހިފެހެއްޓުމުގެ މަސައްކަތް"
ނިއުއާ އެއްވަރުކޮށް މާޒިޔާ މާލޭ ލީގު ކާމިޔާބުކޮށްފި
ލީގު ކާމިޔާބުކުރަން މާޒިޔާ-ނިއު ފަހު ހަނގުރާމައަށް