Roadha Mihaaru
މާލޭގެ ސްކޫލުތަކުގެ އެހީތެރިކަން ރަށްރަށަށް ފޯރުކޮށްދެނީ

ރަށްރަށުގެ ސްކޫލުތަކުގެ އޯލެވެލްގެ ނަތީޖާ ރަނގަޅު ކޮށްދިނުމުގެ ޕްރޮގްރާމް ފަށައިފި

03 މާޗް 2017

ރަށްރަށުގެ ސްކޫލުތަކުގެ އޯލެވެލް ނަތީޖާ ރަނގަޅު ކޮށްދިނުމަށްޓަކައި މާލޭގެ ސްކޫލުތަކުން ކުރިއަށް ގެންދަން ނިންމި ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށްރަށުގެ ސްކޫލުތަކުގެ އޯލެވެލް ނަތީޖާ ރަނގަޅު ކޮށްދިނުމަށްޓަކައި މާލޭގެ ސްކޫލުތަކުން ކުރިއަށް ގެންދަން ނިންމި ޕްރޮގްރާމް އިއްޔެ ފަށައިފި އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ހަރަކާތްތައް އަމާޒުކުރީ މާލެ ފިޔަވައި އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށް ވާ އައްޑު އަށެވެ. އައްޑޫގެ ސްކޫލުތަކުގެ އޯލެވެލްގެ ނަތީޖާ ރަނގަޅު ކޮށްދިނުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެނީ އިސްކަންދަރު ސްކޫލުންނެވެ.

ސްކޫލުތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ފައްޓަވާފައިވާ މި ޕްރޮގްރާމުުގެ ދަށުން، އައްޑޫގެ ފަސް ސްކޫލެއްގެ ޓީޗަރުންނަށް އިސްކަންދަރު ސްކޫލުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އައްޑު އަށް ދިޔަ އިސްކަންދަރު ސްކޫލުގެ ޓީމުގައި، އެ ސްކޫލުގެ ހެޑް އޮފް ޑިޕާޓްމަންޓް (އެޗްއޯޑީ) ން ވެސް ހިމެނޭ ގޮތަށް 10 މީހަކު ހިމެނެ އެވެ.

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު ވިދާޅުވީ "ސްކޫލް އައުޓްރީޗް ޕްރޮގްރާމް 2017، އިސްކަންދަރު-އައްޑޫ ސްކޫލްސް: ޝެއަރިން ބެސްޓް ޕްރެކްޓިސް" ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ޓީޗަރުންނާ އިއްޔެ ބައްދަލުކޮށް، އޯ ލެވެލްގެ ނަތީޖާ ރަނގަޅު ކުރުމަށް އިސްކަންދަރުން އަމަލުކުރާ ގޮތްތައް ހިއްސާކޮށްފައިވާނެ ކަމަށެެެވެ.

އައްޑޫގައި އައުޓްރީޗް ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އިސްކަންދަރު ސްކޫލް

އައްޑޫގައި އައުޓްރީޗް ޕްރޮގްރާމް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އިސްކަންދަރު ސްކޫލް

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްގައި، ހެޑް ކައުންޓާއި އިމްތިހާން ކަރުދާސް ތައްޔާރު ކުރާނެ ގޮތާއި މާކްސް ދޭނެ ގޮތުގެ އިތުރުން އިމްތިހާނު ބޭއްވުމުގައި އަމަލުކުރާނެ އުސޫލުތައް ކިޔައިދޭނެ ކަމަށް ހުސެއިން ވިދާޅުވި އެވެ. މީގެ އިތުރުން އިސްކަންދަރު ސްކޫލުގެ ޓީޗަރުން ވެސް އައްޑޫގެ ސްކޫލުތަކަށް އިމްތިހާނުތައް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަތީޖާއެއް ރަނގަޅު ކުރަން ކުރަންޖެހޭ ހުރިހާ ކަމަކަށް އަލިއަޅުވައިލާނެ. އިސްކަންދަރުގެ ޓީޗަރުން އެކި ސްކޫލުތަކަށް ޒިޔާރަތްކޮށް، އެ ޓީޗަރުން ކިޔަވައިދޭ ގޮތް ބަލާނެ. އިމްޕްރޫވް ކުރަންވީ ކަންތައްތައް ކިޔައިދެވިގެން ދާނެ،" އައްޑޫ ފޭދޫ އަށް ނިސްބަތްވާ ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރަށް ދެމިގެންދާ އައުޓްރީޗް ޕްރޮގްރާމުގެ ޓާގެޓަކީ، އައްޑޫގެ ސްކޫލުތަކުން އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ފަސް މާއްދާ އިން ފާސްވާ ދަރިވަރުންގެ އަދަދު 80 ޕަސެންޓަށް ހެދުން ކަމަށެވެ. އެ އަމާޒަށް ވާސިލްވާން އެ ސްކޫލުތަކަށް އިސްކަންދަރުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަން ހުސެއިން ފާހަގަކުރެއްވި އެެވެ.

"ސްކޫލް އައުޓްރީޗް" ޕްރޮގްރާމް ކުރިއަށް ގެންދަން މާލޭގެ އެކި ސްކޫލުތަކުގެ އިސްބޭފުޅުންނާ ވަނީ ބައެއް ރަށްރަށުގެ ސްކޫލުތައް ހަވާލުކޮށްފަ އެވެ.