Roadha Mihaaru
ޓްރާންސްޕޯޓުގެ އެއްވެސް ކަމެއްގައި އުސޫލުން ބޭރުނުވެވޭނެ

ޓްރާންސްޕޯޓުގައި އެއްވެސް ކަމެއް އުސޫލުން ބޭރުން މިހާރު ނުކުރެވޭނެ: އަމީން

03 އޮކްޓޯބަރ 2024

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ދޭން ކަނޑައަޅާފައި އޮންނަ ގަވާއިދާއި އުސޫލްތަކާ ޚިލާފަށް އެއްވެސް ކަމެއް އެތަނުގެ ތެރޭގައި މިހާރު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ދޭން ކަނޑައަޅާފައި އޮންނަ ގަވާއިދާއި އުސޫލްތަކާ ޚިލާފަށް އެއްވެސް ކަމެއް އެތަނުގެ ތެރޭގައި މިހާރު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީއަކީ ކުރީގެ ސަރުކާރުގައި، ހިދުމަތް ދިނުމުގައި ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތު ބޮޑުވެ އޮޑިޓްކުރަން ޖެހުނު ތަނެކެވެ. ވެހިކަލް ރަޖިސްޓްރީ އާއި ލައިސަންސް ދޫކުރުން ފަދަ ހިދުމަތްތަކުގައި އުސޫލާ ޚިލާފަށް ފައިސާ ނަގައި، ބޮޑެތި ގޯސްތައް ހަދާފައިވާ ކަން ވެސް އޮތީ ފަޅާއަރައިފަ އެވެ.

ހުޅުމާލޭގައި ޕާކިން ބިލްޑިންތަކެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ވެހިކަލް ރަޖިސްޓްރޭޝަން އަދި އަދި ލައިސެންސާ ގުޅުން ހުރި މަސައްކަތެއް ވިއަސް އެތަނުގެ ތެރޭގައި މިހާރު އުސޫލުން ބޭރުން ނުކުރާނެ ކަމަށެވެ.

އެ ކަންކަމަށް ބަދަލުތަކެއް ގެންނަ ނަމަ އާއްމުންނަށް އެނގޭނެ ގޮތަށް ގެޒެޓުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެހިކަލް ކަންތައްތަކާ ބެހޭ ކަމެއް ވިއަސް، ރަޖިސްޓްރޭޝަން ވިއަސް، ލައިސަންސް ވިއަސް އަދި މި މިނިސްޓްރީން ކުރާ އެއްވެސް ކަމެއް އަޅުގަނޑުމެން އުސޫލުން ބޭރުން އަދި އާއްމު ރައްޔިތުންނަށް އެނގޭނެ ގޮތަށް ގެޒެޓުކޮށްފައި ނޫނިއްޔާ އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ދެން. މިހާރު ކޮންމެ ކަމެއް ކުރި ކަމުގައި ވިއަސް އާއްމު ރައްޔިތުންނަށް އެނގޭނެ ގޮތަށް އަޅުގަނޑުމެން ގެޒެޓުކޮށްފައި މި ސަރުކާރުން މި ކަންތައް ކުރަމުން މި އަންނަނީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދާއި އެހެނިހެން ހިސާބުތަކުގައި ވެސް ވެހިކަލް ރަޖިސްޓްރީކުރަން އެކުލަވާލާފައިވާ ގަވައިދަކީ މި ދުވަސްވަރަށް ފެތޭ އެއްޗެއް ނޫނެވެ.

އެހެންވެ، އެ ގަވައިދަށް ބަދަލު ގެނައުމަށް ފަހު ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އާއްމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޒަމާނީ ވަސީލަތްތަކާ އެކު ޕާކްކުރެވޭނެ ގޮތްތައް މިހާރު އެބަހުރި ކަމަށެވެ. އެ ސަބަބުތަކާ ހެދި، 2017 ގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.