Roadha Mihaaru
މުޅިން އާ ކޮންސެޕްޓަކަށް އަލުން ޑޮމެއިން ވިއްކަންފަށަނީ

ދޫކޮށްފައި ހުރި ޑޮމެއިންތައް ނިޒާމަށް ފައްތައި، އާ ކޮންސެޕްޓަކަށް ޑޮމެއިން އަލުން ވިއްކަން ފަށަނީ

03 ޖެނުއަރީ 2024

ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން ކުރީ ސަރުކާރުން ނިންމާފައި އޮތް ނިންމުން ނިމުމަކަށް ގެނެސް، މުޅިން އާ ކޮންސެޕްޓަކަށް އެ ހިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ހުއްޓާލަން ކުރީ ސަރުކާރުން ނިންމާފައި އޮތް ނިންމުން ނިމުމަކަށް ގެނެސް، މުޅިން އާ ކޮންސެޕްޓަކަށް އެ ހިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 200 ވަރަކަށް މީހުން ޑޮމެއިންގެ ހިދުމަތަށް އެދިފައިވާ ކަމަށާއި އެ ފަރާތްތަކަށް ސީދާ އަދި އެ ހިދުމަތް ނުދެވުނުނަމަވެސް ވެރިފިކޭޝަނެއްގެ ތެރެއިން އެ ހިދުމަތް މިހާރު ފަށައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިއީ ހުއްޓާލާފައި ބާއްވަން ޖެހޭ ހިދުމަތެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެއީ ދޭން ޖެހޭ ހިދުމަތެއް ކަމަށެވެ. އަދި އެ ހިދުމަތް ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލުން ޑޮމެއިންގެ ހިދުމަތް ދޭން ފަށާނީ ކުރިއަރާފައިވާ ގައުމުތަކުން ވެސް ގެންގުޅޭ ފަދަ މުޅިން އާ ކޮންސެޕްޓަކާ އެކުގައި ރަނގަޅު ބިޑިން ސިސްޓަމެއްގެ ތެރެއިން ކަމަށް އަމީން ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުގައި ރައީސް އޮފީހުން އަންގައިގެން ޑޮމެއިންގެ ހިދުމަތް ހުއްޓާލީ، ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ގޮތަކަށް، ގަވައިދާ ހިލާފަށް ޑޮމެއިން ވިއްކާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އަމީން ވިދާޅުވީ، މާލެއާއި ރަށްރަށުގައި ހުރި ޑޮމެއިންތަކަކީ ސައްހަ ގޮތުގައި ދޫކުރެވިފައިވާ ޑޮމެއިން ތަކެއްތޯ ބަލައި އޮޑިޓެއްގެ ތެރެއިން ޔަގީން ކުރާނެ ކަމަށާއި އެކަމަކު އެއްވެސް ބޭފުޅެއްގެ އަތުގައިވާ ޑޮމެއިން ބާތިލް ނުކުރާނެ ކަމަށެވެ.

"އެ ޑޮމެއިން ގާނޫނީ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން އޮންނަ އުސޫލުން ބޭރުން ވެސް ދިވެހިރައްޔިތަކާ ހިސާބަށް އެ ބޭފުޅެއްގެ މައްސަލައެއް ނެތި ހިނގާފައި އޮތް ކަމެއް ކަމަށް ވާ ނަމަ އަޅުގަނޑުމެން އެ ޑޮމެއިނެއް ކެންސަލްކޮށް ނޫނީ އެ ޑޮމެއިނެއް ލިބިފައި އޮތް ފަރާތަކުން އެ ޑޮމެއިނެއް އަތުލުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގައި ނެތް،" އަމީން ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހިމް: އޭނާ ވިދާޅުވީ ޑޮމެއިންގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހިމް: އޭނާ ވިދާޅުވީ ޑޮމެއިންގެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އެ ކަމުގައި މިނިސްޓްރީން ހުޅުވާލައިގެން އަދި ޑޮމެއިންތަކުގެ ވެރިންނާ ވާހަކަ ދައްކައިގެން ވެރިފިކޭޝަން މަރުހަލާއެއް ކުރިއަށް ގެންދާނެ ކަމަށާއި ޑޮމެއިންތައް މިނިސްޓްރީން ގެންގުޅޭ ގަވައިދުގެ ދަށުން ސައްހަ ނިޒާމެއްގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ޑޮމެއިން ދޫކުރުމުގެ ކަންކަން ހުއްޓާލާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު އެވެ.