Roadha Mihaaru
ޑިގްރީއަށް ޓީޗަރުން ތަމްރީން ކުރުމުގައި އޮޅުންތަކެއް!

3،000 ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި އޮޅުންތަކެއް ހުރި ކަމަށް ބުނެ ކަންބޮޑުވެއްޖެ

03 މާޗް 2017

ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ތެރޭގައި އޮޅުންތަކެއް އަރާފައިވާ ކަމަށް ބުނެ ބައެއް ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ތެރޭގައި އޮޅުންތަކެއް އަރާފައިވާ ކަމަށް ބުނެ ބައެއް ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެޑިއުކޭޝަން މިނިިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން 3،000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެފައި ވަނީ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނީ ޓީޗަރުން ވަޒީފާގައި ތިބެގެން މުސާރަ އިން ކޯހުގެ ފީ ކަނޑާ ގޮތަށް ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ޓީޗަރަކު ބުނީ އޮންލައިންކޮށް، ކޯސް ކުރިއަށް ގެންދަން ނިންމިޔަސް ބައެއް ކަންތައްތައް ހަމަނުޖެހޭ ކަމަށް ބުނެ، ފުރަތަމަ ސެމިސްޓާގައި ކިޔެވީ ބްލޮކް މޯޑަށް ކަމަށެވެ. އަދި ފުރަތަމަ ސެމިސްޓާގައި ހަތަރު ބްލޮކަށާއި ފައިނަލް އިމްތިހާނަށް މާލެ އަންނަން ޖެހުނު ކަން އޭނާ ފާހަގަކުރި އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ޓީޗަރަކު ބުނީ، މި އަހަރުގެ ފުރަތަމަ ބްލޮކް މޯޑުގެ ކިޔެވުން އިއްޔެ ބާއްވަން އެމްއެންޔޫ އިން ހުރިހާ ތައްޔާރީތަކެއް ވުމަށް ފަހު، އެ ކަން ކެންސަލް ކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޔޫ އިން ޓީޗަރުންނަށް އަންގާ އެންގުންތައް ދިމާނުވާތީ، އެ މީހުން ތިބީ ވަރަށް ބޮޑު އޮޅުމެއްގައި ކަމަށް ވެސް ބައެއް ޓީޗަރުން ބުންޏެވެ.

"މި އަހަރުގެ ފުރަތަަމަ ބްލޮކް ކެންސަލް ކުރި ކަމަށް މިނިސްޓްރީން މެއިލްއަކުން އެންގި ފަހުން، ޔުނިވަސިޓީން މި މެސެޖު ކުރަނީ އެ ބްލޮކް އޮންނާނެ ކަމަށް. އަޅުގަނޑުމެން މި ތިބެނީ ވާނުވާ ނޭނގިފައި. ކިޔެވުން ކުރިއަށް ގެންދަން ދެން ހަދަންވީ ގޮތެއް ނޭނގޭ،" އެ ޓީޗަރު ބުންޏެވެ.

ބްލޮކް މޯޑަށް ކިޔެވުން ކެންސަލްކޮށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި މެއިލްގައި ބުނެފައި ވަނީ "2 މާޗު 2017 ގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބްލޮކް މި މިނިސްޓްރީގެ ފަރާތުން ވާނީ ތަފާތު ސަބަބުތަކާހުރެ ކެންސަލްކޮށްފައި" ކަމަށެވެ.

"އެހެންކަމުން މާލެ އައުމަށް ހަމަޖެހިފައިވާ 3000 ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ އެއްވެސް ބެޗެއްގެ އެއްވެސް ބޭފުޅަކު މި ބްލޮކަށް ހާޒިރު ނުވުމަށް ދަންނަވަމެވެ. މާލޭ ސްކޫލުތަކުގެ ޓީޗަރުން ވެސް ބްލޮކަށް ހާޒިރުނުވުމަށް ދަންނަވަން،" މެއިލްގައި ވެ އެވެ.

މި ބްލޮކް މިނިސްޓްރީން ކެންސަލް ކުރިޔަސް، ބައެއް ޓީޗަރުން ވަނީ އިއްޔެ ބޭއްވި ބްލޮކްގެ އޮރިއެންޓޭޝަންގައި ބައިވެރިވެފަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި އެހެން ޓީޗަރަކު ބުނީ އިއްޔެގެ އޮރިއެންޓޭޝަނަށް ނުގޮސްފި ނަމަ، ކޯހަށް އަލުން ވަންނަން ޖެހޭނެ ކަމަށް ޔުނިވަސިޓީން އަންގާފައިވާ ކަމަށެވެ. އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން އަމަލުކުރާ ގޮތުން ވާނުވާ ނޭނގޭތީ ކަންބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

ޑިގްރީ ފެންވަރަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދަން ބޭނުންވަނީ އޮންލައިންކޮށެވެ. ނަމަވެސް އޮންލައިންކޮށް މި ކޯސް ކުރިއަށް ނުގެންދެވޭނެ ކަމަށް ޔުނިވަސިޓީން ބުނެފައިވާ ކަމަށް ވެ އެވެ.

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދެއްކި އެވެ. އަދި އެމްއެންޔޫގެ އިސް ބޭފުޅުން ފޯނު ނުނަންގަވާތީ އެ ތަނުގެ ބަހެއް ވެސް ނުލިބެ އެވެ.