Roadha Mihaaru
ތައުލީމާ ބެހޭ ބިލަށް އިދާރާތަކުގެ ހިޔާލު ހޯދަނީ

ތައުލީމާ ބެހޭ ބިލަށް ކަމާ ގުޅޭ އިދާރާތަކުގެ ހިޔާލު ހޯދަން ނިންމައިފި

21 ފެބުރުއަރީ 2017

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތައުލީމާ ބެހޭ ބިލަށް ކަމާ ގުޅޭ އިދާރާތަކުގެ ލަފާ ހޯދުމަށް މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީން އިއްޔެ ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ތައުލީމާ ބެހޭ ބިލަށް ކަމާ ގުޅޭ އިދާރާތަކުގެ ލަފާ ހޯދުމަށް މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީން އިއްޔެ ނިންމައިފި އެވެ.

ބާރަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި ކޮމެޓީގެ މުގައްރިރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވި ތައުލީމީ ދާއިރާ އަކީ އެތައް ބައެއްގެ ޝާމިލްވުން އޮތް ދާއިރާ އަކަށް ވާއިރު، ތައުލީމާ ބެހޭ ބިލް ވަރަށް ފުރިހަމަ ވާންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމެޓީ އަށް ހާޒިރުކުރާ ފަރާތްތަކުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި ޕްރިންސިޕަލުންނާއި ޓީޗާސް އެސޯސިއޭޝަނާއި ގައުމީ ޔުނިވަސިޓީ އާއި ޕޮލިޓެކްނިކްގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ތައުލީމާ ބެހޭ ބިލަށް ކަމާ ގުޅޭ އިދާރާތަކާ ގުޅޭ ބޭފުޅުން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.

ކޮމެޓީ ބައްދަލުވުމުގައި ވަނީ ކޮމެޓީން ބިލު ދިރާސާކޮށް ނިންމާނެ ތާރީހެއް ކަނޑައަޅައިފަ އެވެ. މެމްބަރުން އިއްތިފާގުވީ އަންނަ މަސް ނިމުމުގެ ކުރިން ބިލުގެ މަސައްކަތް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.

ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ސަލީމް ހުށަހެޅުއްވި ބިލުގައި ވާ ގޮތުން، ސްކޫލެއްގައި ނުވަތަ ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރެވޭނީ ސަރުކާރުގައި ރަޖިސްޓަރީ ކޮށްގެންނެވެ. ރަޖިސްޓަރީ ނުވާ މީހުން ވަޒީފާގައި ގެންގުޅެގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.

ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ހިމާޔަތްކޮށް މޮނިޓާ ކުރެވޭނެ އިންތިޒާމެއް އެކުލަވާލައި، ތަންފީޒު ކުރުމާއި ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމާއި ޓީޗަރުންގެ ތައުލީމީ އަދި ފަންނީ ސެޓްފިކެޓްތަކާއި ރެކޯޑުތަކުގެ މައުލޫމާތު ބެލެހެއްޓުން ހިމެނެ އެވެ.

މީގެ އިތުރުން ބިލުގައި ބުނެފައިވަނީ މޯލްޑިވްސް އެގްޒެމިނޭޝަން ބޯޑަކާއި ކޮލިފިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އޮތޯރިޓީއެއް ގާއިމުކުރަން ޖެހޭނެ ކަމަށެވެ. އެ އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާން ޖެހޭ ގޮތަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ގަވަނިން ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ތައުލީމާ ބެހޭ ބިލަކީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ޓީޗަރުން ބޮޑު "މަޅިއެއްގައި" ޖައްސުވައި، ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ސްކޫލްތައް ގެންނަން ރާވާ ސިޔާސީ ރޭވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ. އެކަމަކު ސަރުކާރުގެ މެމްބަރުންގެ ވިސްނުމުގައި މި ބިލުގެ ސަބަބުން ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ގެންދާނެ އެވެ.