Roadha Mihaaru
5 އަހަރަށް ހެދި ހަކަތައިގެ ސިޔާސަތު އިފްތިތާހުކޮށްފި

ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި ހަކަތައިގެ ސިޔާސަތު އިފްތިތާހުކޮށްފި

19 ސެޕްޓެމްބަރ 2024

ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން ކަނޑައެޅި ހަކަތައިގެ ސިޔާސަތު މިއަދު އިފްތިތާހުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން ކަނޑައެޅި ހަކަތައިގެ ސިޔާސަތު މިއަދު އިފްތިތާހުކޮށްފި އެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ "ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް 2024-2029" އިފްތިތާހުކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި މި ސިޔާސަތު އިފްތިތާހުކޮށްދެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ޔުޓިލިޓީ ކުންފުނިތަކުގެ އިސްވެރިން ވެސް އެ ރަސްމިއްޔާތަށް ވަޑައިގަތެވެ.

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި، ހަކަތައިގެ ސިޔާސަތާއި އިސްތިރާޖީތަކުގެ މައިގަނޑު އަމާޒަކީ، މިދިޔަ އަހަރު ބޭއްވި ކޮޕް ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރާއްޖެ އަށް އިމްޕޯޓްކުރާ ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް އަދި ރާއްޖެ އިން ލިބެންހުރި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ހަކަތަ އިތުރުކުރުމެވެ.

އެ އަމާޒު ހާސިލްކުރުމަށް ސަރުކާރުން ވަނީ މައިގަނޑު ފަސް ސިޔާސަތެއް ކަނޑައަޅައިފަ އެވެ. އެއީ؛

• އިރުގެ އަތްވާއި އަލީގެ ޓެކްނޮލޮޖީގެ އިތުރުން، ވަޔާއި ކަނޑުގެ އޮޔާއި ރާޅުން އަދި ދިޔަވަރުން ހަކަތަ އުފެއްދިދާނެ ގޮތްތައް ހޯދައި، އަޖުމަބެލުން.

• ހަކަތައިގެ ދާއިރާ އަށް އަންނަ އާ ޓެކްނޮލޯޖީ ރާއްޖެ އަށް ތައާރަފުކޮށް އިންސާނީ ވަސީލަތް ބިނާކޮށް ކުރިއެރުވުން.

• ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށާއި އިސްރާފު ކުޑަކުރުމަށް ކުރަންޖެހޭ އިތުރު ކަންކަން ތައާރަފުކޮށް، ރައްޔިތުން އެ ކަންކަމަށް އަހުލުވެރިކުރުވުން.

• އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ތެރެއަށް އިޔާދަކުރަނިވި ހަކަތަ ތައާރަފުކުރުން.

• ހަކަތައިގެ ދާއިރާގައި ހިމެނޭ ތަންފީޒީ އިދާރާތަކާއި ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ބޭނުންވާ ގާނޫނާއި ގަވާއިދުތައް ހަރުދަނާކުރުން.

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ހަކަތައިގެ ސިޔާސަތު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ

ރާއްޖޭގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމާ ގުޅޭ ކަންކަން ހިމެނޭ ހަކަތައިގެ ގާނޫނެއް 2021 ވަނަ އަހަރު ވަނީ ހަދައިފަ އެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.