Roadha Mihaaru
ޑީޕޯޓްކޮށް ރާއްޖޭން ފޮނުވާލި ބިދޭސީއަކު ކޯޓަށް

ޑީޕޯޓްކޮށް ރާއްޖޭން ފޮނުވާލި ބިދޭސީއަކު ކޯޓަށް

19 ސެޕްޓެމްބަރ 2024

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ކަމަށް ބުނެ ރާއްޖޭން ފޮނުވާލި ސްރީ ލަންކާ މީހަކު އެ ނިންމުމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ކަމަށް ބުނެ ރާއްޖޭން ފޮނުވާލި ސްރީ ލަންކާ މީހަކު އެ ނިންމުމާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އިމިގްރޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު ތެންތެނީ ވަރެން ނަދިޝް ޕެރޭރާ ކިޔާ މީހެކެވެ. އޭނާ ރާއްޖޭން ޑީޕޯޓްކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އޭގެފަހުން އޭނާ ވަނީ ޓޫރިސްޓް ވިސާއެއްގައި ރާއްޖެ އެތެރެވާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އޭނާ ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓުމަށް ފަހު އަނބުރާ ފޮނުވާލި އެވެ. މި ވާހަކަ އޭރު ސޯޝަލް މީޑިއާގައި ވެސް ވަރަށް ބޮޑަށް ދައުރުވި އެވެ.

އޭނާ ސިވިލް ކޯޓަށް ހުށަހެޅީ ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓި ނިންމުން ރިވިއުކުރަން ޖުޑީޝަލް ރިވިއު މައްސަލައެކެވެ. ނަމަވެސް މި މައްސަލައަކީ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިމިގްރޭޝަނުން ވަނީ ކޯޓުގައި އިއުތިރާޒުކޮށްފަ އެވެ.

އެކަމަކު އިމިގްރޭޝަނުން ހުށަހެޅި އިއުތިރާޒު ކޯޓުން ބަލައިނުގަނެ ޝަރީއަތް ކުރިއަށް ގެންދަން ކޯޓުން ވަނީ ނިންމައިފަ އެވެ.

ބިދޭސީ މީހާގެ ފަރާތުން ހުށަހެޅި މައްސަލާގައި އިމިގްރޭޝަނުން އޭނާއާ މެދު ގޮތް ނިންމައި ރާއްޖޭން ފޮނުވާލިިއިރު އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާ ކަމާއި ވަކީލެއްގެ އެހީތެރިކަމަށް އެދެވިދާނެ ކަން އަންގާފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ވަރަށް އަސާސީ ހައްގުތަކެއް ކަމާއި އެ ހައްގުތައް ފޯރުކޮށްނުދީ، އިމިގްރޭޝަނުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން އޭނާ ވަނީ ކޯޓުގައި އެދިފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ. މިހާރު ވެސް އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު ބައެއް ބިދޭސީން ވަނީ އޮޕަރޭޝަނަށް ފިލަން ބައެއް ރަށްރަށަށް ވެސް ގޮސްފަ އެވެ.