Roadha Mihaaru
ޔޫކޭގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރުކޮށްފި

ލޮޖިސްޓިކްސްގެ ބޭނުމަށް އިނގިރޭސި ވިލާތުގެ އަސްކަރީ މަނަވަރެއް މާލޭގައި ބަނދަރުކޮށްފި

16 ސެޕްޓެމްބަރ 2024

ލޮޖިސްޓިކްސްގެ ބޭނުމަށް އިނގިރޭސި ވިލާތުގެ އަސްކަރީ މަނަވަރެއް މާލޭގައި މިއަދު ބަނދަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ލޮޖިސްޓިކްސްގެ ބޭނުމަށް އިނގިރޭސި ވިލާތުގެ އަސްކަރީ މަނަވަރެއް މާލޭގައި މިއަދު ބަނދަރުކޮށްފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ، އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކްސްގެ ބޭނުމަށް މާލޭގައި ބަނދަރުކުރި އުޅަނދެއް ކަމަށެވެ. އެ އުޅަނދު އަންނަ ބުރާސްފަތި ދުވަހާ ހިސާބަށް މާލެ ކައިރީގައި އޮންނާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އާރްއެފްއޭ ލައިމް ބޭ" ކިޔާ އިނގިރޭސި ރޯޔަލް ނޭވީގެ އެ އުޅަނދު މި ވަގުތު އޮތީ މާލޭގެ ހުޅަނގު އުތުރު ކަންމަތިން ބޭރުގަ އެވެ. ދިގު މިނުގައި 176 މީޓަރު ހުންނަ އެ އުޅަނދަށް 16،160 ޓަނުގެ މުއްދާ ބަރުކުރެވެ އެވެ. އެއީ އިނގިރޭސި އަސްކަރިއްޔާގައި މި ވަގުތު އޮތް އެންމެ ބޮޑު އެއް އުޅަނދެވެ.

ރޯޔަލް ނޭވީގައި އެ އުޅަނދު ބޭނުންކުރަން ފެށީ 2007 ވަނަ އަހަރު އެވެ.

"ލައިމް ބޭ"ގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހެނދުނު ކުރި ޕޯސްޓެއްގައި ބުނީ އެ އުޅަނދުން މާލެ އައީ ޕޯޓް ވިޒިޓަކަށް ކަމަށެވެ.

އެ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓުތަކުން އެނގޭ ގޮތުގައި، އެ މަނަވަރު އެންމެ ފަހުން އޮތީ މަރާމާތުގެ މަސައްކަތަކަށް ސިންގަޕޫރުގަ އެވެ.

ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރާ ބޭރުގެ އަސްކަރީ އުޅަނދުތައް ވެސް ލޮޖިސްޓިކްސްގެ ބޭނުމަށް ވަރަށް ގިނައިން މިހާރު ރާއްޖޭގައި މަޑުކުރެ އެވެ.