Roadha Mihaaru
ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ

ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވަނީ

10 ސެޕްޓެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ވަރަށް އަވަހަށް ރައީސް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރުފުޅަށް އެންމެ ރަނގަޅު ތާރީހަކީ ކޮބައި ކަމާ މެދު ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، ދަތުރުފުޅާ ގުޅޭ އެއްވެސް ތަފްސީލެއް ހީނާ ނުދެއްވަ އެވެ.

ރައީސް މުއިއްޒު މީގެކުރިން ވެސް އިންޑިއާއަށް ވަޑައިގެންނެވި އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށެވެ. އެކަމަކު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އަދި އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ނުކުރައްވަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނަށްފަހު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން އިންޑިއާ އާއެކު އޮތް ގުޅުން ހީނަރުވި އެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސް ވާގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ވެސް ދެ ގައުމުން ގޯސްވި އެވެ.

އެ މައްސަލާގައި އެ ތިން ޑެޕިޔުޓީ މިނިސްޓަރުން ސަސްޕެންޑް ކޮށްފައި ވާއިރު، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން އިންޑިއާގައި ވަރުގަދަ ކެމްޕޭނެއް ވެސް އޭރު ކުރި އެވެ. އިންޑިއާގެ ބޮލީވުޑް އަދި ކްރިކެޓް ތަރިން ވެސް ބައިވެރިވި އެ ކެމްޕޭނަށް ފަހު، އިންޑިއާ ޓޫރިސްޓުން ރާއްޖެ އައުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން ރާއްޖެ އާއި އިންޑިއާގެ ގުޅުން އަނެއްކާވެސް ވަނީ ބަދަހިވާން ފަށައިފަ އެވެ. އެގޮތުން ރައީސް މުއިއްޒު އިންޑިއާ އަށް އެންމެ ފަހުން ކުރެއްވި ދަތުފުޅުގައި، މޯދީއާ ވެސް ބައްދަލު ކުރެއްވި އެވެ. އަދި ދާދިފަހުން ފޮރިން މިނިސްޓަރު ޒަމީރު ވެސް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ވެސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންނެވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން މިދިޔަ މެއި މަހުގެ 10 ގެ ނިޔަލަށް ފޮނުވާލައި އެ މީހުންގެ ބަދަލުގައި އިންޑިއާގެ ސިވިލިއަނުން ގެނެސްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި އިންޑިއާއިން ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން އަނެއްކާވެސް ވަނީ ފަށައިފަ އެވެ.