Roadha Mihaaru
ޝިއުނާ އާއި މަލްޝާ އިސްތިއުފާދެއްވައިފި

ޝިއުނާ އާއި މަލްޝާ އިސްތިއުފާދެއްވައިފި

10 ސެޕްޓެމްބަރ 2024

ރާއްޖެ އާއި އިންޑިއާގެ ސިޔާސީ މަސްރަހު ގޯސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދެއްކެވި މައްސަލާގައި ސަރުކާރުގެ މަގާމުތަކުން މިދިޔަ ޖެނުއަރީ މަހު ސަސްޕެންޑު ކޮށްފައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެ އާއި އިންޑިއާގެ ސިޔާސީ މަސްރަހު ގޯސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދެއްކެވި މައްސަލާގައި ސަރުކާރުގެ މަގާމުތަކުން މިދިޔަ ޖެނުއަރީ މަހު ސަސްޕެންޑު ކޮށްފައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން އެ ދެ ބޭފުޅުން ސަސްޕެންޑް ކޮށްފައިވާތާ ނުވަ މަސް ފަހުން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭގެ ސަބަބު ވިދާޅުވާން ބޭނުމެއް ނުވެ އެވެ.

މަލްޝާ އާއި ޝިއުނާގެ އިތުރުން ޔޫތު މިނިސްޓްރީގެ އިތުރު ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ އަބްދުﷲ މަހްޒޫމް މާޖިދު ވެސް މި އަހަރުގެ ޖެނުއަރީ މަހުން ތިއްބެވީ މުސާރަ ހިނގާ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު، މަހްޒޫމް އަދި އިސްތިއުފާ ނުދެއްވަ އެވެ.

އެ ބޭފުޅުން މަގާމުން އެކަހެރި ކުރީ އިންޑިއާ އިން ލަކްޝަދީޕްގެ ޓޫރިޒަމް ފުޅާކުރުމަށް ނިންމުމާ އެކު، ސޯޝަލް މީޑިއާގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް، ޕޯސްޓްކުރި މައްސަލައެއްގަ އެވެ.

އެ ބޭފުޅުންނަށް ފިޔަވަޅު އެޅީ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮށް، ރާއްޖޭގެ ނަން ކިލަނބުވެފައިވާ ކަމަށް ބުނެ، އެ ބޭފުޅުންނަށް ފިޔަވަޅު އަޅަން ގިނަ ބަޔަކު ގޮވާލުމާ ގުޅިގެންނެވެ.