Roadha Mihaaru
މިނިސްޓަރުންގެ ނައިބުކަން އިތުރު 17 ބޭފުޅަކަށް

މިނިސްޓަރުންގެ ނައިބުކަން އިތުރު 17 ބޭފުޅަކަށް، ޖުމުލަ އަދަދު 61 އަށް

30 ނޮވެމްބަރ 2023

އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 17 ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.

އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމަށް އިތުރު 17 ބޭފުޅަކު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.

މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑެޕިއުޓީ މިނިސްޓަރުންނަށް ބޭފުޅުން އައްޔަން ކޮށްފައިވާއިރު، ރައީސް އޮފީހުން މިއަދު އާންމުކުރި ލިސްޓާ އެކު، މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 61 އަށް އެރީ އެވެ.

ފުރަތަމަ ބުރުގައި ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރީ 20 ބޭފުޅެކެވެ. ދެ ވަނަ ބުރުގައި 26 ބޭފުޅެކެވެ. އަދި ޑެޕިއުޓީ މިނިސްޓަރުކަން އިތުރު 17 ބޭފުޅަކަށް ދީފައިވާކަން މިއަދު އިއުލާންކުރި އެވެ.

ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ވަނީ 49 ބޭފުޅަކު މަގާމުތަކަށް އައްޔަންކޮށްފަ އެވެ.

އަލަށް އައްޔަންކުރި ޑެޕިއުޓީ މިނިސްޓަރުން:

- އިބްރާހީމް ޝާޒް ހަބީބު، ފޮރިން މިނިސްޓްރީ

- އަމާނީ މުހައްމަދު، ހޯމް މިނިސްޓްރީ

- އާމިނަތު ނާޒިމާ، އެޑިއުކޭޝަން މިނިސްޓްރީ

- އާމިނަތު މާރިޔާ، އެޑިއުކޭޝަން މިނިސްޓްރީ

- ޝަޖާހު ފިރާގު، އެޑިއުކޭޝަން މިނިސްޓްރީ

- އަލީ ނާސިރު، ހެލްތު މިނިސްޓްރީ

- ނާޝިމާ ޢަބްދުއްލަތީފް، ޓޫރިޒަމް މިނިސްޓްރީ

- އިބްރާހީމް ސުއޫދު، ޓޫރިޒަމް މިނިސްޓްރީ

- އަޝްހަދު ސައީދު، ޓޫރިޒަމް މިނިސްޓްރީ

- ހަސްމާ ހަސަންމަނިކު، ސޯޝަލް މިނިސްޓްރީ

- އާމިނަތު ނަމްޒާ، ސޯޝަލް މިނިސްޓްރީ

- އާމިނަތު އިސްމާއީލް، ސޯޝަލް މިނިސްޓްރީ

- އަޒުހަރު އަބްދުﷲ ސައީދު، ހައުސިން މިނިސްޓްރީ

- އިބްރާހީމް ޔާސިރު، ޓްރާންސްޕޯޓް މިނިސްޓްރީ

- އާމިނަތު ޝަޝީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

- މަރްޔަމް ޝިއުނާ، ޔޫތު މިނިސްޓްރީ

- އިބްރާހީމް ފަޔާޒު، ލޯކަލް ގަވަންމަންޓް މިނިސްޓްރީ

ވެރިކަމާ ހަވާލުވުމުގެ ކުރިން ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަރުހަލާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައި ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް މިދިޔަ އޮކްޓޫބަރު މަހު ނޫސްވެރިން ގާތު ވިދާޅުވެފައި ވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ފަހުން މި އަހަރު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 808 އެވެ.