Roadha Mihaaru
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަހުސަން

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަހުސަން

28 ނޮވެމްބަރ 2023

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދީނީ އެކި ޖަމިއްޔާތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އަލީ އަހުސަން އިއްޔެ ހަމަޖައްސަވައިފި އެވެ.

އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ދީނީ އެކި ޖަމިއްޔާތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ އަލީ އަހުސަން އިއްޔެ ހަމަޖައްސަވައިފި އެވެ.

ހދ. ވައިކަރަދޫ، ހިސާން، އަހުސަނަކީ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ތަފާތު ދާއިރާތަކުގެ އިލްމުވެރިން ހިމެނޭ ގޮތަށް އުފައްދާފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ މިހާރުގެ ރައީސެވެ. ކުރިން އޭނާ ހުންނެވީ އެ ޖަމިއްޔާގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

އައިއޯސީސީއަކީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިސްވެ އުފެއްދެވި ދީނީ ޖަމިއްޔާއެކެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އަހުސަން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

އޭނާ ވަނީ ޖަމިއްޔަތުއް ރަހުމާގެ ޖެނެރަލް ސެކްރެޓަރީ ކަމާއި އިލްމު އިންސްޓިޓިއުޓްގެ އެސިސްޓެންޓް ޑިރެކްޓަރކަން ވެސް ކުރައްވައިފަ އެވެ. ދިއިސްލާމް އޮންލައިނާއި ދިއިސްލާމް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ އިތުރުން އަހުސަން ވަނީ އިސްލާމިކް މިނިސްޓްރީގެ ހިދާޔަތުގެ އަލި މަޖައްލާ ނެރެ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މާކެޓިން އަދި އެ ކޯޕަރޭޝަންގެ މީޑިއާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބައެއް މިނިސްޓްރީތަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީން މި ސަރުކާރުން އަދި އައްޔަން ކުރައްވާފައި ވަނީ އެންމެ ސްޓޭޓް މިނިސްޓަރަކެވެ. ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ. ޑެޕިއުޓީ މިނިސްޓަރަކީ އަހުސަނެވެ.