Roadha Mihaaru
ޕްރައިމަރީން ބަލިވި ނަބީލަށް ޑެޕިއުޓީ މިނިސްޓަރުކަން

ޕްރައިމަރީން ބަލިވެ، އަމިއްލަ ގޮތުން ވާދަކުރަން ނިންމި ނަބީލަށް ޑެޕިއުޓީ މިނިސްޓަރުކަން

27 ފެބުރުއަރީ 2024

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވުމުން އެ ކޯލިޝަން ދޫކޮށް، އަމިއްލަ ގޮތުން އެ އިންތިހާބަށް ނުކުތް ނަބީލް ޒަމީލަށް ޑެޕިއުޓީ މިނިސްޓަރު ކަން ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވުމުން އެ ކޯލިޝަން ދޫކޮށް، އަމިއްލަ ގޮތުން އެ އިންތިހާބަށް ނުކުތް ނަބީލް ޒަމީލަށް ޑެޕިއުޓީ މިނިސްޓަރު ކަން ދީފި އެވެ.

ގާނޫނުއަސާސީން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނަބީލް އައްޔަން ކުރެއްވީ އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށެވެ. މިހާތަނަށް މިކަން ރައީސް އޮފީހުން ހާމަނުކުރިޔަސް، ނަބީލް ވަނީ ސޯޝަލް މީޑިއާގައި އެ މަގާމާ ހަވާލުވިކަން އިއުލާންކޮށްފަ އެވެ.

ނަބީލަކީ ޕީޕީއެމްގެ މަގުމަތީ ހަރަކާތުގައި ވަރަށް އިސްކޮށް އުޅުނު އެކްޓިވިސްޓެކެވެ. މިދިޔަ ސަރުކާރުގައި އެކި ފަހަރު މަތިން އޭނާ ހައްޔަރު ކޮށްފައި ވެސް ވެ އެވެ.

ށ. ފީވަކަށް އުފަން ނަބީލް ޕްރައިމަރީގައި ވާދަކުރީ މިލަންދޫ ދާއިރާއަށެެވެ. އޭނާއާ ވާދަކޮށް އެ ދާއިރާގެ ޓިކެޓް ހޯއްދެވީ އެ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދެވެ.

ޕްރައިމަރީން ބަލިވުމާ އެކު، ނަބީލް ވަނީ މުފީދަށް ތާއިދުކުރާކަން ހާމަކޮށްފަ އެވެ. ނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން މުފީދަށް އޮތް ތާއިދު އަނބުރާ ގެންގޮސް އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ނުކުތެވެ. އޭނާ އަމިއްލަ ގޮތުން އިންތިހާބަށް ނުކުތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު އެވެ.

އެކަމަކު، އިންތިހާބުގައި ވާދަކޮށް ކެންޑިޑޭޓުންގެ ނަންބަރުތައް ވެސް ތަރުތީބު ކުރި ފަހުން، ނަބީލް ވަނީ އިންތިހާބުގައި ފަހަތަށް ޖެހެން ނިންމައިފަ އެވެ. އޭގެ ފަހުން ނަބީލް ވަނީ އޭނާ އަށް ވޯޓު ދިނުމުގެ ބަދަލުގައި ތާއިދުކުރާ ހުރިހާ އެންމެން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުފީދަށް ވޯޓު ދިނުމަށް އެދި ފޭސްބުކްގައި ޕޯސްޓެއް ކޮށްފަ އެވެ.

އޭނާ އެ ނިންމުން ނިންމީ ނަން އަނބުރާ ގެންދިޔުމަށް ހުޅުވާލި ފުރުސަތަށްވުރެ ފަހުން ކަމަށް ވުމުން، މިލަންދޫ ދާއިރާގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާގެ ނަން އަދިވެސް އެބަ އޮތެވެ.

ނަބީލަށް ސިޔާސީ މަގާމެއް ސަރުކާރުން ދީފައިވާއިރު މި މަހުގެ ފަސް ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވެފައިވަނީ ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހުއްޓާލައިފައިވާ ކަމަށެވެ.