Roadha Mihaaru
އަނާރާގެ ދެމަފިރިން ވެސް އިންތިހާބު ކާމިޔާބު ކުރެއްވި

އަނާރާގެ ދެމަފިރިން ވެސް އިންތިހާބު ކާމިޔާބު ކުރައްވައިފި

22 އެޕްރީލް 2024

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމާއި އޭނާގެ ފިރިކަލުން އާދަމް ޝަފީގް ވެސް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އިއްޔެ ކާމިޔާބު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމާއި އޭނާގެ ފިރިކަލުން އާދަމް ޝަފީގް ވެސް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އިއްޔެ ކާމިޔާބު ކުރައްވައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕްރައިމަރީގައި ކ. ހުރާ ދާއިރާ އަށް އަނާރާ ވާދަކުރެއްވި ނަމަވެސް އެ ޕްރައިމަރީގެ ނާކާމިޔާބީއާ ގުޅިގެން މި ފަހަރުގެ މަޖިލިސް އިންތިހާބަށް އޭނާ ނުކުމެވަޑައިގަތީ އަމިއްލަ ގޮތުންނެވެ. އެކަމަކު، އެއީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދާ އެކު އެވެ.

އަނާރާ ކުރިން މެމްބަރުކަން ކުރެއްވި މަކުނުދޫ ދާއިރާގެ ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވީ އޭނާގެ ފިރިކަލުން އަދި ކޮންސްޓްރަކްޝަން ވިޔަފާރިވެރިޔާ އާދަމް ޝަފީގެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ހުރާ ދާއިރާގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނާރާ ވަނީ 583 ވޯޓު ހޯއްދަވައިފަ އެވެ. އެއީ 20 ވަނަ މަޖިލިހަށް އަލަށް އިތުރުކުރި ދާއިރާ އެކެވެ.

މަކުނުދޫ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނާރާގެ ފިރިކަލުން އާދަމް ޝަފީގަށް ލިބިވަޑައިގަތީ 1،000 ވޯޓެވެ. އޭނާއާ އެކު، އެ ދާއިރާ އަށް ދެން ވާދަކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެހެންވެ، އަނާރާ އާއި އާދަމް ޝަފީގަކީ އަންނަ މަހު ހުވާކުރާ 20 ވަނަ މަޖިލިހުގައި ތިއްބަވާނެ ހަމައެކަނި ދެމަފިރިންނެވެ.

މިހާރު ހިނގަމުން އަންނަ 19 ވަނަ މަޖިލީހުގައި ތިއްބަވާ ދެމަފިރިންނަކީ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. ނަމަވެސް، މި ފަހަރުގެ އިންތިހާބުން ނާޝިޒަށް ބޮޑު ނާކާމިޔާބީއެއް ލިބުނުއިރު، އެމްޑީޕީގެ ޕްރައިމަރީއާ ހިސާބުން ރޮޒައިނާ ވަނީ ބަލިވެފަ އެވެ. އަދި މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ހިސާން ވާދައެއް ނުކުރައްވަ އެވެ.

އިއްޔެގެ މަޖިލިސް އިންތިހާބުގައި މާމިގިލި ދާއިރާގެ މިހާރުގެ ވެސް މެމްބަރު ގާސިމް އިބްރާހީމާއި އޭނާގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ވެސް ވާދަކުރެއްވި އެވެ. ހުޅުމާލެ ދެކުނު ދާއިރާ އަށް އާއިޝާ ވާދަކުރެއްވިޔަސް ގޮނޑި ކާމިޔާބު ނުކުރެއްވުނެވެ.