Roadha Mihaaru
ޓިކްޓޮކް ލައިވްގައި ޔާމްބެއަށް ދެލައްކަ ރުފިޔާގެ އެހީ

ޓިކްޓޮކް ލައިވްއަކުން ޔާމްބެއަށް 200،000 އަށްވުރެ ގިނަ ރުފިޔާގެ އެހީ

07 ސެޕްޓެމްބަރ 2024

ކިޑްނީ ފެއިލްވެ އާންމުންގެ އެހީތެރިކަމަށް އެދިފައިވާ، ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) އަށް މިރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި ދެ ލައްކައަށް ވުރެ ރުފިޔާގެ އެހީ ހޯދައިފި އެވެ.

ކިޑްނީ ފެއިލްވެ އާންމުންގެ އެހީތެރިކަމަށް އެދިފައިވާ، ރާއްޖެ އާއި ރާއްޖޭން ބޭރުގައި އެންމެ ކާމިޔާބު އެއް ދިވެހި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) އަށް މިރޭ ޓިކްޓޮކްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި ދެ ލައްކައަށް ވުރެ ރުފިޔާގެ އެހީ ހޯދައިފި އެވެ.

ޔާމްބެއާ އެކު މިރޭ ޓިކްޓޮކްގައި ބަޔަކު އިސްނަގައިގެން ލައިވެއް ކުރިއަށް ގެންދިޔައިރު، އެ ލައިވް ވަރަށް ގިނަ ބަޔަކު ބަލައި، ޔާމްބެއަށް ވަނީ އެހީ ދީފައިވެ އެވެ.

ގާތްގަނޑަކަށް އެއް ގަޑިއިރަށް ކުރިއަށް ގެންދިޔަ ލައިވްގައި 210،000ރ. އާއި 1،300 ޑޮލަރު ވަނީ ހޯދައިފަ އެވެ. މިއީ ޓިކްޓޮކްގައި މިގޮތަށް ކުރިއަށް ގެންދިޔަ އެންމެ ކާމިޔާބު އެއް ފަންޑުރެއިޒިން އިވެންޓެވެ.

މިސްޓަ މޯލްޑިވްސްގެ މަގާމުގައި މިވަގުތު ހުރި އަދި އެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ޔާންބެ ބުނީ ކިޑްނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި އޭނާ ހުރިކަން އެނގުނީ މީގެ މަހެއްހާ ދުވަސްކުރިން ކަމަށާއި ޑޮކްޓަރުން ލަފާ ދެނީ ޓްރާންސްޕްލާންޓް ހަދަން ކަމަށެވެ.

ޓްރާންސްޕްލާންޓް ހެދުމާއި ފަރުވާގެ އެހެން ކަންކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެތީ ޔާމްބެގެ އުފަން ރަށް ށ. ފުނަދޫގެ ބަޔަކު ވެސް ވަނީ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ޔާންބެ ބުނެފައިވާ ގޮތުގައި ކުރިން މި ބަލީގެ އެއްވެސް އަލާމާތެއް ފާހަގަކުރެވިފައެއް ނުވެ އެވެ. މައްސަލައެއް އުޅޭކަން އެނގުނީ ކުދި އުނދަގޫތަކެއް ވާތީ ހެދި ލޭގެ ޓެސްޓަކުން ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން މިވީ މަހެއްހާ ދުވަހު އޭނާ ވަނީ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައި އެތައް ޓެސްޓުތަކެއް ހަދައިފަ އެވެ.

"ޑޮކްޓަރުން ބުނަނީ މިހާރު ހުރީ ފަސް ވަނަ ސްޓޭޖުގައޭ. އެއީ މި ބަލީގެ އެންމެ ފަހު ސްޓޭޖް. މިއީ އަނބުރާ ދެން ރަނގަޅުކުރެވޭނެ ބައްޔެއް ނޫން، މިވަގުތު ކުޅިވަރާ އެއްކޮށް ދުރުގައި މިހުރީ. ފޯކަސް އޮތީ މި ކަމުން އަރައިގަތުމަށް." ޔާންބެ ބުންޏެވެ.

ޔާންބެ އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސްގެ މަގާމު ހޯދީ 2017 ގަ އެވެ. އޭގެ ފަހުން 2021، 2022، އަދި 2023 ގައި ހޯދައި ޖުމްލަ ހަތަރު ފަހަރު ކާމިޔާބުކުރި އެވެ. އޭނާ ވަނީ ބައިނަލްއަގްވާމީ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

މިދިޔަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި އެވެ. އަދި އޭނާ ވަނީ 2022 ވަނަ އަހަރު ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގެ އެންމެ ޗެލެންޖް ބޮޑު އެއް ކެޓަގަރީ ކަމަށްވާ ސުޕަ 90 ކިލޯގެ ކެޓަގަރީގެ ފައިނަލުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ.