Roadha Mihaaru
ރޭސިން އަށް ދީފައި އޮތް ހުއްދަ ބާތިލުކޮށްފި

ރޭސިން އަށް ދީފައި އޮތް ހުއްދަ ބާތިލުކޮށް ހަރުކަށި ފިޔަވަޅުތަކެއް!

06 ސެޕްޓެމްބަރ 2024

ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ބާތިލްކުރުމާ އެކު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައި އެ ފިޔަވަޅުތައް އިއުލާން ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިން އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ހުއްދަ ބާތިލްކުރުމާ އެކު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނިންމަވައި އެ ފިޔަވަޅުތައް އިއުލާން ކުރައްވައިފި އެވެ.

އެ މަނިކުފާނު އެ ގޮތަށް އަންގަވައި ފިޔަވަޅުތައް ހަރުކަށި ކުރެއްވީ ހުޅުމާލޭގައި ރޭ މެންދަމު ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން، ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވާނެކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ.

ރޭސިން އަދި ޑްރިފްޓިން އަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދަ އެޗްޑީސީން ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 19 އިގަ އެވެ. އެކަމަކު، އެ ހުއްދަ ވަގުތުން ބާތިލް ކުރުމާ އެކު ދެން ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި ހަރުކަށި ފިޔަވަޅުތަކަކީ:

1- ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ ވެހިކަލްތައް ވަގުތުން ހުއްޓުވައި، ވެހިކަލް ދުއްވި މީހާގެ ލައިންސަންސާއި އެ ވެހިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުން.

2- ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ ވެހިކަލްތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދު އިސްލާހު ކުރުން.

3- ސައިލެންސަރު ބަދަލު ކޮށްގެން، އަޑުގަދަ ކުރަމުން ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް މަނާކުރަން ގާނޫނާއި ގަވާއިދުތައް އިސްލާހު ކުރުން.

4- ހުޅުމާލޭގެ މަގުތައް ތަރުތީބުކޮށް، ތަންފީޒު ކުރުމަށް އެޗްޑީސީ އަށް ފުލުހުން ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސް ކުރުން. ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.

5- ގްރެޖުއޭޓިން ލައިސަންސް ސިސްޓަމެއް ތައާރަފު ކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ މީހުންގެ ލައިންސަންސުން ޕޮއިންޓް ކަނޑަން ފެށުން.

6- މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރަން ފުލުހުން ކުރާ މަސައްކަތައް މިހާރަށް ވުރެ އިތުރަށް ހަރުދަނާ ކުރުން.

7- މަގުތަކަކީ އެންމެންނަށް ވެސް އަމާންކަމާ އެކު، ބޭނުން ކުރެވޭނެ ތަންތަން ކަމުގައި ހެދުމަށް، ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގާނޫނާއި ގަވާއިދު އިސްލާހު ކުރުން.

މި ފިޔަވަޅުތައް ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިއުލާން ކުރެއްވީ، ރޭގެ އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އާންމުންގެ ކަންބޮޑުވުމާއި ޝަކުވާ މިއަދު އޮއްސާލާފައި ވަނިކޮށެވެ. ހާއްސަކޮށް ސްޕޯޓްސް ކާރުތައް ކޮންޓްރޯލް ނުވެ، ހުޅުމާލޭގައި އެ ބިރުވެރިކަން އިންތިހާ އަށް އޮތް ކަން އާންމުން މިއަދު އައީ ސަރުކާރުގެ ސަމާލުކަމަށް ގެންނަމުންނެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރިން އުރީދޫގެ މައި އޮފީހާ ދިމާލުން ރޭގެ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް، ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ނިޔާވީ ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހު، 23 އެވެ. އެކްސިޑެންޓުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ. ކާރު ދުއްވަން އިން ވިސާމްގެ އަތުގައި ލައިސަންސެއް ނެތް ކަމަށް ފުލުހުން މިރޭ ބުންޏެވެ.

މި އެކްސިޑެންޓު ހިނގި ގޮތުގެ ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވާ ގޮތުން ނަމަ އެކްސިޑެންޓު ހިނގީ ސްޕޯޓްސް ކާރުގައި ސައިކަލުން ޖެހިގެންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ޖެނުއަރީ 2021 އިން ފެށިގެން ވަޒީފާ އަދާކުރަމުން އައި ސަމާހު ނިޔާވީ އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވެ އެ ޒުވާނާ ނިޔާވި އެވެ.

ސަމާހު: އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ހުޅުމާލެ ހޮސްޕިޓަލްގައި.

ސަމާހު: އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ހުޅުމާލެ ހޮސްޕިޓަލްގައި.

އަންނަ މަހު ކައިވެންޏަށް ވެސް ތައްޔާރު ވަމުން އައި ސަމާހު ރޭ ދަންވަރު މަގުމަތީގައި އުޅުނީ ރޭ ބޭއްވި ޓީއެފްޖީ މެރަތަންގައި ބައިވެރިވާތީ އެވެ. އެކްސިޑެންޓުވެ، އޭނާ ނިޔާވީ ވެސް އެ ދުވުމަށް ރައްޓެހިން ސައިކަލްގައި ގެންދިއުމުގެ ތެރޭގަ އެވެ. މާފުށީ ޖަލުގައި ޑިއުޓީ އަދާކުރާ ސަމާހު މާލެ އައީ ވެސް އެ ދުވުމަށެވެ.

ހުޅުމާލެ 2 ގައި ދުވާލު ގަޑީގައި ބާރު ސްޕީޑުގައި ދުއްވާފައި ސްޕޯޓްސް ކާރަކުން ޖެހި މިދިޔަ ޖުލައި 31 ގައި ވެސް މީހަކަށް ބޮޑެތި އަނިޔާތަކެއްވި އެވެ. އެ ކާރު ދުއްވަން އިން މ. ލޭންޑްއޮފް ގާޑަން، އިބްރާހިމް އިކްރާމް އިތުރު 30 ދުވަހަށް ބަންދުކުރަން މިރޭ ކޯޓުން ވަނީ ފުލުހުންނަށް އަންގައިފަ އެވެ.

ތަހުގީގުގެ ބޭނުމަށް އިކްރާމް އިތުރު 30 ދުވަހަށް ބަންދުުރަން ދަށު ކޯޓުން މިރޭ އެންގީ އޭނާ ފުރަތަމަ ބަންދުކުރި ގޮތް ގޯސްވެގެން ހައި ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކޮށް، ދަށު ކޯޓަށް ހާޒިރުކޮށް، ދިން ބަންދަށް ދިން މުއްދަތު މިއަދަށް ހަމަވާތީ އެވެ.