Roadha Mihaaru
މުންޔާގެ އަގުބޮޑު ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟

މުންޔާގެ އަގުބޮޑު މި ދެ ކުރެހުމުގައި ވަނީ ކޮން ބާރެއް؟

30 އޯގަސްޓް 2024

މަރިޔަމް މުންޔާގެ އުމުރުން އަދި އެންމެ 17 އަހަރެވެ. އޭނާގެ ފުރަތަމަ ކުރެހުން ވިކުނީ 15،000ރ. އަށެވެ. އަދި ދެ ވަނަ ކުރެހުން މީހަކު ގަތީ 26،000ރ. ގެ އަގަކަށެވެ. މިއީ މުންޔާގެ އެ ދެ ކުރެހުމުގެ ނަލަ ވާހަކަ އެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

މަރިޔަމް މުންޔާގެ އުމުރުން އަދި އެންމެ 17 އަހަރެވެ. އޭނާގެ ފުރަތަމަ ކުރެހުން ވިކުނީ 15،000ރ. އަށެވެ. އަދި ދެ ވަނަ ކުރެހުން މީހަކު ގަތީ 26،000ރ. ގެ އަގަކަށެވެ. މިއީ މުންޔާގެ އެ ދެ ކުރެހުމުގެ ނަލަ ވާހަކަ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ އިން ކޮންމެ އަހަރަކު އާޓް ގެލަރީގައި ބާއްވާ އެގްޒިބިޝަނުގައި މުންޔާ އަލަށް ވެސް ބައިވެރިކުރި ކުރެހުމަކީ އެފަދަ މައުރަޒެއްގައި އޭނާ އަލަށް ވެސް ބައިވެރިކުރި އޭނާގެ އަލަތު ބޮޑު ކުރެހުމެވެ. ފަސް ފޫޓް ހަތަރު ފޫޓުގެ ކެންވަސްއެއްގައި އެކްރެލިކް މީޑިއަމް ބޭނުންކޮށްގެން އޭނާ 2023 ވަނަ އަހަރުގެ މުބާރާތަށް ކުރެހި ތަސްވީރަށް ދީފައިވާ ނަމަކީ 'ޕްރައިމަރީ ފޯކަސް' އެވެ. މުންޔާ ބުނީ އެއީ އޭނާގެ 'ސެލްފް ޕޯޓްރެއިޓެއް' ކަމަށެވެ.

ނަމަވެސް އޭނާގެ 'އަމިއްލަ ނަފުސަށް' ވުރެ ބޮޑު ސަމާލުކަމެއް ލިބުނީ ހީކުރި ގޮތަށް، އެ ކުރެހުމުގައި ތިބި ބުޅާތަކަށެވެ.

"ބުޅާ ގެންގުޅޭ ހިތްވާ މީހެކޭ ބުންޏަސް އަޅުގަނޑު އެ ގޮތަށް ބުޅަލެއް ނުގެންގުޅެން. އަދި ކެޓްސް ފެންނަ ޕެއިންޓިންއެއް ކުރެހުމުގެ ހިޔާލު އެންމެ ފުރަތަމަ ދިނީ މި ކުރެހުމުގެ މަސައްކަތަށް ބްރެއިންސްޓޯމް ކުރަމުން ދަނިކޮށް އަޅުގަނޑުގެ މަންމަ،" ޕްރައިމަރީ ފޯކަސްގެ ނަން ދީފައިވާ ކުރެހުމުގައި ފެންނަ މުންޔާގެ އުނގަށާއި ކޮނޑަށާއި މުޅި ކުރެހުމަށް އަރައި ހަމަޖެހިލައިގެން ތިބި ބުޅާތަކުގެ ހިޔާލު އައިގޮތް ކިޔައިދެމުން މުންޔާ ބުންޏެވެ.

'ޕްރައިމަރީ ފޯކަސް' ގެ ނަން ދީފައިވާ މުންޔާގެ ސެލްޕްޕޯޓްރެއިޓް.

'ޕްރައިމަރީ ފޯކަސް' ގެ ނަން ދީފައިވާ މުންޔާގެ ސެލްޕްޕޯޓްރެއިޓް.

ބުޅާތަކުން ފުރާލާފައިވީ، އޭނާގެ މި ކުރެހުން މިހާރު ފެންނަން ހުރި ގޮތަށް ނިންމަން މުންޔާ ބުނީ ދެ މަސް ދުވަހުގެ މަސައްކަތް ނެގި ކަމަށެވެ. އެ އަށް ފަހު އަންވެއިލިން ވިޝަންގެ އެގްޒިބިޝަނުގައި ބައިވެރިކުރީ އެއްގޮތަކަށް ވެސް އެވަރުގެ އަގަކަށް އޭނާގެ ކުރެހުން ވިކިދާނެ ކަމަށް އުއްމީދު ކޮށްގެންނެއް ނޫނެވެ.

"ކުރަހާނެ އެއްޗެއް ނޭނގިގެން ގޮސް، މަންމަ ބުނެފި މީހުންނަށް ވަރަށް ކަމުދާ އެއްޗެކޭ ބުޅަލަކީ. އެހެންވީމަ ބުޅާ ކުރަހަންވީ ނޫން ހެއްޔޭ. އޭރަކު އަދި އެހާ ފެމިލިއާއެއް ނޫން ބުޅާ ކުރަހާކަށް ވެސް،" މުންޔާ ބުންޏެވެ.

"އެހެންވީމައާ އެކު ވެސް ޗެލެންޖަކަށް ނަގައިގެން އެކްސްޕެރިމަންޓް ކުރަން ބޭނުންވީ ބުޅާތަކެއް އެކި ގޮތްގޮތަށް ހުއްޓިގެން ތިބޭތަން ފެންނަ ތަސްވީރެއް ކުރަހަން."

އޭނާގެ އެ އެކްސްޕެރިމަންޓް ޔަގީނަށް ވެސް ފާސްވީ ރަން ކުލަތަކުންނެވެ.

"ޕްރައިމަރީ ފޯކަސްގެ ނަން ދީފައި މި ޕެއިންޓިން ފެށީ ވެސް މުޅި ޕެއިންޓިންގެ ޕްރައިމަރީ ފޯކަސް އަކީ އަޅުގަނޑޭ. އެ ކުރެހުމުގައި ފެންނަ އަޅުގަނޑުގެ ސެލްފް ޕޯޓްރެއިޓަށޭ ހުރިހާ ފޯކަސްއެއް ލިބެން ޖެހޭނީ. އެކަމަކު އޭގެ ބަދަލުގައި ކުރެހުމުން ފެންނަ ހުރިހާ ބުޅާތަކާ ހެދި އެ ފޯކަސް ވަނީ އެއްކޮށް ގެއްލިފައޭ،" މުންޔާ ކިޔައިދިނެވެ.

"މިސާލަކަށް މީހަކު އެ ފޮޓޯއާ ދިމާލަށް ބަލާއިރު އަޅުގަނޑުގެ ސެލްފްޕޯޓްރެއިޓަކަށް ނޫނޭ ފޯކަސް ކުރަނީ. ބުޅާތަކާ ހެދި އެކަމެއް ނުކުރެވެއޭ ތަސްވީރު ބަލާ މީހާ އަށް. މުޅި އެ ކުރެހުމުގައި އަޅުގަނޑުގެ އިތުރުން ބައިވަރު އެހެން ކަންކަން ވެސް ވަމުންދާތީ."

މުންޔާ ބުނިގޮތުގައި، އޭނާ އަކީ ކުރެހުމެއް ކުރަހާއިރު އަބަދުވެސް އެއިން މާނަތަކެއް ދޭހަވާނެ ކަހަލަ ކޮންސެޕްޓަކަށް އެ ކުރެހުން ގެނެސްދޭން މަސައްކަތްކުރާ އާޓިސްޓެކެވެ.

"ފްރެޖައިލް ރިޒިލިއެންސް" ގެ ނަން ދީފައިވާ ކުރެހުން.

"ފްރެޖައިލް ރިޒިލިއެންސް" ގެ ނަން ދީފައިވާ ކުރެހުން.

"ކޮންމެ ކުރެހުމެއް ކުރަހަން ފަށާއިރު ވެސް އަޅުގަނޑު ވިސްނަން އެ ކުރެހުމަކަށް އޭގައި ފޮރުވިފައިވާ މާނައެއް ދެވޭތޯ. އޭރުން އެ ކުރެހުމެއް ބަލަން ހުއްޓިގެން ހުންނަ ކޮންމެ މީހަކަށް ވެސް ކޮންމެވެސް ކަހަލަ ގޮތަކަށް އެ ކުރެހުން މާނަކުރަން ފުރުސަތެއް ލިބިގެންދާނެތީ،" މުންޔާ ބުންޏެވެ.

އޭނާގެ ދެ ވަނަ ކުރެހުމަށް ދީފައިވާ ނަމަކީ 'ފްރެޖައިލް ރިޒިލިއަންސް' އެވެ. މިއީ މި އަހަރުގެ އަންވެއިލިން ވިޝަންސްގައި އޭނާ ބައިވެރިކުރި އެކްރެލިކް ޕެއިންޓިން އެވެ. ހަތަރު ފޫޓް ތިން ފޫޓުގެ މި ކުރެހުން އޭނާ ނިންމީ މަސް ދުވަހުންނެވެ.

"ފްރެޖައިލް ރިޒިލިއެންސްގެ ނަން ދީފައި އޮތީމާ މުޅި ޕެއިންޓިން އަށް އެޑްކޮށްފައި ވާނީ ވަރަށް ފްރެޖައިލް އޮބްޖެކްޓްސްތަކެއް. އެކަމަކު ފެމިނިން އެއްޗިއްސާއި ކުލަތަކާއި ފެމިނިން ލުކެއް ގެނެސްފައި ވާނީ،" މި ކުރެހުމަކީ އަންހެނުންނާ މެދު މީހުން ދެކޭ ގޮތް ސިފަކޮށްދޭ ކުރެހުމެއް ކަމަށް މުންޔާ ބުންޏެވެ.

"ފްރެޖައިލް އެއްޗެހިތައް ސިފަކޮށް ކުރަހާފައި އެ ވަނީ ސަބަބަކީ ވިމެން އާ ކޮންސިޑާޑް އެޒް ފްރެޖައިލް، ޖެނެރަލީ."

މުންޔާގެ މި ދެ ކުރެހުމަށް ވެސް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް އަދި ތަރުހީބެއް ލިބުނެވެ. ވަކިން ހާއްސަކޮށް އޭނާ ކުލަތައް ގެންގުޅޭ ގޮތާއި ކޮމްޕޮޒިޝަން ހަދާފައިވާ ގޮތަށެވެ. މި ދެ ކުރެހުން ވެސް އޭނާ ގެނެސްދީފައި ވަނީ ގާތްގަނޑަކަށް އެއް ސްޓައިލަކަށެވެ. ނަމަވެސް މުންޔާ ބުނީ އޭނާގެ އާޓް ސްޓައިލަކީ ކޮބައިކަން ބުނަން އަދި ނޭނގޭ ކަމަށެވެ.

މި އަހަރުގެ އަންވެއިލިން ވިޝަންގައި މުންޔާ ބައިވެރިކުރި ކުރެހުން "ފްރެޖައިލް ރިޒިލިއެންސް".

މި އަހަރުގެ އަންވެއިލިން ވިޝަންގައި މުންޔާ ބައިވެރިކުރި ކުރެހުން "ފްރެޖައިލް ރިޒިލިއެންސް".

"ފްރެޖައިލް ރިޒިލިއެންސް" ނަން ދީފައިވާ ކުރެހުން އެއްކޮށް ކުރަހައި ނުނިމެނީސް ނަގާފައިވާ ފޮޓޯއެއް.

"ފްރެޖައިލް ރިޒިލިއެންސް" ނަން ދީފައިވާ ކުރެހުން އެއްކޮށް ކުރަހައި ނުނިމެނީސް ނަގާފައިވާ ފޮޓޯއެއް.

"އަޅުގަނޑު އޯލެވެލްގައި ވެސް ހެދިން އާޓް. އެގޮތުން އަޅުގަނޑު މިހާރު މި ކުރަހާ އާޓް ސްޓައިލް ވަރަށް ބޮޑަށް ޑިސްކަވާވީ އޯލެވެލްސް އަށް ތައްޔާރުވަމުން ދިޔައިރު ކުރި އެކި ކަހަލަ އެކްސްޕެރިމަންޓްތަކާ ހެދިގެން،" އެންމެ ކަމުދާ އާޓިސްޓަކީ އިޓަލީގެ ކެރަވާގިއޯ ކަމަށް ބުނެ މުންޔާ ކިޔައިދިނެވެ.

"އަޅުގަނޑުގެ ނެތް މާ ބޮޑު ޕްލޭންސްތަކެއް އަދި. އެކަމަކު މިގޮތަށް އާޓްގެ ދާއިރާއިން ކުރިއަށް ދިއުން އަޅުގަނޑުގެ އުއްމީދަކީ. އަދި އަޅުގަނޑުގެ ކުރެހުމެއް ފެނުނީމާ އެއީ މުންޔާގެ ކުރެހުމެއްކަން އެންމެންނަށް ވެސް ވަގުތުން އެނގޭ ކަހަލަ އަމިއްލަ ސްޓައިލެއް އުފެއްދުން އަޅުގަނޑުގެ އުއްމީދަކީ. އެކަމަކު އަދި އަޅުގަނޑު މި ދަނީ ހަމަ އެކްސްޕެރިމަންޓް ކުރަމުން. އަޅުގަނޑުގެ އަމިއްލަ ސްޓައިލެއް ހޯދަމުން."