Roadha Mihaaru
ނިއު ޒީލެންޑުގެ އުފެއްދުމެކޭ ބުނެ އިންޑިއާގެ ބަޓަރު

ނިއު ޒީލެންޑުގެ 100 ޕަސެންޓް އުފެއްދުމެއް ކަމަށް ބުނެ އިންޑިއާގެ ބަޓަރު

27 އޯގަސްޓް 2024

ނިއު ޒީލެންޑު ކުންފުންޏަކުން އެ ގައުމުގެ 100 ޕަސެންޓު އުފެއްދުމެއް ކަމަށް ބުނެ ވިއްކި ޕްރޮޑަކްޓެއްގައި އިންޑިއާގެ ބަޓަރު ބޭނުންކުރާކަން ފަޅާއެރުމުން އަދަބު ދީފި އެވެ.

ނިއު ޒީލެންޑު ކުންފުންޏަކުން އެ ގައުމުގެ 100 ޕަސެންޓު އުފެއްދުމެއް ކަމަށް ބުނެ ވިއްކި ޕްރޮޑަކްޓެއްގައި އިންޑިއާގެ ބަޓަރު ބޭނުންކުރާކަން ފަޅާއެރުމުން އަދަބު ދީފި އެވެ.

ނިއު ޒީލެންޑުގެ ކޮމާސް ކޮމިޝަނުން ޑެއިރީ ފާމް މިލްކިއޯ ފުޑްސް ލިމިޓެޑްގެ މި މައްސަލަ ކޯޓަށް ހުށަހެޅީ އަސްލު އޮޅުވާލައިގެން ވިޔަފާރިކުރި ކަމަށް ބުނެ އެވެ. މައްސަލަ ބެލުމަށް ފަހު 261،452 ޑޮލަރުން އެ ކުންފުނި ޖޫރިމަނާކުރަން ވަނީ ނިންމައިފަ އެވެ.

ކޮމާސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ގިތެލުގެ އުފެއްދުންތަކުގެ އަސްލު އޮޅުވާލައި އެއީ "100 ޕަސެންޓް ޕިއުއާ ނިއުޒީލެންޑް" އުފެއްދުންތަކެއް ކަމަށް ބުނި ނަމަވެސް އެއީ އިންޑިއާއިން މައިގަނޑު އިންގްރިޑިއަންޓް އެތެރެކޮށްގެން ހަދާ އެއްޗެހި ކަމަށެވެ.

ނިއު ޒިލޭންޑަކީ ކިރުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް އުފެއްދުމުގައި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ.

ކޮމާސް ކޮމިޝަންގެ ތަރުޖަމާނު ވެނެސާ ހޯން ވިދާޅުވި ގޮތުގައި މިލްކިއޯ އިން ވަނީ ގައުމަށް ލިބިފައިވާ މި ޝަރަފުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަމިއްލަ އުފެއްދުންތައް އިޝްތިހާރުކުރަމުން ކަމަށެވެ.

މީގެ އިތުރުން ނިއު ޒީލެންޑުގައި އުފައްދާ ތަކެތި ދެނެގަތުމަށް ޖަހާ "ފާންމާކް ލޯގޯ" ބޭނުން ކުރުމުގެ ހުއްދަ ހޯދަން ވެސް ހުށަހަޅާފައިވަނީ ސައްހަ ނޫން މައުލޫމާތު ކަމަށެވެ.

މިލްކިއޯ ވަނީ ނިއު ޒިލޭންޑްގެ ފެއާ ޓްރޭޑިން ގާނޫނާ ހިލާފުވި 15 ކުށަށް އިއުތިރާފުވެ، ދޮގު ހުށަހެޅުންތަކެއް ހުށަހަޅައި، އެކަށީގެންވާ ހުއްދައަކާ ނުލައި ފާންމާކް ލޯގޯ އާއި ލައިސަންސް ނަންބަރު ބޭނުންކުރި ކަމަށް އިއުތިރާފުވެފަ އެވެ. -- އޭއެފްޕީ