Roadha Mihaaru
ލަންކާގެ ރިޔާސީ ކެންޑިޑޭޓަކު އަވަހާރަވެއްޖެ

ލަންކާގެ ރިޔާސީ ކެންޑިޑޭޓަކަށް ހާޓް އެޓޭކެއް ޖެހި އަވަހާރަވެއްޖެ

25 އޯގަސްޓް 2024

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކުއްލި ގޮތަކަށް ހާލު ބޮޑުވެ އަވަހާރަވެއްޖެ އެވެ.

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކުއްލި ގޮތަކަށް ހާލު ބޮޑުވެ އަވަހާރަވެއްޖެ އެވެ.

އަންނަ މަހުގެ 21 ގައި ބާއްވާ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ މުހައްމަދު އިލްޔާސް، 78، ހުކުރު ދުވަހު އަވަހާރަވީ އޭގެ ދެ ދުވަސް ކުރިން ކުއްލިއަކަށް ހާލު ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެނިކޮށެވެ.

ކުރީގެ ރައީސް ޗަންދުރިކާ ބަންޑާރަނަޔަކަ ކުމާރަތުންގާ ވެރިކަމުގައި ހުންނެވި އިރު، ގާނޫނު ހަދާ މަޖިލީހުގެ ޖަފްނާ ސަރަހައްދުގެ މެންބަރުކަން ކުރެއްވި އިލްޔާސް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

އިލްޔާސް އަވަހާރަވުމާ އެކު ރިޔާސީ ކެންޑިޑޭޓުންގެ އަދަދު މިހާރު ވަނީ 38 އަށް މަދުވެފަ އެވެ.

މިފަހަރު ލަންކާގައި ރިޔާސީ ކެންޑިޑޭޓުންގެ އަދަދު އެހެން އެއްވެސް ފަހަރަކަށްވުރެ ގިނަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އޮތް އިންތިހާބުގައި ވެސް ވާދަކުރެއްވީ 35 ކެންޑިޑޭޓެކެވެ.

ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހާ ވެސް ހިމެނެ އެވެ. ޖުލައި 2022 ގައި ރަނިލް ލަންކާގެ ރައީސް ކަމަށް ހަމަޖެއްސީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ގޮޓާބެ ރާޖަޕަކްސަ، އިގްތިސާދީ މައްސަލަތަކާ ހެދި ގައުމުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި އިސްތިއުފާ ދެއްވުމުން އޭނާގެ ދައުރުގެ ބާކީ ބައި ފުރިހަމަކުރުމަށެވެ.

ރަނިލްގެ އިތުރުން، ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަ އެވެ. އުމުރުން 38 އަހަރުގެ ނަމާލް އަކީ ލަންކާގައި ރައީސް ކަމަށް ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓެވެ.