Roadha Mihaaru
ލަންކާގެ ރައީސްކަމަށް 39 ކެންޑިޑޭޓުން ވާދަކުރޭ

ސްރީ ލަންކާގެ ރައީސްކަމަށް 39 ކެންޑިޑޭޓުން ވާދަކުރޭ

15 އޯގަސްޓް 2024

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 39 ބޭފުޅަކު ނަން ހުށަހަޅުއްވާފައިވާ ކަމަށް އެ ގައުމުގެ އިލެކްޓޮރަލް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 39 ބޭފުޅަކު ނަން ހުށަހަޅުއްވާފައިވާ ކަމަށް އެ ގައުމުގެ އިލެކްޓޮރަލް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރެކޯޑް އަދަދެއްގެ ކެންޑިޑޭޓުން، ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ އިންތިހާބަށް ކުރިމަތިލައްވާފައި ވާއިރު އޭގެ ތެރޭގައި މިހާރުގެ ރައީސް ރަނިލް ވިކްރެމަސިންހާ ވެސް ހިމެނެ އެވެ.

އެންމެ ފަހުން، 2019 ވަނަ އަހަރު އޮތް އިންތިހާބުގައި 35 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ.

އިންތިހާބުގައި ވާދަކުރެއްވުމަށް އަމިއްލަ ގޮތުން ނަން ހުށަހެޅުއްްވުމަށް ފަހު ރަނިލް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވަންޖެހޭ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އިގްތިސާދު ރަނގަޅުކުރުމަށް މި ފެށި މަސައްކަތް ނިންމަން ހިނގާށޭ. ރައްޔިތުންގެ ތާއީދަށް އަޅުގަނޑު މި އެދެނީ އެހެންވެ،" ރަނިލް ވިދާޅުވި އެވެ.

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހާ މިއަދު ރިޔާސީ އިންތިހާބަށް ފޯމު ހުށަހެޅުއްވުމަށް ފަހު ސަޕޯޓަރުންނާ އެކު. -- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހާ މިއަދު ރިޔާސީ އިންތިހާބަށް ފޯމު ހުށަހެޅުއްވުމަށް ފަހު ސަޕޯޓަރުންނާ އެކު. -- ފޮޓޯ: އޭއެފްޕީ

ޖުލައި 2022 ގައި ރަނިލް ލަންކާގެ ރައީސް ކަމަށް ހަމަޖެއްސީ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ އޭރު ވެރިކަމުގައި ހުންނެވި ގޮޓާބެ ރާޖަޕަކްސަ، އިގްތިސާދީ މައްސަލަތަކާ ހެދި ގައުމުގައި އުފެދުނު ބޮޑު ހަމަނުޖެހުމުގައި އިސްތިއުފާ ދެއްވުމުން އޭނާގެ ދައުރުގެ ބާކީ ބައި ފުރިހަމަކުރުމަށެވެ.

ރަނިލްގެ އިތުރުން، ކުރީގެ ރައީސް އަދި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަ އެވެ. އުމުރުން 38 އަހަރުގެ ނަމާލް އަކީ ލަންކާގައި ރައީސް ކަމަށް ވާދަކުރައްވާ އެންމެ ހަގު ކެންޑިޑޭޓެވެ.

ރަނިލްގެ އަނެއް ވާދަވެރިޔަކީ ކުރިން ޕާޓީގެ ބައިވެރިއެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިހާރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ސަޖިތު ޕްރެމަދާސަ، 57، އެވެ. ދެން ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ލަންކާއަށް އެހީވުމުގައި އައިއެމްއެފުން ކަނޑައެޅި ޝަރުތުތަކާ އެއްގޮތަށް ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ އަނޫރާ ކުމާރާ ޑިސަނަޔަކަ، 55، ވެސް ހިމެނެ އެވެ.

އިދިކޮޅު ހުރިހާ ކެންޑިޑޭޓުން ވެސް، ލަންކާގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އައިއެމްއެފްގެ އެހޯ ހޯދި ގޮތާއި އައިއެމްއެފުން ކުރިމަތިކޮށްފައިވާ ޝަރުތުތަކާ ދެކޮޅަށް ގެންދަނީ ވާހަކަ ދައްކަމުންނެވެ.