Roadha Mihaaru
އުރީދޫ މަސް ރޭހުގެ އެއް ވަނަ ބްލެކް އޭންޓް ފިޝިންއަށް

އުރީދޫ މަސް ރޭހުގެ އެއް ވަނަ ބްލެކް އޭންޓް ފިޝިން އަށް

24 އޯގަސްޓް 2024

ގދ. ތިނަދޫގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް ބްލެކް އޭންޓް ފިޝިން ހޮވިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގދ. ތިނަދޫގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް ބްލެކް އޭންޓް ފިޝިން ހޮވިއްޖެ އެވެ.

އެ ޓީމަށް އެއް ވަނަ ލިބުނީ 1،665 ޕޮއިންޓާ އެކު އެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 523 ޕޮއިންޓާ އެކު ޓީމު އެމްއައިބީ އެވެ. ފޯރިގަދަ މި މަސްރޭހުގައި 478 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ދިޔައީ ހޯނޑެއްދޫ މަސްވެރިން ޓީމެވެ.

އުރީދޫގެ މި ފަހަރުގެ މަސްރޭހުގައި އެންމެ ބަރު މަސް ބޭނީ ބްލެކް އޭންޓް ފިޝިންގެ އަބްދުﷲ ދީދީ އެވެ. އެއީ ހަތް ކިލޯގެ ހަންޖެއް ބާނައިގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް ހޮވުނީ ހޯނޑެއްދޫ މަސްވެރިންގެ ދައުސް ހަސަން އެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ޓީމު އެމްއައިބީގެ އާތިކާ މުހައްމަދާއި އައިޝަތު ނޫފާ އަލީ އެވެ.

މި މަސްރޭހުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދެނީ 5،000ރ. އެވެ. އެންމެ މޮޅު މަސްވެރިޔާ އަށް 1،000ރ. އަދި އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.

މިއީ އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ މަސް ރޭހެކެވެ. މި މަސް ރޭހުގައި ކުރިއަށް އޮތީ ޅ. ނައިފަރުގައި ބާއްވާ މަސް ރޭހެވެ. މިއީ މި މަހު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރޭހެވެ. އެކަމަކު، އެ ރޭސް ކެންސަލް ކޮށްފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. އުރީދޫން މި ރޭސް އޮންނާނެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.