Roadha Mihaaru
ސީޕްލޭން އެހެން ބޭނުންތަކަށް ފެށީ ދަތިނުވާ ގޮތަށް

ސީޕްލޭން އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރަން ފެށީ ބަލި މީހުން އުފުލަން ވެސް ދަތިނުވާ ގޮތަށް: މިނިސްޓަރު

22 އޯގަސްޓް 2024

މި ސަރުކާރުން ތައާރަފްކުރި ސީޕްލޭން އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރަން ފެށީ، ބަލި މީހުން އުުފުލުމަށް ވެސް ދަތިނުވާ ގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ތައާރަފްކުރި ސީޕްލޭން އެމްބިއުލާންސް އެހެން ދަތުރުތަކަށް ބޭނުންކުރަން ފެށީ، ބަލި މީހުން އުުފުލުމަށް ވެސް ދަތިނުވާ ގޮތަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިދިޔަ މާޗް މަހު ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމަށް ފަހު، މިހާރު އެ ބޯޓު ކޮމާޝަލް ދަތުރުތައް ކުރުމަށް ބޭނުންކުރާ ކަމަށް ބުނެ ދެއްކެވޭ ވާހަކަތަކާ ގުޅިގެން، މިނިސްޓަރު އަމީން ވަނީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ސާފުކޮށް ދެއްވައިފަ އެވެ.

އޭނާ ވިދާޅުވީ ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށް ވިޔަސް، އެ ހިދުމަތުގައި ބައެއް ލިމިޓޭޝަންސް ހުރި ކަން އެ މަނިކުފާނަށް ފާހަގަވެވަޑައިގެންނެވި ކަމަށެވެ.

"[ސީޕްލޭން އަކީ] ރޭގަނޑު ނުދުއްވޭ، ހަމައެކަނި ދުވާލު ދުއްވޭ އެއްޗަކަށް ވެފައި، މީގައި ބައިވަރު ލިމިޓޭޝަންތަކެއް އެބަހުއްޓޭ. އަދި އޭގެ ސްޕީޑާއި އަދި ބައެއް ހާލަތްތަކުގައި އޭގެ ޕްރެޝަރައިޒްކޮށް ދުއްވަންޖެހުމާއި ބައިވަރު ލިމިޓޭޝަންސްތަކެއް އެބަހުރި،" އަމީން ވިދާޅުވި އެވެ.

ސީޕްލޭނެއްގެ އިތުރުން މެޑިކަލް ހާއްސަ ޓީމަކާ އެކު އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓެއްގެ ހިދުމަތް ވެސް ފަށާފައިވާތީ، ސީޕްލޭން އެމްބިއުލާންސަށް ޑިމާންޑެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ހިދުމަތަށް ނެރުނު ފަހުން ބައެއް މަސްމަހު އެންމެ ދަތުރެއް ވެސް ސީޕްލޭންގައި ކުރަން ނުޖެހޭކަން ފާހަގަކުރެވުނު،" އަމީން ވިދާޅުވި އެވެ.

އެއާ އެކު، މި ވަގުތު ރާއްޖެ އަށް ސީޕްލޭން އެމްބިއުލާންސެއްގެ މާބޮޑު ބޭނުމެއް ނެތް ކަން، ތަފާސްހިސާބުތަކާ އެކު ރައީސް މުއިއްޒަށް ދެންނެވުމުން، އެ ވަސީލަތް ބޭނުމެއް ނުހިފައި ބޭއްވުމުގެ ބަދަލުގައި، ކޮމާޝަލް އޮޕަރޭޝަންސްތަކަށް ބޭނުންކުރުމަށް ވިދާޅުވި ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އެކަމަކު، އަމީން ވިދާޅުވި ގޮތުގައި، އެހެން ދަތުރުތައް ކުރުމަށް ސީޕްލޭން ބޭނުންކުރިޔަސް، އޭގައި ބަލި މީހުން އުފުލުމުގެ ހިދުމަތް ހުއްޓާނުލަ އެވެ.

"ސީޕްލޭން ކޮމާޝަލީ ބޭނުންކުރަން ނިންމީ މެޑިކަލް އިވެކުއޭޝަނެއް ކުރިމަތިވެ ސީޕްލޭން ބޭނުންކުރާ ޙާލަތަށް އަޔަސް، އޭގައި ދަތިކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.