Roadha Mihaaru
އުތުރަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް

އުތުރަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި

20 އޯގަސްޓް 2024

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެ އޮރެންޖް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް މިރޭ ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިރޭ 8:30 އިން ފެށިގެން 10:30 އަށް އެ ސަރަހައްދަށް އޮރެންޖް އެލާޓް ނެރެފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ

މެޓް އޮފީހުން ވަނީ މިރޭގެ ނިޔަލަށް މުޅި ރާއްޖެ އަށް ވެސް ވައިޓް އެލާޓް ނެރެފަ އެވެ. މިރޭ މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާ ކޮށްފަ އެވެ.

މެޓް އޮފީހުން ކުރި ބުނި ގޮތުގައި، ހުޅަނގު މޫސުމުގެ ބާރުގަދަވެ، މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ގަދަ ވިއްސާރައަށް ފަހު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ އެވެ.

މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބުނި ގޮތުގައި، ވިއްސާރާގައި 13 ރަށަކުން 77 ގެއަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި މާލެއަށް ކުރި ވިއްސާރާގައި އިމާރާތްތަކަށާއި ހިފައި ގެންގުޅޭ ތަކެއްޗަށް 819،549ރ. ގެ ގެއްލުން ލިބިފައިވެ އެވެ. މާލޭގެ 41 ގެއަކަށް ގެއްލުން ލިބުނެވެ.

ވިއްސާރާގައި އެންމެ ބޮޑަށް އަސަރު ކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ބާރަށާއި ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށްޓާއި ޅ. ނައިފަރާއި ޅ. ކުރެންދު އާއި ގއ. ދެއްވަދު އާއި ސ. މަރަދު އާއި ސ. ފޭދޫ އަދި ސ. ހިތަދު އެވެ.