Roadha Mihaaru
މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

15 އޯގަސްޓް 2024

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފި އެވެ.

ވައިގަދަވާނެ ކަމަށް ލަފާކޮށް، މެޓު އޮފީހުން ވަނީ ޅ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރު 1:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް އާންމުކޮށް ވައިޖެހޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގައި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.

މެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވިލާގަނޑުގައި އެންމެ ގަދައަށް ވައި ޖެހުނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 49 މޭލަށް ވައިގަދަވިއިރު، ހުޅުލެ އާއި ހދ. ހަނިމާދޫއަށް 47 މޭލަށް ވައި ބާރުވި އެވެ.

މި މަހާއި އަންނަ މަހުގެ ވެސް ރާއްޖޭގެ އެންމެ އުތުރާއި މެދު ރާއްޖެ ތެރޭގެ ސަރަހައްދުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ކަނޑުތައް ވެސް ވަނީ ގަދަވެފަ އެވެ. މި ވިއްސާރާގައި ފެންބޮޑުވެ، މާލެ އާއި ބައެއް ރަށްރަށުގެ ގެތަކަށް ވެސް ފެން ވަދެ، ގެއްލުން ލިބުނެވެ. މާލެއިން ފަސް އާއިލާއެއް ވަގުތީ ހިޔާއަށް ވެސް ބަދަލުކުރަން ޖެހުނެވެ.

އެހެންވެ، ވިއްސާރާގައި ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފަ އެވެ.