Roadha Mihaaru
އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލުކޮށްފި

ޒުހުރޫ ޗެއާމަނަކަށް ހަމަޖައްސައި އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއާ ފީފާއިން ހަވާލުކޮށްފި

19 އޯގަސްޓް 2024

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސައި، އެ ކޮމިޓީއާ އެފްއޭއެމްގެ ހިންގުން ފީފާއިން ހަވާލުކޮށްފި އެވެ.

ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރު ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސައި، އެ ކޮމިޓީއާ އެފްއޭއެމްގެ ހިންގުން ފީފާއިން ހަވާލުކޮށްފި އެވެ.

އެ ކޮމިޓީއާ އެފްއޭގެ ހިންގުން ހަވާލުކުރިކަން، އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް ފީފައިން ވަނީ އަންގައިފަ އެވެ.

އެކަން، ޖައިޝަން ވަނީ، މީޑިއާ އަށް ވެސް އަންގައިފަ އެވެ.

ފީފާ އާއި އޭއެފްސީ މަންދޫބުން ޕެނަލަކުން އިންޓަވިއު ކުރުމަށް ފަހު ކޮމިޓީގެ މެންބަރުކަމަށް ފަސް ބޭފުޅަކު ވަނީ ހަމަޖައްސައިފަ އެވެ.

އެ ކޮމިޓީގެ މެންބަރުންގެ ތެރޭގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ.

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން

ޗެއާމަން: އަހްމަދު ޒުހޫރު

މެންބަރު : ފަރީހާ ޝަރީފް

މެންބަރު: އަހްމަދު މުއިއްޒު

މެންބަރު: އިސްމާއީލް ސިމަން

މެންބަރު: އަހްމަދު އަލީ

އެ ކޮމިޓީގެ އަންހެން މެންބަރެއްގެ ގޮތުގައި އިންނަވާ ފަރީހާ ޝަރީފަކީ، އެކައުންޓިން އާއި ފައިނޭންސް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމިޓީގެ ޗެއާމަނަކަށް، ފީފާއިން ހަމަޖެއްސި ޒުހޫރު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕޯޓްސް މިނިސްޓަރުކަން ގާތްގަނޑަކަށް ދެ އަހަރުގެ މުއްދަތަކަށް ކުރައްވައިފަ އެވެ. އެ މުއްދަތުގައި އެފްއޭއެމް އިސްލާހު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އޭނާ އެޅުއްވި އެވެ. އެފްއޭއެމުން އޭރު ކަންތައް ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ފަރާތުން ޒުހޫރު އޭރު ފީފާ އަށް ސިޓީއެއް ވެސް ފޮނުއްވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި 31 ގެ ނިޔަލަށެވެ.

އެ ކޮމިޓީގެ ޒިންމާއަކަށް ވާނީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަން ހަމަޔަކަށް އަޅުވައި އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމެވެ.

މީގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ވެސް ބަލާނެ ކަމަށް ބެލެވެ އެވެ. އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އެފަދަ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.