Roadha Mihaaru
އެފްއޭއެމަށް އައްޔަންކުރަން އުޅޭކަމެއް ނޭނގޭ: ޖަނާ

ޖަނާ ވިދާޅުވަނީ އެފްއޭއެމަށް އައްޔަންކުރަން އުޅޭކަމެއް އެނގިފައި ނެތް ކަމަށް

29 ޖުލައި 2024

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް، އޭނާ އައްޔަންކުރަން އުޅޭކަން އެނގިފައި ނެތް ކަމަށް، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީ އަށް، އޭނާ އައްޔަންކުރަން އުޅޭކަން އެނގިފައި ނެތް ކަމަށް، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެ އެވެ.

ބޮއްސުންލާފައިވާ އެފްއޭއެމްގެ މައްސަލަތަކުން އަރައިގަނެ އަލުން އިންތިހާބެއް ބޭއްވުމަށް، އެ އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރަން ފީފާ އިން ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީއަށް ޖަނާ އައްޔަންކުރަން ފީފާ އިން ނިންމާފައިވާ ކަމަށް އަޑުތައް ވަނީ އަރައިފަ އެވެ. އެކަމަށް ބާރު ލިބެނީ މިދިޔަ މަހުގެ މެދުތެރޭގައި ޖަނާ ގަތަރުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފައިވާތީވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ފީފާ އިން ޖަނާ އައްޔަންކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމާ ބެހޭގޮތުން "މިހާރު" އިން ސުވާލުކުރުމުން ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާކާރު ވިޔަފާރިވެރިޔާ ޖަނާ ވިދާޅުވީ އޭނާ އަށް އެކަހަލަ އެއްވެސް ކަމެއް އެނގިފައި ނެތް ކަމަށެވެ.

"އަޅުގަނޑަށް (ތިކަހަލަ އެއްވެސް ކަމެއް) އެނގިފަކައެއް ނެތް،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފައިނޭޝިއަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޖަނާ ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް މެންބަރުން އައްޔަންކުރަން ފީފާ އާއި އޭއެފްސީގެ ރިވިއު ކޮމިޓީން ރާއްޖޭގެ ބައެއް މީހުންގެ ސީވީ ގެންގޮސްފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެފަދަ ކަމަކަށް އޭނާގެ ސިވީ ގެންގޮސްފައިވޭތޯ ސުވާލު ކުރުމުން ވެސް ޖަނާ ވިދާޅުވީ އެކަހަލަ ކަމެއް ވެސް އޭނާ އަށް އެނގިފައި ނެތް ކަމަށެވެ.

ޖޫން މަހު، އިންފަންޓީނޯއާ ބައްދަލުކުރި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ޖަނާ ވިދާޅުވެފައި ވަނީ އިންފަންޓީނޯގެ ޗެއާމަންކަމުގެ ދަށުން ފުޓްބޯޅައިގެ ދުނިޔެ އަށް ފޯރުކޮށްދެމުންދާ ހަރުދަނާ ލީޑާޝިޕް އުސޫލުތަކަށް މަރުހްބާ ވިދާޅުވާ ކަމަށެވެ. އަދި މުޖުތަމައުގެ ކުރިއެރުމަށް ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުން ދެފަރާތުގެ ތަޖުރިބާ ހިއްސާކޮށް މަޝްވަރާ ކުރުވުނު ކަމަށް ޖަނާ ވިދާޅުވެފައިވެ އެވެ.

ޖަނާ އަކީ ސީދާ ގޮތުން ކުޅިވަރާ، ހާއްސަކޮށް ފުޓްބޯޅައާ ގުޅުމެއް އޮތް ބޭފުޅެއް ނޫނެވެ. ނަމަވެސް 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕުގައި، ގަތަރުގައި ތިބޭ އޭނާގެ ވިޔަފާރި ޕާޓްނަރުންނާ އެކު، ވަރަށް ގިނަ މެޗުތައް ބައްލަވައިލައްވަން ވަޑައިގެންނެވި އެވެ. އެ ވިޔަފާރި ޕާޓްނަރުންގެ ތެރޭގައި، ފީފާއާ ހާއްސަކޮށް އިންފަންޓީނޯއާ ގުޅުން ބޮޑު ބޭފުޅުން ހިމެނެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޒިންމާއަކަށް ވާނީ އަސާސީ ގަވާއިދު އިސްލާކޮށް އާ އިންތިހާބެއް ބޭއްވުމެވެ. މީގެ އިތުރުން އެތަނުގެ އޮޑިޓެއް ކުރުވައި، ފައިސާގެ މުއާމަލާތްތަކާއި، ލިބިފައިވާ ފަންޑުތަކުގެ ބޭނުން ހިފާފައިވާ ގޮތް ވެސް ބަލާނެ ކަމަށް ލަފާކުރެވެ އެވެ. އެފްއޭއެމްގެ އެންމެ ފަހުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ އެފަދަ ތުހުމަތުތަކާ ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ.