28 ފެބުރުއަރީ 2017
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން ނަތީޖާ ނެރުން މަޖުބޫރު މެޗަކަށް އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ރާއްޖޭގެ ވެލެންސިއާ ނުކުންނައިރު ހުރިހާ ވެސް އަމާޒަކީ މޮޅުވުން ކަމަށް އެ ޓީމުގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދަން ނަތީޖާ ނެރުން މަޖުބޫރު މެޗަކަށް އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ރާއްޖޭގެ ވެލެންސިއާ ނުކުންނައިރު ހުރިހާ ވެސް އަމާޒަކީ މޮޅުވުން ކަމަށް އެ ޓީމުގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.
މީގެ ކުރިން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ރާއްޖޭގެ ދެ ޓީމަށް ޖާގަ ލިބެ އެވެ. އެހެން ނަމަވެސް ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ޓީމުތަކުން ވަނީ ޕްލޭއޮފް ކުޅެފަ އެވެ. އޭއެފްސީ ކަޕްގެ ފޯމެޓަށް ގެނެވުނު ބޮޑު ބަދަލާ އެކު ވެލެންސިއާ ގްރޫޕް ސްޓޭޖުން ޖާގަ ލިބެން އޮތީ ދެ މަރުހަލާ ކަޑަތު ކޮށްގެންނެވެ.
އެޓީމުން ވަނީ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ޕްލޭ އޮފް ބުރުގައި އަމިއްލަ ދަނޑުގައި މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ވެލެންސިއާ އަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބެން އޮތީ 1-1 އަށް ވުރެ ބޮޑު ނަތީޖާ އަކުން އެއްވަރު ނޫނީ މޮޅުވެގެންނެވެ.
މާދަމާގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ ބުނީ ރަށުން ބޭރުގައި ނަތީޖާ ނެރުމަށް ދެގުނަ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އަމިއްލަ ދަނޑުގައި އަހަރެމެން ވަނީ މޯހަން ބަގާންއާ 1-1 އިން އެއްވަރުވެފައި. މިއަދު މުޅިން ތަފާތު މެޗަކަށް މި ނުކުންނަނީ ނަތީޖާ ނެރެގެން ގްރޫޕް ސްޓޭޖަށް ދާން ހުރިހާ ވެސް އަމާޒަކީ،" ފެސްކޯ ބުންޏެވެ.
އޭނާ ބުނީ އިންޑިއާ ޓީމުތަކާ ދެކޮޅަށް އެ ގައުމުގައި ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ މަސައްކަތާއި ހިތްވަރުން މި މެޗުގައި ނަތީޖާ ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
އިންޑިއާގެ އައި ލީގުގައި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ ދުވަސްތަކަކަށްވާތީ މޯހަން ބާގަން މާލޭގައި ކުޅުނީ މުހިއްމު ކުޅުންތެރިން ކަމަށްވާ އިންޑިއާ ގައުމީ ޓީމުގެ ފޯވާޑް ޖޭޖޭ ލާލްޕެކުލާ އާއި ޕްރިތަމް ކޯޓާލް އަދި ސޮނީ ނޯޑޭ ނުލަ އެވެ. އަދި އަމިއްލަ ސަބަބުތަކާ ހުރެ މޯހަން ބާގަންގެ ހެޑް ކޯޗު ސަންޖޯއީ ސެން ވެސް ރާއްޖެ ނާދެ އެވެ. ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ޝަންކަރުލާލް ޗަކުރަބޯތީ އެވެ.
މިއަދުގެ މެޗުގެ ކުރިން މޯހަން ބަގާންގެ ކޯޗު ސެން ބުނީ ފުރަތަމަ މެޗަށް ވުރެން މި މެޗު ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ ކަމަށެވެ.
"އަހަރެމެން ފުރަތަމަ މެޗަށް ނުކުތީ ޓާގެޓަކާ އެކު އޭގެ އެއްބައި ހާސިލްވީ. އަހަރެންނަށް މައުލޫމާތު ލިބުނު އެ މެޗުގައި ލަނޑު ޖެހުމަށް ފަހު ވެލެންސިއާ އިން ރަނގަޅަށް ކުޅުނު. އެކަމަކު އަހަރެމެންނަށް ލަނޑު ޖަހަން ވަރަށް ގިނަ ފުރުސަތު ވެސް އެ މެޗުގައި ލިބުނު،" ސެން ބުންޏެވެ. "މި މެޗުގައި އަމާޒަކީ އެކަން ތަކުރާރު ނުކޮށް ހިތްހަމަ ޖެހޭ ނަތީޖާ އަކުން މޮޅުވުން."
އައި ލީގުގައި ކުރިއަށް ވެސް އުނދަގޫ މެޗުތަކެއް ހުރުމުން މި މެޗުގައި ވެސް ޓީމުގެ ބައެއް ކުޅުންތެރިން ބޭނުން ނުކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި މާލޭގައި ކުޅުނު މެޗުގައި ޓީމުގެ ކެޕްޓަންކަން ކުރި ކަޓްސުމީ ޔޫސާ އާއި އެ މެޗުގައި ލަނޑު ޖެހި ޑަރީލް ޑަފީ ހިމެނޭ ކަމަށެވެ.
މި ދެ ޓީމުގެ ތެރެއިން ކުރި ހޯދާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޯ އެފްސީ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެއް ގްރޫޕެއްގަ އެވެ.
މިިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މޯހަން ބަގާން ވަނީ ރާއްޖޭގެ މާޒިޔާ ބަލިކޮށްފަ އެވެ.
އިންޑިއާގެ ކަލްކަތާގައި ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 3:30 ގަ އެވެ.
މޯހަން ބަގާން އަތުން ބަލިވެ ވެލެންސިއާ ކަޓައިފި
ކުރަން ޖެހޭ މަސައްކަތް ތިން ގުނަވެއްޖެ: ފެސްކޯ
މޯހަން ބަގާންއާ ވެލެންސިއާ އެއްވަރުކޮށްފި
ދަނޑަށް އަަރުވާނީ ނަތީޖާ ނެރެވޭވަރުގެ ޓީމެއް: މޯހަން
އިންޑިއާ ޓީމުތަކުގެ އުކުޅު މިހާރު އެނގޭ: ފެސްކޯ
ޕްލޭއޮފުގައި ވެލެންސިއާ ވާދަކުރަން ޖެހޭނީ މޯހަން ބަގާންއާ
މޯހަން ބަގާން އަތުން މާޒިޔާ އަށް ބޮޑު މޮޅެއް
މާޔޫސްކަމުން އަރައިގަންނަން މާޒިޔާއާ ދެކޮޅަށް
ފަހަތުން އަރައި މޮޅުވެ މޯހަން ބަގާން ދެ ވަނަ އަށް
ތިމްޕޫގެ ރޭވުން ވެލެންސިއާ އިން ފެއިލްކޮށްލައިފި