03 މެއި 2017
އިންޑިއާގެ މޯހަން ބަގާން އަތުން 5-2 އިން މިއަދު ހޯދި ބޮޑު މޮޅާ އެކު އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގެ އުއްމީދު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ބޮޑުކޮށްފި އެވެ.
އިންޑިއާގެ މޯހަން ބަގާން އަތުން 5-2 އިން މިއަދު ހޯދި ބޮޑު މޮޅާ އެކު އޭއެފްސީ ކަޕުގެ ދެ ވަނަ ބުރުގެ އުއްމީދު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ބޮޑުކޮށްފި އެވެ.
މިއީ އިންޑިއާ ޓީމެއްގެ އަތުން އޭއެފްސީ ކަޕުގައި ރާއްޖޭގެ ކްލަބަކުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މިއީ އޭއެފްސީ ކަޕްގައި މާޒިޔާ އަށް ވެސް ލިބުނު އެންމެ ބޮޑު މޮޅެވެ. ކަލްކަތާގައި ބަގާން އަތުން 1-0 އިން މޮޅުވިި މެޗަށް ވުރެ މޮޅު ކުޅުމެއް މި މެޗުގައި އެ ޓީމުން ދެއްކި އެވެ.
މި މޮޅާ އެކު މާޒިޔާ ގްރޫޕް އީގެ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ބެންގަލޫރާ ޕޮއިންޓުގެ ގޮތުން ހަމަކޮށްގެންނެވެ. ދެ ޓީމަށް ވެސް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ބެންގަލޫރަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވައިދުންނެވެ. މިރޭ ބެންގަލޫރު ކުޅުނު މެޗުން ވަނީ އަބަހާނީ އަތުން 2-0 އިން ބަލިވެފަ އެވެ.
ބަގާން ގްރޫޕްގެ ތިން ވަނައިގައި އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މާޒިޔާގެ މުލަކޭ (ވ) އަތުން ބޯޅަ ހޯދަން މޯހަން ބަގާންގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މިދިޔަ ހަފްތާގައި ފަހު ވަގުތު އިންޑިއާގެ އައި ލީގު ގެއްލުމުން މި މެޗުގެ ކުރިން ވެސް ބަގާން އޮތީ ވަރަށް ބޮޑަށް ފޯމު ގެއްލިފަ އެވެ. ސަސްޕެންޝަންގެ ސަބަބުން މާޒިޔާގެ މުހިއްމު ޑިފެންޑަރު މިލޮސް ކޮވަސެވިޗް ނުލައި ކުޅުނު ނަމަވެސް އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ބަގާނަށް ނުރައްކާ ކޮށްފަ އެވެ.
މާޒިޔާ އަށް މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޔަޝްފާދު ހަބީބު (މުލަކޭ) އެވެ. މުހައްމަދު އުމެއިރު އޭރިއާ ތެރެއިން އަސަދުﷲ އަބްދުﷲ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ބަގާން ޑިފެންޑަރެއް ގައިގައި ޖެހިފައި ލިބުނީ މުލަކޭ އަށެވެ. އޭނާ ވަނީ އެއް ފަހަރުން ގޯލުގެ ކަނުގައި ބޯޅަ ތަތްކޮށްލައިފަ އެވެ.
އޭގެ ތިން މިނިޓް ފަހުން ބަގާންގެ ފޯވާޑް ޖޭޖޭ ލާލްޕެކްލުއާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ކީން ލެވިސް އަރިމަތިން ތިރިތިރިން އޭރިއާ ތެރެއިން ޖޭޖޭ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން މާޒިޔާ ކީޕަރު ޕަވެލް މަޓިއަޝް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ބަގާން ވަނީ ނަތީޖާ ހަމަކުރުމާ ގާތަށް ޖެހިލައިފަ އެވެ. ލިބުނު ކޯނަރަކުން ޖޭޖޭ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތީގައި ހުރި އުމެއިރު ވަނީ ބޭރުކޮށްލައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން މާޒިޔާ އިން ވަނީ ލީޑުފުޅާކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އުމެއިރު އެވެ. އަސަދުﷲ އަރިމަތިން ބަގާންގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އުމެއިރު ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ފަހަރު އޭއެފްސީ ކަޕްގައި އުމެއިރު ޖެހި ތިން ވަނަ ލަނޑެވެ.
ދެ ވަނަ ލަނޑާ އެކު މާޒިޔާގެ ކުޅުން ވަރަށް ބޮޑަށް ލަސްވި އެވެ. އަދި އެ ޓީމުގެ ކުޅުންތެރިން ފަހަތަށް ޖެހިގެން ކުޅެން ފެށި އެެވެ. އެހެން ނަމަވެސް ބަގާނަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. އަދި އަނިޔާގެ ސަަބަބުން އެ ޓީމުގެ ކެޕްޓަން ކަޓްސުމީ ޔޫސާ ވެސް ވަނީ ބަދަލުކޮށްފަ އެވެ.
މާޒިޔާ އިން ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަނީ އިތުރު ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ ސާބިއާ ފޯވާޑް އަލެކްސަންޑަ ރަކިޗް އެވެ. މެޗުގެ 44 ވަނަ މިނިޓްގައި އުމެއިރު ހުސްކޮށްލާފައި އޭރިއާ ތެރެއިން ރަކިޗަށް ދިން ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.
ބަގާނުން ދެ ވަނަ ހާފުގައި ކުޅުން ފެށީ ފުރަތަމަ ހާފަށް ވުރެ ވަރުގަދަ ކޮށެވެ. އަދި ހާފް ފެށިގެން ތިން މިނިޓް ތެރޭ ލަނޑު ޖެހި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކިންޝްލިކް އެވެ. މެޗުގެ 48 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ބަގާނުން ނެގި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު މަޓިއަޝް އަތުގައި ޖެހިފައި ލިބުނީ ކިންޝްލިކް އަށެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފަސޭހަކަމާ އެކު ބޯޅަ ފޮނުވާލައިފަ އެވެ.
ބަގާންގެ ލަނޑާ އެކު މާޒިޔާއިން ކުޅުން ރަނގަޅުކޮށް އެޓޭކްތައް ގިނަކުރަން ފެށި އެވެ. އަދި އެ ޓީމުން ވަނީ މެޗުގެ 54 ވަނަ މިނިޓްގައި ހަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އަސަދުﷲ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ބަގާންގެ ކީޕަރު ޕަވަން ކުމާރް މާޒިޔާގެ އުމެއިރަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އޭގެ ފަސް މިނިޓް ފަހުން ރަކިޗް ވަނީ މާޒިޔާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 59 ވަނަ މިނިޓްގައި ރަކިޗް ކާމިޔާބުކުރީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ލީޑު ބޮޑުވުމުން މާޒިޔާގެ ކުޅުން މެޗުގެ ފަހު 20 މިނިޓްގައި ފެނުނީ ލަސްކޮށެވެ. ބަގާނުން ދިޔައީ ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ ޓީމުގެ ޖޭޖޭ ވަނީ މެޗުގެ 76 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން މާޒިޔާގެ ގާސިމް ސައްމާމު (ސައްމެ) އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އޭގެ ފަހުން ބަގާނުން ފޮނުވާލި ހަމަލާތަށް ކީޕަރު މަޓިއަޝް ވަނީ މަތަކުރިއިރު ކައުންޓަ އެޓޭކުގައި މާޒިޔާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެ ޓީމަށް ހަ ވަނަ ލަނޑެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ރަކިޗަށެވެ. އިތުރު ވަގުތުގެ ތެރޭގައި އޭރިއާ ތެރެއިން ރަކިޗް ފޮނުވާލި ބޯޅަ ބަގާން ކީޕަރު ޕަވަން ވަނީ މަތަކޮށްފަ އެވެ.
މި މުބާރާތުުގައި މާޒިޔާ ދެން ކުޅޭ މެޗުގައި މި މަހު 17 ވަނަ ދުވަހު މާލޭގައި ނުކުންނާނީ އަބަހާނީއާ ދެކޮޅަށެވެ.
މާޔޫސްކަމުން އަރައިގަންނަން މާޒިޔާއާ ދެކޮޅަށް
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާއަށް ގެއްލޭނެ އެއްޗެއް ނެތް، ޖެހިލުމެއް ނުވާނެ
މާޒިޔާ ބަލިކޮށް މޯހަން ބަގާން އިންޓަ ޒޯން ސެމީ އަށް
މޯހަން ބަގާން އަތުން ބަލިވެ މާޒިޔާ ކަޓައިފި
ރީތި ފުޓްބޯޅައެއް ކުޅެވޭނީ ރޭގަނޑު މެޗު ކުޅެގެން
އަމާޒަށް ވާސިލްނުވިޔަސް މާޒިޔާ އެއް ފިޔަވަޅު ކުރިއަށް!
މާޒިޔާ އަށް ތައުރީފް ހައްގު: ބެންގަލޫރު ކޯޗު
މިއީ އިންސާފުވެރި ނަތީޖާއެއް ނޫން: ސެކުލޮސްކީ
މާޒިޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ