Roadha Mihaaru
މާޒިޔާ އަށް ތައުރީފް ހައްގު: ބެންގަލޫރު ކޯޗު

ނަސީބު އެހީވީ ބެންގަލޫރަށް، މާޒިޔާ އަށް ތައުރީފް ހައްގު: ރޮކާ

01 ޖޫން 2017

އޭއެފްސީ ކަޕުގައި ރޭ އިންޑިއާގެ ބެންގަލޫރަށް 1-0 އިން މާޒިޔާ އަތުން މޮޅުވެވުނީ ނަސީބު އެހީވުމުން ކަމަށާއި މާޒިޔާ އަށް ތައުރީފް ހައްގުވާ ކަމަށް ބެންގަލޫރުގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ އެސިސްޓަންޓް އަލްބާޓް ރޮކާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގައި ރޭ އިންޑިއާގެ ބެންގަލޫރަށް 1-0 އިން މާޒިޔާ އަތުން މޮޅުވެވުނީ ނަސީބު އެހީވުމުން ކަމަށާއި މާޒިޔާ އަށް ތައުރީފް ހައްގުވާ ކަމަށް ބެންގަލޫރުގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ އެސިސްޓަންޓް އަލްބާޓް ރޮކާ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ މި ފަހަރު ފޯމެޓަށް ގެނައި ބަދަލާ އެކު މި ޒޯނުގެ ގްރޫޕްތަކުން ދެ ވަނަ ބުރުގެ ޖާގަ ލިބެނީ ގްރޫޕް އެއް ވަނަ ޓީމަށެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު، ބެންގަލޫރަށް ގްރޫޕްގެ އެއް ވަނަ ލިބުނީ މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ދެ ޓީމު ބައްދަލުކުރި ދެ މެޗުން ވެސް ކުރި ހޯދާފައިވާތީ ހެޑް-ޓު-ހެޑް އިންނެވެ. ދެ ޓީމަށް ވެސް ލިބުނީ ހަ މެޗުން 12 ޕޮއިންޓެވެ.

"އަހަރެމެންނަށް އެނގޭ މޮޅުވުން މަޖުބޫރު މެޗެއްކަން މިއީ. އެހެންވެ ހުރިހާ ރިސްކެއް ނަގައިގެން ކުޅުނީ. މި ފެންވަރުގެ މެޗުތަކަށް ނުކުންނަން ޖެހޭނީ ރިސްކު ނަގައިގެން. އެކަމަކު ހަގީގަތުގައި މާޒިޔާ އަތުން ދެ މެޗުގައި ވެސް އަހަރެމެންނަށް މޮޅުވެވުމުގައި ނަސީބު ވަރަށް ބޮޑަށް އެހީވި. އެކަމަކު ނަސީބު އެހީވާނީ ވެސް މަސައްކަތްކުރާ ޓީމަކަށް،" ރޮކާ ބުންޏެވެ.

ރޭގެ މެޗުގައި ބެންގަލޫރުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ ސުނިލް ޗެތުރީ އެވެ. މެޗަށް ފަހު ރޮކާ ވަނީ ޗެތުރީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ހޯދި ބެންގަލޫރު މި ފަހަރު މުބާރާތުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވި އެވެ. އެކަމަކު ދެން ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ. މާޒިޔާ ވަނީ ބެންގަލޫރާ އެކު ކުޅުނު ދެ މެޗުން ފިޔަވާ ދެން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.

"މާޒިޔާ އަށް ތައުރީފް ހައްގު. އެ ޓީމުން މި ފަހަރު ދެއްކި ކުޅުމަށް ބަލާއިރު އެއްވެސް މެޗެއްގައި ދަށްކޮށް ކުޅެފައެއް ނުވޭ. އަހަރެމެންނަށް ދެ މެޗުން ވެސް މާޒިޔާގެ މައްޗަށް ކުރިހޯދުނީ އެންމެ ލަނޑަކުން. މާޒިޔާގެ ކޯޗު (ސެކުލޮސްކީ)ގެ ރޭވުމާ އެއްގޮތަށް ހުރިހާ މެޗެއްގައި އެ ޓީމުން ކުޅުނު އެކަމަކު ހަމައެކަނި މައްސަލަ އަކީ މުހިއްމު ދަނޑިވަޅުތަކުތަކުގައި ތަފާތު ނުދެއްކުން،" ރޮކާ ބުންޏެވެ.

އޭނާ ބުނީ އޭއެފްސީ ކަޕްގެ މިހާރުގެ ފޯމެޓްގެ ސަބަބުން އުނދަގޫ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއް ސަރަހައްދެއްގެ ޓީމުތައް ވާދަކުރަން ޖެހުމަކީ މުބާރާތުގެ ފޯރިގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މުބާރާތުގެ ދެ ވަނަ ބުރުގައި ބެންގަލޫރު ކުޅެން ޖެހޭ ޓީމެއް އެނގޭނީ މި މަހު ހަ ވަނަ ދުވަހު މެލޭޝިއާގެ ކުއާލަލަމްޕޫރުގައި އޮންނަ ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ.