Roadha Mihaaru
"މާޒިޔާ އަށް ތާރީހުން ޖާގަ ހޯދައިދޭން ބޭނުން"

މާޒިޔާ އަށް ތާރީހުން ޖާގަ ހޯދައިދޭން ބޭނުން: ސެކުލޮސްކީ

31 މެއި 2017

އޭއެފްސީ ކަޕުގެ ދެ ވަަނަ ބުރުން ފުރުސަތު ހޯދައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުން މާޒިޔާ އަށް ޖާގަ ހޯދައިދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭއެފްސީ ކަޕުގެ ދެ ވަަނަ ބުރުން ފުރުސަތު ހޯދައި ރާއްޖޭގެ ފުޓްބޯޅަ ތާރީހުން މާޒިޔާ އަށް ޖާގަ ހޯދައިދޭން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނެފި އެވެ.

ގްރޫޕްގެ ފަހު މެޗުގައި ބެންގަލޫރާ ދެކޮޅަށް ރަށުން ބޭރުގައި މިރޭ ކުޅޭއިރު މާޒިޔާ ގްރޫޕް އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން މާޒިޔާ ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެ ޓީމަށް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ދެ ވަނައިގައި އޮތް ބެންގަލޫރަށް ފަސް މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެ ޓީމަށް ފުރުސަތު ލިބޭނީ މިރޭ މޮޅުވެގެންނެވެ. ބަގާން ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މިއީ މާޒިޔާ އޭއެފްސީ ކަޕްގައި ވާދަކުރާ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ވަނީ އިސްމާއިލް މަހްފޫޒް (އިންމަ) އާއި އަލީ ސުޒޭންގެ ކޯޗުކަމުގައި އޭއެފްސީ ކަޕްގައި ވާދަކޮށްފަ އެވެ. އެހެން ނަމަވެސް ޖުމްލަކޮށް ބަލާއިރު އެ ހަތަރު ފަހަރު ވެސް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވެ އެވެ.

އޭއެފްސީ ކަޕް ފޯމެޓަށް މި ފަހަރު ގެނައި ބަދަލާ އެކު މި ޒޯނުގެ ގްރޫޕްތަކުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނީ ގްރޫޕްގެ އެއް ވަނަދާ ޓީމަށް އެކަންޏެވެ.

ސެކުލޮސްކީ ބުނީ މާޒިޔާ އަށް މެޗު އެއްވަރުކޮށްލައިގެން ދެ ވަނަ ބުރަށް ދެވެން އޮތް ނަމަވެސް ޓާގެޓް ކުރާނީ މޮޅަކަށް ކަމަށެވެ.

"އަހަރެމެންނަށް އެބައޮތް އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދެވެން. އެކަމަކު ޓާގެޓް ކުރާނީ މޮޅަކަށް. އެއީ އަހަރެންގެ ނަޒަރުގައި ފުޓްބޯޅަ ނުކުޅެވޭނެ އެއްވަރުކުރަން. އަމާޒަކީ މި މެޗުން މޮޅުވެ މާޒިޔާ އަށް ތާރީހުން ޖާގަ ހޯދައިދިނުން،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު ފަނަހައަޅައި މިހާތަނަށް ދިޔަ ހަމައެކަނި ދިވެހި ކްލަބަކީ ނިއު ރޭޑިއަންޓެވެ. އެ ޓީމުން 2005 ގައި ސެމީ ފައިނަލުން ޖާގަ ހޯދިއިރު 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅުނެވެ.

އޭއެފްސީ ކަޕްގައި މި ފަހަރު މާޒިޔާ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވީ މާލޭގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ސެކުލޮސްކީ ބުނީ ބެންގަލޫރަކީ މާލީ ގޮތުން ބަލާއިރު މި ސަރަހައްދުގެ އެންމެ ހައިބަތު ބޮޑު ކްލަބްކަމަށާއި އޭޝިއާ އަށް ބެލިޔަސް އެ ޓީމު ވަރުގަދަ ނަމަވެސް މާޒިޔާ އިން އެ ޓީމާ ދެކޮޅަށް ނުކުންނާނީ ކުޅެވުނު އެންމެ ރަނގަޅަށް ކުޅެ ނަތީޖާ ނެރުމަށް ކަމަށެވެ.

"އަހަރެމެން މާލޭގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ ފަހު ސިކުންތު ކޮޅުގެ ތެރޭގައި. ޖުމްލަކޮށް މުޅި އެ މެޗަށް ބަލާއިރު ވެސް އަހަރެމެންގެ ފެންވަރަށް ބަލާއިރު ރަނގަޅު ކުޅުމެއް ދެއްކި. މި ފަހަރު ބޭނުންވަނީ މި ޓީމުގެ ފެންވަރުގައި ކުރިން ކުޅުނު މެޗަށް ވުރެ ވަރުގަދަ ކުޅުމެއް ދައްކަން،" ސެކުލޮސްކީ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ވިކްޓަރީ އަތުން 1-0 އިން ބަލިވި މެޗުގައި އަނިޔާގެ ސަބަބުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ނުކުޅެ އެވެ. އެހެން ނަމަވެސް މިރޭގެ މުހިއްމު މެޗަށް މި ސީޒަނުގައި 11 ލަނޑު ޖަހާފައިވާ އަސަދުﷲ ވަނީ ފިޓްވެފަ އެވެ.

މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 18:45 ގަ އެވެ.