17 މެއި 2017
ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބަހާނީ ލިިމިޓެޑް ޑާކާގެ މައްޗަށް 2-0 އިން ކުރިހޯދައި އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު މާޒިޔާ އިން މިއަދު ބޮޑުކޮށްފި އެވެ.
ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން އަބަހާނީ ލިިމިޓެޑް ޑާކާގެ މައްޗަށް 2-0 އިން ކުރިހޯދައި އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު މާޒިޔާ އިން މިއަދު ބޮޑުކޮށްފި އެވެ.
މި މޮޅާ އެކު މާޒިޔާ ގްރޫޕް އީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު ބެންގަލޫރު އެފްސީ އެވެ. ބެންގަލޫރު މިރޭ ކުޅޭ މެޗުގައި ނުކުންނާނީ މޯހަން ބަގާންއާ ދެކޮޅަށެވެ. ބަގާން މި ވަގުތު ތިން ވަނައިގައި އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް އަބަހާނީ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
މި ޒޯނުގެ ގްރޫޕްތަކުން އަނެއް ބުރުގެ ޖާގަ ލިބޭނީ އެއް ވަނަ ދާ ޓީމަށެވެ. މާޒިޔާ ގްރޫޕްގެ ފަހު މެޗުގައި މި މަހު 31 ވަނަ ދުވަހު ބެންގަލޫރު އަތުން މޮޅުވެއްޖެނަމަ ދެ ވަނަ ބުރުގެ ޖާގަ މާޒިޔާ އަށް ލިބޭނެ އެވެ.
މިއަދުގެ މެޗަށް މާޒިޔާ އިން ނުކުތީ އެންމެ ފަހުން މި މުބާރާތުގައި މޯހަން ބަގާން އަތުން 5-2 އިން މޮޅުވި ފުރަތަމަ އެގާރަ އަށް ބަދަލެއް ނުގެނެސް އެވެ. މި މެޗަށް ނުކުތްއިރު ރާއްޖޭގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ކްރޮއޭޝިއާގެ ޑްރަގޯ މަމިޗްގެ އިރުޝާދުގެ ދަށުން ކުޅޭ އަބަހާނީ ވަނީ އެންމެ ފަހުން ކުުޅުނު މެޗުގައި ބެންގަލޫރުގެ މައްޗަށް ކުރިހޯދައިފަ އެވެ.
އޭއެފްސީ މެޗުތަކާ އަޅާކިޔާއިރު މިއަދު މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އެ ޓޭކިން ކުޅުމެއް ފެނުނުއިރު މެޗުގެ ފަސް ވަނަ މިނިޓްގައި މާޒިޔާގެ އަސްހަދު އަލީ (އަޑޭ) އަށް އަބަހާނީ އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނެވެ. މުހައްމަދު އިރުފާން (އިރޭ) ހުސްކޮށްލާފައި ދިން ބޯޅަ އަޑޭ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
އޭގެ ދެ މިނިޓް ފަހުން އަބަހާނީގެ ބިދޭސީ ފޯވާޑް އެމެކާ އޮނުހާ އަށް މާޒިޔާ އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ އަށް ބޭނުމެއް ނުކުރެވުނެވެ.
މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 12 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ހުސް ފުރުސަތެއް ލިބުނެވެ. އަރިމަތިން ސަމޫހް އަލީ (ސަމުއްޓެ) ނަގައިދިން ހުރަހަކުން ގޯލު ކުރިމަތިން އަސަދުﷲ ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ.
ކައުންޓަ އެޓޭކުގައި އަބަހާނީން ދިޔައީ މާޒިޔާ އަށް ނުރައްކާ ކުރަމުންނެވެ. މި ގޮތުން މެޗުގެ 14 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ކޯނަރަކުން ހުސްކޮށްހުރެ އެމެކާ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާ ވާގޮތެއްނުވި އެވެ.
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ރަކިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު
މެޗުގެ 25 ވަނަ މިނިޓްގައި މާޒިޔާގެ އަލެކްސަންޑަ ރަކިޗް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން ރަކިޗް ފޮނުވާލި ބާރު ޝޮޓް އަބަހާނީ ކީޕަރު ޝާހިދުލް އާލަމް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފްގެ ފަހު 15 މިނިޓްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ލަސްކުޅުމެކެވެ. އަދި ދެ ޓީމަށް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ފުރުސަތު ލިބުނީ އަބަހާނީ އަށެވެ. މެޗުގެ 48 ވަނަ މިނިޓްގައި ކޯނަރަކުން ޔާސިން ހާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ބޭރުން މާޒިޔާގެ އަޑޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މާޒިޔާ އިން ދިޔައީ އަބަހާނީ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައި އެޓޭކް ގިނަ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 59 ވަނަ މިނިޓްގައި އުމެއިރު ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ.
އޭރިއާ ބޭރު އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އުމެއިރު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. އެ ބޯޅައިގައި ބޮލުން ޖަހަން މާޒިޔާގެ ރުމޭނިއާ ޑިފެންޑަރު އަންދްރެސް ކޯޑޯސް މަސައްކަތް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާ ބޮލުގައި ނުޖެހި އެވެ. މިއީ އުމެއިރު މި ފަހަރު އޭއެފްސީ ކަޕްގައި ޖެހި ހަތަރު ވަނަ ލަނޑެވެ.
ހާފްގެ މެދުތެރެއިން މާޒިޔާ އިން ވަނީ އުމެއިރުގެ ބަދަލުގައި އަހުމަދު އިމާޒް (އާއްކޮ) ކުޅެން އަރުވައިފަ އެވެ. އަދި އަސަދުﷲގެ ބަދަލުގައި ހުސެއިން ނިޔާޒް (ބޮކުރީ) ވަނީ ކުޅެން އަރުވައިފަ އެވެ.
މެޗުގެ 83 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުފުޅާކުރުމާ ގާތަށް ޖެހިިލި އެވެ. އަބަހާނީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން އަޑޭ ހުސްކޮށްލާފައި ދިން ބޯޅަ ރަކިޗް ފޮނުވާލުމުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ދެ ވަނަ ފަހަރަށް ބޮކުރީ އަށް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޝާހިދުލް ވަނީ މަތަކޮށްފަ އެވެ.
ނަމަވެސް އޭގެ ދެ މިނިޓް ފަހުން ރަކިޗް ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭރިއާ ތެރެއިން ބޮކުރީ ފޮނުވާލި ބޯޅަ ކީޕަރު ޝާހިދުލް އަތުގައި ޖެހިފައި ލިބުނީ ރަކިޗަށެވެ. އޭމާ ވަނީ ފަސޭހަ ކަމާ އެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި އަބަހާނީގެ އެމެކާ ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން މެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު އެމެކާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މި ފަހަރު އޭއެފްސީ ކަޕްގައި މާޒިޔާ އިން ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. މާޒިޔާ ބަލިވީ އަމިއްލަ ދަނޑުގައި ބެންގަލޫރު އަތުންނެވެ.
އަމާޒަށް ވާސިލްނުވިޔަސް މާޒިޔާ އެއް ފިޔަވަޅު ކުރިއަށް!
މާޒިޔާ އަށް ތައުރީފް ހައްގު: ބެންގަލޫރު ކޯޗު
މިއީ އިންސާފުވެރި ނަތީޖާއެއް ނޫން: ސެކުލޮސްކީ
މާޒިޔާ އަށް ދެ ވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ
"މާޒިޔާ އަށް ތާރީހުން ޖާގަ ހޯދައިދޭން ބޭނުން"
ބޮޑު މެޗަށް އަސަދުﷲ ފިޓްވެ މާޒިޔާއަށް ހިތްހަމަޖެހުމެއް
"ކުޅުންތެރިންނަށް ފުރިހަމަ އަށް އިހުތިރާމްކުރަން"
ބެންގަލޫރު ބަލިވެ މާޒިޔާ އަށް ގްރޫޕްގެ އެއް ވަނަ
ފުރުސަތު ދަމަހައްޓަން އަބަހާނީ ބަލިކުރަންޖެހޭ: އަސަދުﷲ
"މިއީ އަނެއް ބުރަށްދާން މަސައްކަތް ފަށަންވީ ވަގުތު"