Roadha Mihaaru
ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ޗެލްސީ އަށް

ޕޯޗުގަލްގެ ޕެޑްރޯ ނެޓޯ ޗެލްސީ އަށް

12 އޯގަސްޓް 2024

ވުލްވްސް އަށް ކުޅެމުން އައި ޕޯޗުގީސް ވިންގާ ޕެޑްރޯ ނެޓޯ 60 މިލިއަން ޔޫރޯގެ އަގަކަށް ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

ވުލްވްސް އަށް ކުޅެމުން އައި ޕޯޗުގީސް ވިންގާ ޕެޑްރޯ ނެޓޯ 60 މިލިއަން ޔޫރޯގެ އަގަކަށް ޗެލްސީ އަށް ބަދަލުވެއްޖެ އެވެ.

ނެޓޯ ވަނީ ޗެލްސީއާ އެކު އިއްޔެ ހަތް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ އަކީ ޗެލްސީއާ މި ސީޒަނުގެ ޓްރާންސްފާ ބާޒާރުގައި ގުޅުނު ނުވަ ވަނަ ކުޅުންތެރިޔާ އެވެ.

ޕޯޗުގަލް ގައުމީ ޓީމަށް 10 މެޗު ކުޅެދީފައިވާ ނެޓޯ އަކީ އެ ގައުމުގެ ސްޕޯޓިން ބްރާގާގެ އުފެއްދުމެކެވެ. އޭނާ ވަނީ އެ ޓީމުން ސީނިއާ ކެރިއަރު ފެށުމަށް ފަހު އިޓަލީގެ ލާޒިއޯ އަށް ވެސް ކުޅެފަ އެވެ. ނެޓޯ ވިދާލަން ފެށީ 2019 ވަނަ އަހަރު ވުލްވްސްއާ ގުޅުނު ހިސާބުންނެވެ.

"ޗެލްސީއާ ގުޅެވުމުން މިހިރީ ވަރަށް އުފާވެފައި. މި ހިސާބަށް އަންނަން ކެރިއަރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރިން،" ނެޓޯ ބުންޏެވެ.

ޗެލްސީން ވަނީ އިއްޔެ އިންޓަ މިލާނާ 1-1 އިން އެއްވަރުވި އެކުވެރިކަމުގެ މެޗުގެ ފުރަތަމަ ހާފަށް ފަހު އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ނެޓޯ ތައާރަފުކޮށްފަ އެވެ.

ޗެލްސީން އަންނަނީ ވަރަށް ގިނަ ކުޅުންތެރިން ވިއްކާލަން ވެސް މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ފޯވާޑް ރޮމެލޫ ލުކާކޫ އާއި ޑިފެންޑަރު ޓްރެވޯ ޗަލޮބާ ހިމެނެ އެވެ. ލޯން އުސޫލުން މިދިޔަ ސީޒަނުގައި ރޯމާ އަށް ކުޅުނު ލުކާކޫ ގެންދަން ނަޕޯލީން އަންނަނީ މަސައްކަތްކުރަމުންނެވެ.