Roadha Mihaaru
ގުޅިފަޅުން ބިން ދެވޭނެ ދުވަހެއް ނޭނގޭ: ހައިދަރު

ގުޅިފަޅުން ބިން ދެވޭނެ ދުވަހެއް ނޭނގޭ: ހައިދަރު

12 އޯގަސްޓް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފަޅުން ކަނޑައަޅާފައި ހުރި ބިންތައް ލިބުނު މީހުންނަށް ދޫކުރެވޭނެ ތާރީހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ގިނަ ސަބަބުތަކެއް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފަޅުން ކަނޑައަޅާފައި ހުރި ބިންތައް ލިބުނު މީހުންނަށް ދޫކުރެވޭނެ ތާރީހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ގިނަ ސަބަބުތަކެއް ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުން ބިން ލިބުނު މީހުންނާ ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް މިވަގުތު ކަނޑައަޅަން ދަތިވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

އެއް ސަބަބެއް ކަމަށް ވިދާޅުވީ، ގުޅިފަޅުގެ ބޮޑު ބައެއްގައި ތިލަމާލެ ބްރިޖުގެ ސައިޓު ހިންގުމާއި ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާތީ ކަމަށެވެ. އެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ހެވީ ވެހިކަލްތައް ދަތުރުކުރުމުގެ ސަބަބުން ކުރިން ގޯތިތަކުގެ އިން ވަކިކުރުމަށް ޖަހާފައިވާ ކަންމުޑިތައް ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އެހެންވެ ބިން ވަކިކޮށް، ހަވާލު ކުރެވޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ އަންނަ އަހަރު ސެޕްޓެމްބަރު މަހަށް އެ ސައިޓު ހުސްކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ދެ ވަނަ މައްސަލައަކީ ހައިދަރު ވިދާޅުވިގޮތުގައި، މީހުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަކަށް ކުރީގެ ސަރުކާރުން ބިން ދޫކުރުމެވެ.

އެހެންވެ، މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭނެއް އަލުން ހަދާފައިވާ ކަމަށާއި ގުޅިފަޅު ކޮމިއުނިޓީއާ ބައްދަލުކޮށް، އެ ޕްލޭނަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާރު އޮތީ ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމުގެ މަރުހަލާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައ މިނިސްޓަރު ހައިދަރު، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައ މިނިސްޓަރު ހައިދަރު، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

"ގުޅިފަޅަށް ބަދަލުކުރަން ޖެހޭ ގިރާވަރު ފަޅުން ވެސް [ގޯތި ލިބުނު] ބައެއް. އެ މަސައްކަތް ވެސް ކޮށް ނިންމާފައި އޮންނާނީ. ގުރުއަތު ހޮވައިގެން ލިބުނު ފަރާތްތަކަށް ގުޅިފަޅުން ޖާގަ ދޭ ގޮތަށް ވާނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް އަދި އެއްކޮށް ނިންމައި ނުލެވޭތީ، އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް އެ ކުންފުންޏާ އެކު، މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައިދަރު ވިދާާޅުވި އެވެ. ގުޅިފަޅުގެ ބިންތައް ހަވާލުކުރެވޭނީ 85 ހެކްޓަރުގެ ބިން ހިއްކައި ނިމުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ނިންމާފައި އޮތީ ގުޅިފަޅަށް ޕޯޓާ އެކު ބިންތައް ވެސް ދޫކުރުމަށެވެ. އެހެންވެ މީހުން ދިރިއުޅެން ކަނޑައަޅާފައި އޮތީ ވަރަށް ކުޑަ ޖާގައެކެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ނިންމައި ގުޅިފަޅުން އިތުރު ބައިތަކެއް ވެސް ހިއްކަން ކަނޑައަޅައިފަ އެވެ. އެ އިތުރުވާ ޖާގައިން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ.