Roadha Mihaaru
ހައިޖާނުގަނޑުގައި އަބަހާނީގެ ޓްރޮފީތައް ވަގަށް ނަގައިފި

ހަމަނުޖެހުންތަކުގައި އަބަހާނީގެ ޓްރޮފީތައް ވަގަށް ގެންގޮސްފި

07 އޯގަސްޓް 2024

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާ ހޯމަ ދުވަހު އިސްތިއުފާ ދެއްވައި ފިއްލެވުމާ އެކު އެ ގައުމަށް ކުރިމަތިވެފައިވާ ހަލަބޮލިކަމުގެ ތެރޭގައި، ބަންގްލަދޭޝް ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އަބަހާނީ ލިމިޓެޑް ޑާކާގެ ޓްރޮފީ ކެބިނެޓު ލޫޓުވާލައިފި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާ ހޯމަ ދުވަހު އިސްތިއުފާ ދެއްވައި ފިއްލެވުމާ އެކު އެ ގައުމަށް ކުރިމަތިވެފައިވާ ހަލަބޮލިކަމުގެ ތެރޭގައި، ބަންގްލަދޭޝް ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ އަބަހާނީ ލިމިޓެޑް ޑާކާގެ ޓްރޮފީ ކެބިނެޓު ލޫޓުވާލައިފި އެވެ.

ޝެއިޚް ހަސީނާގެ ވެރިކަން ވެއްޓުމާ އެކު ކުލަބުގެ ހެޑް އޮފީސް ހުންނަ ސަރަހައްދުގައި އާއްމުން އެކިއެކި ހަމަނުޖެހުންތައް ހިންގައި، އޮފީހުގެ ޓްރޮފީ ކެބިނެޓު ވަނީ މުޅިން "ސާފު" ކޮށްލައިފަ އެވެ.

"އަބަހާނީގެ ހުރިހާ ޓްރޮފީއެއް ވަނީ ގެންގޮސްފައި. ފައިސާއާއި ލެޕްޓޮޕްތަކާއި ގޮނޑިއާއި އެއާކޯނުތަކުގެ އިތުރުން ވެސް ވިއްކާލެވޭނެހެން ހީވާ ހުރިހާ އެއްޗެއް ގެންދިޔަ،" އަބަހާނީގެ ޖެނެރަލް މެނޭޖަރު ސުބާޝް ޝޯމޭ، އެގައުމުގެ ޑާކާ ޓްރައިބިއުން ނޫހަށް ދިން އިންޓަވިއުގައި ބުނެފައިވެ އެވެ.

އޭނާ ހާމަކުރި ގޮތުގައި އަބަހާނީގެ ޓްރޮފީ ކެބިނެޓުގައި 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ޓްރޮފީ ހުންނާނެ އެވެ.

އަބަހާނީ ލިމިޓެޑް ޑާކާގެ އޮފީހަށް ގެއްލުން ދީފައި.

އަބަހާނީ ލިމިޓެޑް ޑާކާގެ އޮފީހަށް ގެއްލުން ދީފައި.

މުޅިން އަލަށް ހަދާފައިވާ ކުލަބުގެ އޮފީހުގެ ހަތް ކޮޓަރި ވަނީ، މި ހާދިސާތަކުގައި މުޅިން ސުންނާފަތި ކޮށްލައިފަ އެވެ.

އޮފީހަށް އެއްލުން ދިން ވަގުތު އެތަނުގައި ހުރި ކުލަބުގެ އޮފިޝަލެއް ބުނި ގޮތުގައި، އެ އަމަލު ހިންގާފައި ވަނީ 100 އެއްހާ މީހުންގެ ގްރޫޕަކުންނެވެ. އަދި ފަހުން އިތުރު މީހުން ވެސް އެ ސަރަހައްދަށް ގޮސް އެމީހުންނާ ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.

ޝެއިޚް ހަސީނާގެ ބޭބެ، ޝެއިޚް ކަމާލް 1972 ވަނަ އަހަރު އަބަހާނީ ކްރީރާ ޗަކްރާ ނަމުގައި އުފެއްދި މި ކްލަބަކީ ބަންގްލަދޭޝްގެ ކުޅިވަރުގެ ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ.

އަބަހާނީ ލިމިޓެޑް ޑާކާގެ ޓްރޮފީ ކެބިނެޓު.

އަބަހާނީ ލިމިޓެޑް ޑާކާގެ ޓްރޮފީ ކެބިނެޓު.

އެޓީމުން ވަނީ ބަންގްލަދޭޝް ޕްރިމިއާ ލީގު އުފެއްދުމުގެ ކުރިން 11 ފަހަރު ޑާކާ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި އެ ޓީމުން ވަނީ ފަހުން ރެކޯޑް ހަ ފަހަރަށް ބަންގްލަދޭޝް ޕްރިމިއާ ލީގު ތަށި ވެސް އުފުލާލައިފަ އެވެ. މީގެ އިތުރުން އެޓީމުން ވަނީ 12 ފަހަރު ފެޑެރޭޝަން ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ. ކްރިކެޓާއި ހޮކީގައި ވެސް އެ ޓީމުން ވަނީ ގިނަ ތަށިތަކެއް ހޯދައިފަ އެވެ.

އަބަހާނީ ލިމިޓެޑްގެ އޮފީހުގެ އިތުރުން، ޝެއިޚް ޖަމާލް ދަންމޮންޑީ ކްލަބް ލިމިޓެޑް ފުޓްބޯޅަ ކްލަބްގެ އޮފީހަށް ވެސް ގެއްލުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކްލަބުގެ ޓްރޭނިން ވަސީލަތްތަކާއި ޖިމަށް ވެސް ގެއްލުން ދީފައިވެ އެވެ.