Roadha Mihaaru
ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު ވެސް އިސްތިއުފާދެނީ

މުޒާހަރާކުރާ މީހުން މުހުލަތެއް ދިނުމުން ބަންގްލާދޭޝްގެ އުއްތަމަ ފަނޑިޔާރު އިސްތިއުފާ ދެއްވަނީ

10 އޯގަސްޓް 2024

ބަންގްލާދޭޝްގައި އެތައް އަހަރެއް ވަންދެން ވެރިކަމުގައި ހުންނެވި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާކުރި މީހުން އެ ގައުމުގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ހަސަންގެ އިސްތިއުފާ އަށް ގޮވާލައި މުހުލަތެއް ދިނުމާ އެކު މަގާމު ދޫކޮށްލެއްވުމަށް އެއްބަސްވެވަޑައިގެންފި އެވެ.

ބަންގްލާދޭޝްގައި އެތައް އަހަރެއް ވަންދެން ވެރިކަމުގައި ހުންނެވި ޝައިޚް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާކުރި މީހުން އެ ގައުމުގެ އުއްތަމަ ފަނޑިޔާރު އުބައިދުލް ހަސަންގެ އިސްތިއުފާ އަށް ގޮވާލައި މުހުލަތެއް ދިނުމާ އެކު މަގާމު ދޫކޮށްލެއްވުމަށް އެއްބަސްވެވަޑައިގެންފި އެވެ.

އުބައިދުލް ހަސަން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރު އެވެ. އޭނާ އަކީ އިސްތިއުފާ ދެއްވި ހަސީނާއަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި އޮންނަނީ ލޭބަލް ވެފަ އެވެ.

އުއްތަމަ ފަނޑިޔާރުކަން ދޫކޮށްލެއްވުމަށް އޭނާ އެއްބަސްވެ ވަޑައިގަތީ މުޒާހަރާކުރާ މީހުން ކޯޓު ދޮށަށް އެއްވެ އަޑުއުފުލަމުން ދަނިކޮށެވެ. ކޯޓު ދޮށަށް މީހުން އެއްވީ އުއްތަމަ ފަނޑިޔާރު ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއްކުރައްވައިގެން ބައްދަލުވުމެއް ބާއްވަމުން ގެންދަވާ ކަމުގެ މައުލޫމާތު ލިބުމާ އެކުގަ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާ އަށް ގޮވާލި މީހުން ތުހުމަތުކުރާ ގޮތުގައި އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރައްވަނީ ޖުޑީޝަރީގެ ތެރެއިން ބަޣާވާތެއް ގެނައުމަށެވެ.

އުއްތަމަ ފަނޑިޔާރު ވަނީ ރައީސް މުހައްމަދު ޝަހާބުއްދީނާ މަޝްވަރާކުރެއްވުމަށް ފަހު އިސްތިއުފާފެ ސިޓީ ރަސްމީކޮށް ފޮނުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ހަސީނާއަށް ވަފާތެރި ބޭފުޅުން ކަމަށާއި އެހެންވެ އޭނާގެ ވެރިކަން ނިމުމަކަށް ގެނެސްފައިވާ ހާލަތުގައި އެ ބޭފުޅުން ކަންކަން ނިންމަވާނީ ސިޔާސީ ގޮތުން ކަމަށް ބުނެ ދެން ތިއްބެވި ހަތް ފަނޑިޔާރުންގެ އިސްތިއުފާއަށް ވެސް، މުޒާހަރާކުރާ ދަރިވަރުންގެ ލީޑަރުން ވަނީ ގޮވާލައިފަ އެވެ.

ހަސީނާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމަށް ގެންގުޅޭ އުސޫލާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާގައި އެދުނު ގޮތަށް ސަރުކާރުން އަމަލުނުކޮށް މުޒާހަރާތަކުގައި ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ހަމަނުޖެހުމަށް ފަހުގަ އެވެ. އެންމެ ފަހުން އެ މުޒާހާރާގެ މިސްރާބު، ހަސީނާގެ ވެރިކަން ނިންމުމަށް ބަދަލުވެ ހަސީނާގެ ރަސްމީ ގެކޮޅު ކައިރިއަށް އެތައް މިލިއަން ބަޔަކު އެއްވުމާ އެކު ހަސީނާ ގައުމުން ބޭރަށް ވަޑައިގެން އިސްތިއުފާ ދެއްވީ އެވެ.

އަސްކަރީގެ ބެލުމުގެ ދަށުން ވަގުތީ ސަރުކާރެއް އެކުލަވާލައި މިހާރު ވަނީ މުޅި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.