Roadha Mihaaru
ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަން ފަށައިފި

އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އަނެއްކާވެސް އާންމުކުރަން ފަށައިފި

06 އޯގަސްޓް 2024

އެކިއެކި ކުށްތަކުގެ ތުހުމަތުތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާއްމުކުރަން ފުލުހުން އަނެއްކާވެސް ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެކިއެކި ކުށްތަކުގެ ތުހުމަތުތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާއްމުކުރަން ފުލުހުން އަނެއްކާވެސް ފަށައިފި އެވެ.

އެކި މައްސަލަތަކުގެ ތުހުމަތަށް ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރުން ފުލުހުން ހުއްޓާލިތާ ދުވަސްގަނޑަކަށް ފަހު، ފޮޓޯތަކާއި ނަންތައް އާންމުކުރަން ފެށީ މީގެ ހައެއްކަ ދުވަސް ކުރިންނެވެ. ފަހަކަށް އައިސް ބައެއް މައްސަލަތަކުގައި ފޮޓޯތައް އާންމު ކުރަން ފެށީ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ ހިސާބުންނެވެ. އެއީ ވެސް ފުލުހުން ބޭނުންވާ މައްސަލަތަކުގައި އެކަންޏެވެ.

އެކަމަކު، މެދު ކެނޑުމަކަށް ފަހު، ހުޅުމާލޭގައި ފްލެޓެއްގެ ތެރޭގައި ހަށިވިއްކާ ކަމަށް ތުހުމަތުކުރާ ނެޓްވޯކާއި ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓެއްގައި ހައްޔަރުކުރި މީހުންނާއި ޑްރަގްގެ މައްސަލަތަކެއްގައި މި ފަހުން ހައްޔަރުކުރި މީހުންގެ ފޮޓޯއާ އެކު ވަނަވަރު ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. އަދި ވ. ބޮޑުމޮހޮރާގައި ބަނގުރާ ގެންގުޅެ، ވިއްކަމުންދިޔަ ބައެއްގެ ފޮޓޯ އާއި ނަންތައް ވެސް މިއަދު އާންމުކުރި އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ކުޑަކުދިންނާ ގުޅުން ހުރި ކުށްތައް ފިޔަވައި އެހެނިހެން ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާއްމުކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

އެކަމަކު، އެ ބަދަލު ގެންނަން ފެށި ސަބަބު ވިދާޅެއް ނުވެ އެވެ.

ކުށްތަކުގައި ތުހުމަތުކުރާ މީހުންގެ ވަނަވަރު ހާމަކުރަން ލިޔެފައިވާ އުސޫލެއް ނޯވެ އެވެ. ނަމަވެސް، ތަހުގީގަށް ހުރަސްނޭޅޭ ނަމަ އެ ފަދަ މައުލޫމާތު ހާމަކުރެވެން އޮންނަ ވަރަށް މިހާރު ވެސް ހާމަކުރާ ކަމަށް ޝިފާން ކުރިން ވިދާޅުވި އެވެ.

ޖިނާއީ ކުށްތަކާ ގުޅޭ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ކުށްތަކުގައި ތުހުމަތުކުރާ މީހުންގެ ވަނަވަރު އާއްމުކުރާއިރު، އާއްމުންގެ ރައްކާތެރިކަމާއި ޝައުގުވެރިކަމަށް ބަލަންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން، ތަހުގީގުގެ ކުރިއެރުމަށް ވެސް ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.